Roadha Mihaaru
މެމްބަރުންގެ މުސާރަ ކުޑަކޮށް، ނަމޫނާ ދައްކަން އެދިއްޖެ

މެމްބަރުންގެ މުސާރަ ކުޑަކޮށް، ހަރަދު ކުޑަކުރުމުގައި ނަމޫނާ ދައްކަން މުސްތަފާ އެދިވަޑައިގެންފި

28 ޖޫން 2024

އިގުތިސާދީ މި ދަތި ދަނޑިވަޅުގައިި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ ކުޑަކޮށް ނަމޫނާ ދެއްކުމަށް، މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު މުސްތަފާ ހުސެއިން އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިގުތިސާދީ މި ދަތި ދަނޑިވަޅުގައިި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ ކުޑަކޮށް ނަމޫނާ ދެއްކުމަށް، މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު މުސްތަފާ ހުސެއިން އެދިވަޑައިގެންފި އެވެ.

އޭނާ "އެކްސް"ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެމްބަރުންގެ ހައިސިއްޔަތުން ނަމޫނާ ދައްކަވައި މުސާރަ ކުޑަކުރަން ހުށަހަޅުއްވާ ކަމަށެވެ. އެ ބަދަލު ގެނައުމަށް މަޖިލިހުގެ ތަޅުމުގައި "ފެހި ބަޓަން" އަށް ފިއްތާލެއްވުމަށް އޭނާ ހުންނެވީ ފުރިހަމަ އަށް ތައްޔާރަށް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު މެމްބަރުންނަށް މަހެއްގެ މައްޗަށް 62،000ރ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. އާ އެކު މަހެއްގެ މައްޗަށް 82،500ރ. ލިބެ އެވެ. އެ މުސާރަ ބޮޑުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އެވެ. ނަމަވެސް، ކޮމިޓީ މަރުހަލާ އިން އެ މަސައްކަތް މަޑުޖައްސައިލީ އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓަށް ފައިނޭންސް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވުމާ އެކު، ރާއްޖެ މިހާރު މިސްރާބު ޖަހާފައި ވަނީ ހަރަދު ކުޑަކުރުމާ ދިމާއަށެވެ. އަދި ސަރުކާރުގެ ހުރިހާ ފޯކަސްއެއް ވެސް މިހާރު ހުރީ ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އަދި އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަކީ ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅެކެވެ

މި އަހަރުގެ މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމާއި މިނިވަން ދުވަހުގެ ޖަލްސާއެއް އެކަނި ބާއްވައި، ހަރަދުތައް އެތައް ގުނައަކުން ކުޑަކުރަން ނިންމައި އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމަވައި އޭގެ ތެރެއިން ބައެއް ކަންކަން ރައީސް އިއުލާން ކުރެއްވީ ވެސް މި އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ހުރުމުންނެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުން އަވަސްކޮށް، އެ ކަމަށް ތާވަލެއް ކަނޑައަޅަން ވެސް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގެންދަވަނީ ސަރުކާރަށް ގޮވާލައްވަމުންނެވެ.