Roadha Mihaaru
މާލެ/ހުޅުމާލެ ފައިބާއޮޕްޓިކް އާ ނެޓްވޯކަކުން ގުޅާލައިފި

މާލެ އާއި ހުޅުމާލެ ފައިބާ އޮޕްޓިކް އާ ނެޓްވޯކަކުން ގުޅާލައިފި

02 ޖުލައި 2024

މާލެ އާއި ހުޅުމާލެ މުޅިން އާ ފައިބާ އޮޕްޓިކް ނެޓްވޯކަކުން މިއަދު ގުޅާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ އާއި ހުޅުމާލެ މުޅިން އާ ފައިބާ އޮޕްޓިކް ނެޓްވޯކަކުން މިއަދު ގުޅާލައިފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެ އާއި ހުޅުމާލެ ޑިޖިޓަލީ ގުޅުވާލަދޭ މުޅިން އާ ހައި ކެޕޭސިޓީ ފައިބާ އޮޕްޓިކް ނެޓްވޯކް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ހުޅުމާލެ 1 އާއި 2 ގައި އެ ނެޓްވޯކް ގާއިމްކޮށްފައި ވިޔަސް، މިއީ މާލެ އާއި ހުޅުމާލެއާ ދެމެދު މި ހިދުމަތް ގުޅާލި ފުރަތަމަ ފަހަރު ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ނެޓްވޯކުގެ ތެރެއިން ލީސް ލައިން އާއި ޑާކް ފައިބާގެ ހިދުމަތަށް އެދުމުގެ ފުރުސަތު ވިޔަފާރިތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މިއީ ވިޔަފާރިތަކަށް އެކަށީގެންވާ ކުޑަ އަގެއްގައި ދޫކުރާ ހިދުމަތްތަކެކެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ޑޭޓާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެކެވެ. މި އާ ނެޓްވޯކްއާ އެކު، ވިޔަފާރިތައް ބާރުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ޑާކް ފައިބާ ކަނެކްޓިވިޓީ ހިދުމަތަށް ފުރަތަމަ ސޮއިކުރި ކަސްޓަމަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކަމަށެވެ. އެ ބޭންކާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހު ހަތަރެއްގައި ކަމަށެވެ.

"މި ހިދުމަތަށް އެދޭ ވިޔަފާރިތަކަށް އެންމެ އަވަސް ސްޕީޑުގައި ކަނެކްޝަން ގުޅައިދެވޭނެ އެވެ. އެއާއެކު ކަސްޓަމަރުންނަށް ދިމާވެދާނެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެންގެ ޓީމުގެ ފަރާތުން 24 ގަޑިއިރުގެ ހިދުމަތް ލިބިގެންދާނެ އެވެ،" އެޗްޑީީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި ހިދުމަތް ފެށުމާ އެކު މިހާރު ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ތެރެއިން، ކޮންމެ ކަސްޓަމަރަކަށް ވެސް އެއް މަސް ދުވަހުގެ ފްރީ ޓްރަޔަލް ޕީރިއަޑެއް ލިބޭނެ އެވެ.

ރާއްޖޭގެ ވިޔަފާރިތަކަށް އަތްފޯރާ ފަށުގައި ޑޭޓާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ އިތުރުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާ ވެސް ލުއިގޮތްތަކެއް ހޯދައިދިނުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.