Roadha Mihaaru
އިންޑިއާގެ ކްރިކެޓް ޓީމް ރާއްޖެ އައުމަށް ދައުވަތުދީފި

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކާމިޔާބީ ފާހަގަކުރަން ރާއްޖެ އައުމަށް ދައުވަތު ދީފި

08 ޖުލައި 2024

މި އަހަރުގެ ޓީ 20 ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރުމުން އިންޑިއާގެ ގައުމީ ކްރިކެޓް ޓީމް ރާއްޖެ އައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މަޓީން ދައުވަތު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ޓީ 20 ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރުމުން އިންޑިއާގެ ގައުމީ ކްރިކެޓް ޓީމް ރާއްޖެ އައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މަޓީން ދައުވަތު ދީފި އެވެ.

އެމްއެމްޕީއާރުސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުން މި އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރާއްޖެ އައުމަށް ހާއްސަ ދައުވަތެއް ދީފައިވާ ކަމަށެވެ.

އެ ރަސްމީ ދައުވަތުގައި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު އިންޑިއާގެ ކްރިކެޓް ޓީމަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެ އައުމަށް ދައުވަތު ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"ޓީމް ރާއްޖޭގައި ހޯސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ހަނދާނުން ފޮހެލަން ދަތި މަލަމަތިތަކާއި ރިލެކްޝޭޝަން އާއި ޕާސަނަލައިޒްޑް މެހުމާންދާރީ އަދި ތަފާތު އެކި ތަޖުރިބާތައް ރާއްޖެއިން ލިބެން ހުރިކަން މި [ދައުވަތުގެ] ސިޓީގައި ފާހަގަކޮށްފަ އެވެ. މި ދައުވަތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ވަރުގަދަ ސަގާފީ އަދި ކުޅިވަރުގެ ގުޅުންތައް ވެސް ފާހަގަކޮށްފައިވެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ރާއްޖެ އަކީ އިންޑިއާގެ ކްރިކެޓް ޓީމްގެ މި ވަރުގަދަ ކާމިޔާބީ ފާހަގަކުރަން އެންމެ ފުރިހަމަ މަންޒިލެވެ.

"އިންޑިއާގެ ކްރިކެޓް ޓީމަށް މަރުހަބާ ކިޔައި އެ ޓީމަށް ލިބުނު ކާމިޔާބީގެ އުފަލުގައި ބައިވެރިވުމަކީ ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް،" ޝިއުރީއާ ހަވާލާދީ އެ ބަޔާނުގައިވެ އެވެ.

މިދިޔަ މަހު ނިންމާލި ޓީ 20 ވޯލްޑް ކަޕް އިންޑިއާއިން ކާމިޔާބުކުރީ ސައުތު އެފްރިކާއާ ވާދަކޮށެވެ. މިއީ އިންޑިއާއިން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.