Roadha Mihaaru
މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުގެ ވިސްނުމެއް ނެތް

މިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމުގެ ވިސްނުމެއް ނެތް: މިނިސްޓްރީ

07 ޖުލައި 2024

ރާއްޖޭގައި މިޔަރު ބޭނުމާއި އޭގެ ވިޔަފާރިކުރަން ހުއްދަ ދިނުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި މިޔަރު ބޭނުމާއި އޭގެ ވިޔަފާރިކުރަން ހުއްދަ ދިނުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދޭން އުޅޭ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތާކާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި މިޔަރު ގިނަވޭތޯ ބަލައިި ގިނަވާ ނަމަ އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ. ނަމަވެސް މިޔަރު މަސްވެރިކަން ހުއްދަ ކުރަން އެއްވެސް މަޝްވަރާއެއް މިހާތަނަށް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ގަވާއިދަކުން މަނާކޮށްފައި އޮތް ކަމެއް. މިނިސްޓްރީގެ ވިސްނުމެއް ނޫން އެއީ ގަވާއިދުތައް ބަދަލުކޮށްގެން މިޔަރު މަސްވެރިކަން ކުރަން ހުއްދަ ދިނުމަކީ. އެކަމާ އެއްވެސް މަޝްވަރާއެއް ވެސް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަވޭތޯ ބަލަން، ދިރާސާކުރަމުން އަންނަނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާ ގުޅިގެންނެވެ.

އެ ދިރާސާއާ ގުޅޭ ގޮތުން، ފިޝަރީޒް މިނިސްޓްރީގެ އެހެން އޮފިޝަލަކު ވިދާޅުވީ މިޔަރު މައްސަލާގައި ހައްލު ހޯދުމަށް ކުރަން ޖެހޭ ކަންކަން އެނގޭނީ ދިރާސާއިން ލިބޭ މައުލޫމާތަށް ފަހު ކަމަށެވެ.

މަސްވެރިންނަށް އުނދަގޫވާ ވަރަށް ފަހަަކަށް އައިސް މިޔަރު އުޅޭ ކަމަށް ބުނެ ގިނަ ބަޔަކުު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މިކަމުގައި މޯލްޑިވްސް މެރިން ރިސާޗު ސެންޓަރުން ކުރިން ވެސް ހާއްސަ ދިރާސާއެއް ކުރި އެވެ. މީގެ ތިން އަހަރު ކުރީގެ އެ ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރި ހިސާބުން އާދަޔާ ހިލާފަށް މިޔަރު އިތުރުވެފައިިވާކަން އެނގޭކަށް ނެތެވެ.

އެ ދިރާސާއާ ހަވާލާދީ ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ މިޔަރު ހަމަލާ ދޭވަރު ކޮންމެވެސް ވަރަކަށް އިތުރުވެފައި ވަނީ އެ ތަކެއްޗަށް ކާން ދިނުން އެކި އެކި ސަރަހައްދުގައި އިތުރުވެފައިވާތީ ކަމަށެވެ. މިފަދަ އެއްވެސް ކަމަކީ އެ މިނިސްޓްރީން ހުއްދަދޭ ކަންކަން ނޫން ކަމަށް ކުރިން ބުނެފައިވެ އެވެ.

މިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމަށް މިފަހުން ގޮވާލައި އާންމުން ވާހަކަ ދައްކަން ފަށާފައިވަނީ ލ. ކައްދޫގައި ކުރިއަށް ގެންދިޔަ އެމްއެންޑީއެފްގެ މޫދު ޓްރެއިނިންއެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާ ދީގެން ޒުވާނަކު މަރުވި މައްސަލައަށް ފަހު އެވެ.

މިޔަރުގެ މަސްވެރިކަމަކީ 2010 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރަމުން އައި ކަމެކެވެ. މިޔަރުގެ އުރަހަ އާއި ތެޔޮ ވިއްކުން ފަދަ އެތައް ކަމަކުން އާމްދަނީ ހޯދި އެވެ. އެކަމަކު މީގެ 14 އަހަރު ކުރިން މިޔަރު ހިފުމާއި އޭގެ ވިޔަފާރިކުރި މަނާކުރީ އޭގެ އާބާދީ ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.