Roadha Mihaaru
ސީކްރެޓް ސާވިސްގެ އަންހެނުންނަށް މަލާމާތްކުރާތީ ރައްދެއް

ސީކްރެޓް ސާވިސްގެ އަންހެނުންނަށް މަލާމާތްކުރާތީ ރައްދު ދީފި

22 ޖުލައި 2024

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާދިން ވަގުތު އުންޑަތަކުގެ ކުރިމައްޗަށް އަރައި ޓްރަމްޕް ސަލާމަތްކުރުމުގައި ބައިވެރިވި ސީކްރެޓް ސާވިސްގެ އަންހެން އޭޖެންޓުންނަށް ސިޔާސީ ބައެއް މީހުން މަލާމާތްކޮށް ފާޑުކިޔާތީ ހޯމްލޭންޑް ސެކިއުރިޓީގެ ވެރިޔާ އަލެހަންދްރޯ މަޔޯކާސް ރައްދު ދެއްވައިފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާދިން ވަގުތު އުންޑަތަކުގެ ކުރިމައްޗަށް އަރައި ޓްރަމްޕް ސަލާމަތްކުރުމުގައި ބައިވެރިވި ސީކްރެޓް ސާވިސްގެ އަންހެން އޭޖެންޓުންނަށް ސިޔާސީ ބައެއް މީހުން މަލާމާތްކޮށް ފާޑުކިޔާތީ ހޯމްލޭންޑް ސެކިއުރިޓީގެ ވެރިޔާ އަލެހަންދްރޯ މަޔޯކާސް ރައްދު ދެއްވައިފި އެވެ.

"މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް އަދި [އަންހެނުންނަށް ކުޑައިމީސްކޮށް ދައްކާ] އިހާނެތި ވާހަކަތަކެއް،" ސީކްރެޓް ސާވިސްއަށް މީހުން ނެގުމުގައި އަމަލުކުރާ ގޮތުން ޓްރަމްޕް މަރުން ސަލާމަތްވީ ކިރިޔާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދުދީ ނެރުއްވި ބަޔާނުގައިވެ އެވެ.

މަޔޯކާސް ވަނީ އެންމެމަތީ ފެންވަރުގެ ތަމްރީނާއި ހުނަރު ހުރި އަންހެނުން ތަންފީޒީ އިދާރާތަކުގެ ކުރީ ސަފަށް ނުކުމެ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ހާލުގައި ވެސް މަސައްކަތްކުރާކަން ފާހަގަކުރައްވައި ތައުރީފް ކުރައްވައިފަ އެވެ.

"އެއީ އަމިއްލަ އެދުމެއް ނެތި، ވަރުގަދަ އަޒުމުގައި ގައުމަށްޓަކައި މަސައްކަތްކުރާ، އަހަރެމެންގެ ޝުކުރާއި އިހްތިރާމް ހައްގު ބައެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމް ލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ކުރިއަށް އޮތް ތަނުގައި ވެސް، ތަންފީޒީ އިދާރާތަކުގެ އެކި މަގާމުތަކަށް އަންހެނުން ގެނެސް އެ މީހުންނަށް ތަމްރީން ދެމުން ގެންދާނީ ފަހުރުވެރިކަމާ އެކުގައި ކަމަށެވެ.

ސިޔާސީ ކަނާތުފިޔައިގެ ވިސްނުމުގެ ބައެއް މީހުން ވަނީ، ޓްރަމްޕަށް ހަމަލާދިން ވަގުތު އޭނާގެ ހިމާޔަތަށް ސީކްރެޓް ސާވިސްގެ އަންހެން އެޖެންޓުން ނުކުމެފައި ވާތީ އެކަން ޖޯކަކަށް ހަދައިފަ އެވެ.

ސީކްރެޓް ސާވިސްގައި އެއްވެސް އަންހެނަކު އުޅެގެން ނުވާނެ. މިއީ އެންމެ މޮޅު މީހުން ކަމަށް ގަބޫލުކުރެވޭ މީހުން އުޅެންޖެހޭ ވަޒީފާއެއް. މި ވަޒީފާގައި އެންމެ ރަނގަޅު މީހަކީ އަންހެނަކަށް ނުވާނެ،" ކަނާތު ފިޔައިގެ އެކްޓިވިސްޓެއް ކަމަށްވާ މެޓް ވޮލްޝް އެކްސްގައި ބުނެފައިވެ އެވެ.

ސީކްރެޓް ސާވިސް އަށް ވަނީ ހަނި ގޮތަކުން ޓްރަމްޕް ސަލާމަތްވި ހަމަލާއަށް ފަހު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެކަމަކު އެ އިދާރާއިން އެ ފާޑުކިޔުންތައް ވަނީ ދިފާއުކޮށްފަ އެވެ. -- އޭއެފްޕީ