Roadha Mihaaru
ދައުލަތަށް ހިދުމަތްކުރެއްވުމުގެ އިނާމު 138 ބޭފުޅަކަށް

ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު މި އަހަރު 138 ބޭފުޅަކަށް

23 ޖުލައި 2024

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އިނާމު މި އަހަރު 138 ބޭފުޅަކަށް ދޭން ސަރުކާރުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އިނާމު މި އަހަރު 138 ބޭފުޅަކަށް ދޭން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު މި އަހަރު 138 ބޭފުޅަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ އިނާމަށް ނަން ހުށަހެޅި މީހުންގެ ތެރެއިން، އިނާމު ލިބޭ ބޭފުޅުން ކަނޑައެޅީ އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

"މި ދެންނެވި 138 ބޭފުޅުންގެ ތެރޭގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ދައުލަށް ހިދުމަތްކުރުމުގެ އިނާމު ދިނުން އޮންނާނީ މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

މިއީ، ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާ އެކު ކޮށްފައިވާ ހިދުމަތްތަކަށާއި އަަދި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދޭން ފެށި އިނާމެކެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދީ، އަގުވަޒަން ކުރަން ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރުން ފެށިގެންނެވެ.