Roadha Mihaaru
މުވައްޒަފުން ނިކުމެ އައިޖީއެމްއެޗް ސާފުކޮށްފި

އައިޖީއެމްއެޗުގެ ހުރިހާ މުވައްޒަފުން ނިކުމެ ހޮސްޕިޓަލް ސާފުކޮށްފި

27 ޖުލައި 2024

އައިޖީއެމްއެޗުގެ ހުރިހާ މުވައްޒަފުން ނިކުމެ އެ ހޮސްޕިޓަލް ސާފުކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައިޖީއެމްއެޗުގެ ހުރިހާ މުވައްޒަފުން ނިކުމެ އެ ހޮސްޕިޓަލް ސާފުކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފި އެވެ.

އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ހަރަކާތަކީ އެ ހޮސްޕިޓަލުގެ މުވައްޒަފުން އިސްވެ، ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ހަލީމް ވިދާޅުވީ އައިޖީއެމްއެޗަކީ ކޮންމެ ދުވަހަކު ގަވާއިދުން ސާފު ކުރަމުންދާ ހޮސްޕިޓަލަކަށް ވިޔަސް އެކި ޑިޕާޓްމަންޓުތަކާއި ކޮމަން އޭރިއާގައި ވެސް ސާފުކުރަން ޖެހޭ ތަންތަން ހުންނަ ކަމަށެވެ. އެހެންވެ، ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުން ނިކުމެ އެ މަސައްކަތް ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުން ނިކުމެ އައިޖީއެމްއެޗު ސާފުކުރަނީ.

މުވައްޒަފުން ނިކުމެ އައިޖީއެމްއެޗު ސާފުކުރަނީ.

"ހޮސްޕިޓަލަކީ އަބަދުވެސް ސާފުތާހިރުކޮށް ބާއްވަން ޖެހޭ ތަނަކަށްވާތީ، ބަލި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ސާފު ތަނަކަށް ހޮސްޕިޓަލު ވާން މިޖެހެނީ،" ހަލީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ މުވައްޒަފުން އެ ހޮސްޕިޓަލު ސާފުކުރުމުގެ މަސައްކަތް ކުރަނީ.

އައިޖީއެމްއެޗުގެ މުވައްޒަފުން އެ ހޮސްޕިޓަލު ސާފުކުރުމުގެ މަސައްކަތް ކުރަނީ.

"އެހެންވީމަ މުވައްޒަފުން އިސްނަގައިގެން ވަރަށް ކޯޑިނޭޓެޑް އެފޮޓެއް ލައިގެން ބޮޑު އިވެންޓެއް ގޮތަށް ކްލީނިން ޑޭއެއް ފާހަގަ ކޮށްލީ."

ހަލީމް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގެ ދަށުން ހިންގަމުންދާ ވިލިމާލޭ ހޮސްޕިޓަލުގެ މުވައްޒަފުން ވެސް ވަނީ މިއަދު އެ ހޮސްޕިޓަލުގެ އެތެރެ ސާފުކުރުމުގެ މަސައްކަތްކޮށްފަ އެވެ.

ވިލިމާލޭ ހޮސްޕިޓަލު ސާފުކުރުމުގެ މަސައްކަތް ކުރަނީ.

ވިލިމާލޭ ހޮސްޕިޓަލު ސާފުކުރުމުގެ މަސައްކަތް ކުރަނީ.

އެ މަސައްކަތުން ދައްކުވައިދެނީ މުވައްޒަފުންގެ ހިތުގައި ހޮސްޕިޓަލަށް އޮތް ލޯތްބާއި އިސްކަން ކަމަށް ހަލީމް ވިދާޅުވި އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ތަންތަން ސާފުކުރުމުގެ އިތުރުން ބޭރު ފާރުގައި ކުލަލުމުގެ މަސައްކަތް ވެސް މުވައްޒަފުން ކުރާ ތަން ފެނެ އެވެ.