Roadha Mihaaru
ލަންކާގެ ގައުމީ މުބާރާތުން ފަސޫހާ ރިހި މެޑަލް ހޯދައިފި

ލަންކާގެ ގައުމީ މުބާރާތުގެ 800 މީޓަރު ރޭހުން ފަސޫހާ ރިހި މެޑަލް ހޯދައިފި

14 ޖުލައި 2024

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ޖޫނިއާ މުބާރާތުގެ 800 މީޓަރުގެ ރޭހުގައި ވާދަކޮށް، ރާއްޖޭގެ ފަސޫހާ އަހްމަދު ރިހި މެޑަލް ހޯދައިފި އެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ޖޫނިއާ މުބާރާތުގެ 800 މީޓަރުގެ ރޭހުގައި ވާދަކޮށް، ރާއްޖޭގެ ފަސޫހާ އަހްމަދު ރިހި މެޑަލް ހޯދައިފި އެވެ.

ގައުމީ މިޑްލް ޑިސްޓެންސް ކޯޗު އަބްދުﷲ އިބްރާހިމް (އަބްޅޯ) ގެ އެތުލެޓިކްސް ކްލަބް، ޓްރެކް އެންޑް ފީލްޑް ޓީމުން ދަނީ ލަންކާގެ މުބާރާތުގައި ވާދަކުރަމުންނެވެ.

އަބްޅޯގެ ބެލުމުގެދަށުން ފަސޫހާ ތަމްރީނު ހަދަނީ އެ ކްލަބްގަ އެވެ. އަދި ރާއްޖޭގެ ޑޮމެސްޓިކް މުބާރާތްތަކުގައި ވެސް އޭނާ ވަދަކުރަނީ އެ ކްލްބްގެ ފަރާތުންނެވެ.

ރާއްޖޭގެ އަންހެނުންގެ 800 މީޓަރުގެ ރެކޯޑް ވެސް ދަމަހައްޓަމުން އަންނަ ފަސޫހާ ލަންކާގެ މުބާރާތުގައި ދެ ވަނަ ހޯދީ 2 މިނެޓް 13.81 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެ ރޭހުން އެއް ވަނަ ހޯދި ޝާނިކާ ލަކްޝަނީ ރޭސް ނިންމީ 2 މިނެޓް 11.08 ސިކުންތުންނެވެ. ތިން ވަނަ ހޯދި ކުމާރީ ރޭސް ނިންމީ 2 މިނެޓް 17.54 ސިކުންތުންނެވެ.

އުމުރުން 21 އަހަރުގެ ފަސޫހާ 800 މީޓަރުގެ ރެކޯޑް މީގެ ކުރިން އާ ކުރީ މިދިޔަ މަހު އިންޑިއާގެ ގްރޯ ޕްރީގައި ވާދަކޮށެވެ. އޭރު އޭނާ ރޭސް ނިންމީ 2 މިނިޓް 14.53 ސިކުންތުންނެވެ.

އަންހެނުންގެ 800 މީޓަރު ދުވުމުން ފަސޫހާ އެންމެ ފުރަތަމަ ރެކޯޑް ހެދީ މިދިޔަ އަހަރުގެ މެއި މަހު އޮތް ގައުމީ ޓައިމް ޓްރަޔަލްގައި, 13 އަހަރުވީ ރެކޯޑެއް މުގުރާލައިގެންނެވެ. އޭނާ ރެކޯޑް މުގުރާލީ 2 މިނިޓް 27.92 ސިކުންތުން ދުވެގެންނެވެ. އެއަށް ފަހު މިދިޔަ އަހަރު ފަސޫހާ ވަނީ ބޮޑެތި ކުރިއެރުންތަކާ އެކު ތިން ފަހަރު މަތިން ރެކޯޑް އާކޮށްފަ އެވެ.

ޖުލައި މަހު ބޭއްވި ޓައިމް ޓްރަޔަލްގައި ފުރަތަމަ ފަހަރަށް ރެކޯޑް އާކުރީ 2 މިނިޓް 21.83 ސިކުންތުން ދުވެގެންނެވެ. މިއާ އެކު މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ނެގި ގައުމީ ސްކޮޑުން އޭނާ އަށް ފުރުސަތު ލިބުނެވެ. އެއީ ގައުމީ ސްކޮޑުން އޭނާ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފަހު އޮކްޓޫބަރު މަހު ޗައިނާގައި އޮތް އޭޝިއަން ގޭމްސްގައި ވާދަކޮށް 2 މިނިޓް 20.66 ސިކުންތުން ދުވެގެން ފަސޫހާ ތިން ވަނަ ފަހަރަށް 800 މީޓަރުގެ ރެކޯޑް އާކުރި އެވެ. އެއަށް ފަހު އަހަރު ނިންމާލީ ގައުމީ ގްރޯން ޕްރީގައި ރެކޯޑް އާކޮށްގެން އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑާ އެކު އެވެ.

މި އަހަރުގެ މާޗު މަހު ބޭއްވި 11 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ވެސް ހޯދީ ފަސޫހާ އެވެ.