Roadha Mihaaru
ލޮކްކޯޑް ނުދޭތީ ހިފެހެއްޓި ފޯނު އަނބުރާދޭން އަމުރެއް

ލޮކް ކޯޑް ނުދޭތީ ފުލުހުން ހިފެހެއްޓި ފޯނު އަނބުރާ ދޭން އަންގައިފި

10 ޖުލައި 2024

ފުލުހުން ހިފެހެއްޓި ފޯނެއް ހުޅުވަން ލޮކް ކޯޑް ނުދިން ކަމަށް ބުނެ އެ ފޯނު ފުލުހުން ހިފަހައްޓާފައި ވަނިކޮށް ފޯނު އަނބުރާ ދޭން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުން ހިފެހެއްޓި ފޯނެއް ހުޅުވަން ލޮކް ކޯޑް ނުދިން ކަމަށް ބުނެ އެ ފޯނު ފުލުހުން ހިފަހައްޓާފައި ވަނިކޮށް ފޯނު އަނބުރާ ދޭން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއް ބަލައި ފާސް ކުރުމަށްފަހު ފުލުހުން ހިފެހެއްޓި 28،500 ރުފިޔާގެ ފޯނެއް އޭގެ ވެރިފަރާތަށް އަނބުރާ ދޭން ފުލުހުން ދެކޮޅު ހެދީ އެ ފޯނު ހުޅުވަން އޭނާ ދިން ލޮކް ކޯޑުން ފޯނު ނުހުޅުވޭތީ އެއީ އޭނާގެ ފޯނެއްކަން ސާބިތުނުވާ ކަމަށް ބުނެ އެވެ.

އެ ފޯނު އަނބުރާ ހޯދަން އެ މީހާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ފުލުހުންނާއި ދައުލަތުން ކޯޓުގައި ބުނެފައިވަނީ އެތަނުން ހިފެހެއްޓި އެހެން ތަކެތި އަނބުރާ ދިން ނަމަވެސް ފޯނު އަނބުރާ ދޭން ދެކޮޅު ހެދީ އެ ފޯނު ހުޅުވަން އެ މީހާ ދިން ލޮކް ކޯޑުން ފޯނު ހުޅުވިފައިނުވާތީ އެއީ އޭނާގެ ފޯނެއް ކަން ކަށަވަރު ނުވާތީ ކަމަށް ބުނެ އެވެ. އަދި އެއީ އެ މީހާގެ ފޯނެއް ނަމަ ފޯނުގެ ލޮކް ކޯޑް އެނގެން ވާނެ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގައިވަނީ އެ ފޯނު ހިފެހެއްޓީ އެ މީހާ ދިރިއުޅޭ ތަނުން ކަމަށް ވާއިރު އެތަނުން ހިފެހެއްޓި ތަކެތީގެ ތެރޭގައި އެ ފޯނު ވެސް ހިމެނޭކަން އެތަނުން ހިފެހެއްޓި ތަކެތީގެ އިންވެންޓްރީ ލިސްޓުގައި ހިމެނޭ ކަމަށެވެ. އަދި ފޯނުގެ ލޮކް ކޯޑް ދިން ކަމަށް އެ މީހާ ބުނާއިރު، އެ ކޯޑުން ފޯނު ހުޅުވިފައި ނެތް ކަމަށް ފުލުހުން ބުނާ ބުނުމަކީ ފޯނު ހިފަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނޫން ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން ފޯނުގެ ވެރިފަރާތާ މެދު ސުވާލު އުފެދޭ ނަމަ ފޯނަށް ލައްވާފައިވާ ސިމްގެ ވެރިފަރާތް ދެނެގަތުމުގެ ފުރުސަތު އޮތަސް، އެ މައްސަލާގައި ފުލުހުން އެގޮތަށް އަމަލު ކޮށްފައެއް ނުވެ އެވެ. އަދި އެ ފޯނާ މެދު އެހެން ފަރާތަކުން ދައުވާ ކޮށްފައިނުވާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ފޯނު ހުޅުވައި ނުދީ އޮއްވާ ފޯނު އަނބުރާ ދޭން ޖެހުމުން ފޯނުގައި ހުންނަ ހެކިތައް ގެއްލި، ނުބައި ދޮރެއް ހުޅުވިދާނެ ކަމަށް ދައުލަތުން ކޯޓުގައި ބުންޏެވެ. އެކަމާ ގުޅިގެން ކޯޓުގެ ނިންމުމުގައިވަނީ، އެކަމަށް ހައްލެއް ހޯދޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ކަމަށެވެ.

އެހެންވެ، އެ ފޯނު އަނބުރާ ދޭން ފުލުހުން ދެކޮޅު ހެދީ ގާނޫނާ އެއްގޮތަށް ކަމަށް ނުވާތީ އެ ފޯނު ފަސް ދުވަސް ތެރޭގައި އަނބުރާ ދޭން އަންގާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ނިންމެވި އެ ނިންމުމުގައި އަންގާފައިވެ އެވެ.