Roadha Mihaaru
ގޭމަރުންނަށް "ދިރާގު ގޭމާސް ގިލްޑް" ޕްލެޓްފޯމެއް

އީސްޕޯޓްސްއަށް އިންގިލާބީ ބަދަލެއް؛ ގޭމަރުންނަށް "ދިރާގު ގޭމާސް ގިލްޑު"

05 ޖުލައި 2024

ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށްގެން "ދިރާގު ގޭމާސް ގިލްޑް" ޕްލެޓްފޯމު ރޭ ލޯންޗުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށްގެން "ދިރާގު ގޭމާސް ގިލްޑް" ޕްލެޓްފޯމު ރޭ ލޯންޗުކޮށްފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމު ލޯންޗުކޮށްދެއްވީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، މިނިސްޓަރު އަބްދުلله ރަފީއު އެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މި ޕްލެޓްފޯމަކީ އެ ކުންފުނިން ޒުވާނުން ބާރުވެރިކުރުވުމަށް ދޭ އަހައްމިއްޔަތުގެ ދަށުން، ރާއްޖޭގައި ޒުވާން ގޭމަރުންނަށް ފަހި ފުރުސަތުތަކެއް ހޯދާދިނުމުގެ ގޮތުން ގާއިމުކުރި ޕްލެޓްފޯމެއް ކަމަށެވެ. އަދި މިއީ، ރާއްޖޭގެ ގޭމިން އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ޕްލެޓްފޯމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މި ޕްލެޓްފޯމަކީ ގޭމިން ކޮމިއުނިޓީއާ މަޝްވަރާކޮށް، ގޭމަރުން ދިން ހިޔާލުތަކުގެ މއްޗަށް ބިނާކޮށް ފަރުމާކުރި ޕްލެޓްފޯމެއް. އަޅުގަނޑުމެން ބޭނުންވީ މި ދާއިރާ ރިވަލޫޝަނައިޒްކުރަން، ދާއިރާގެ ކުދިންގެ އިރުޝާދާ އެކު. ގޭމަރުން އެދޭ ފަދަ ވާޗުއަލް ޕްލެޓްފޯމެއް މިއީ. އަޅުގަނޑު ގަބޫލުކުރަނީ މި ޕްލެޓްފޯމާ އެކު އީގޭމިން އިތުރު ހަރުފަތަކަށް ދާނެ ކަމަށް." ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްލެޓްފޯމާ އެކު ބައިނަލްއަގުވާމީ މައިދާނުގައި ވެސް ވާދަކުރެވޭނެ ފެންވަރުގެ ހުނަރުވެރި ގޭމަރުންތަކެއް ބިނާވެ، ބައިނަލްއަގުވާމީ މުބާރާތްތަކުން ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުلله ރަފީއު ވިދާޅުވީ ގޭމިންގެ ދާއިރާ އަކީ މުސްތަގުބަލު އުޖާލާ ދާއިރާއެއް ކަމަށެވެ. އަދި މިއީ ސަރުކާރުން ވެސް ކުރިއަރުވަން ބޭނުންވާ ދާއިރާއެއް ކަމަށެވެ. އުއްމީދަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް، ރާއްޖެއަށް ރަން ވަނަތަކެއް ހޯދާދޭނެ ގޭމަރުންތަކެއް ބިނާވެގެން ދިއުން ކަމަށް ވެސް ވިދާޅުވި އެވެ.

ގޭމަރުންނަށް ޑީޖީޖީގެ މައުލޫމާތު ހިއްސާކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ގޭމަރުންނަށް ޑީޖީޖީގެ މައުލޫމާތު ހިއްސާކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ޕްލެޓްފޯމުގައި ކޮންމެ ގޭމަރަކަށް ވެސް އަމިއްލަ ޕްރޮފައިލްއެއް ކްރިއޭޓުކުރެވޭނެ އެވެ. މި ޕްރޮފައިލުން އެ ގޭމަރެއް ކުޅެފައިވާ ގޭމުގެ އަދަދާއި ބައިވެރިވެފައިވާ ޓޯނަމަންޓުތަކުގެ އަދަދާއި މޮޅުވި ގޭމުތަކުގެ ތަފްސީލުތައް ވެސް އިނގޭނެ އެވެ.

މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ރާވާ ގޭމިން ޓޯނަމެންޓުތަކުގެ މައުލޫމާތު ވެސް ލިބޭނެ އެވެ. އަދި މި ޕްލެޓްފޯމުގައި ޓޯނަމަންޓުގެ އެންމެ މޮޅު ޓީމާއި ގޭމަރުންގެ މައުލޫމާތު ފެންނާނެހެން ލީޑާބޯޑެއް ވެސް ހުރެ އެވެ.

މި ޕްލެޓްފޯމްއިން ގޭމުކުޅެން ހާއްސަކޮށް ދިރާގުން ތައްޔާރުކޮށްފައިވާ ޑޭޓާ ޕެކުތައް ހިޔާރުކުރެވޭނެ އެވެ. އަދި މި ޕްލެޓްފޯމު މެދވެރިކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ބައިވެރިވެވޭނެ އެވެ.

ދިރާގުން މި ގޭމިން ޕްލެޓްފޯމު ލޯންޗުކުރީ ދެ ދުވަހުގެ ވޯކް-އިން ގޭމިން މުބާރާތަކާއެކު އެވެ. އެގޮތުން ޝައުގުވެރިވާ ބައިވެރިންނަށް ޑީޖީޖީ ވެބްސައިޓް dgg.mv މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ އެވެ. މި މުބާރާތުގައި ރޮކެޓް ލީގް އަދި އީއޭއެފްސީ 24، މި ދެ ގޭމުގެ ތެރެއިން ބޭނުންވާ ގޭމެއްގައި ވާދަކުރެވޭނެ އެވެ.

މި މުބާރާތުގައި ޖެހިޖެހިގެން ތިން މެޗު ކާމިޔާބު ކުރާ ކުޅުންތެރިޔަކަށް ފައިސާގެ އިނާމެއް ލިބޭނެ އެވެ.