Roadha Mihaaru
މީހުން ގަދަކަމުން ގެންގޮސް ބަރަހަނާކޮށް، ފޭރޭ ގެއެއް

މީހުންނަށް އޮޅުވާލައިގެން ގެންގޮސް، ބަރަހަނާކޮށް، ފޭރޭ ގެއެއް

28 ޖުލައި 2024

މިދިޔަ ބުދަ ދުވަހު މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓްގައިވާ ފައިސާތައް ފޭރުނު ގެއަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ ގެއެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ބުދަ ދުވަހު މާލޭގެ ގެއަކަށް މީހަކު ވައްދައި، އެ މީހާ ބަރަހަނާކޮށް، ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓްގައިވާ ފައިސާތައް ފޭރުނު ގެއަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ ގެއެއް ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލާގައި ފުލުހުން މިހާތަނަށް ވަނީ ތިން މީހުން ހައްޔަރު ކޮށްފަ އެވެ. އެއީ އިއްޔެ ހައްޔަރުކުރި 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި މިއަދު ހައްޔަރުކުރި 43 އަހަރުގެ އަންހެނެކެވެ.

އޭގެ ތެރެއިން 26 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 60 ދުވަސް ދީފައި ވާއިރު، 35 އަހަރުގެ މީހާގެ ބަންދަށް ވަނީ 30 ދުވަސް ދީފަ އެވެ. މިއަދު ހައްޔަރުކުރި އަންހެން މީހާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން އޭނާ ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.

އިއްޔެ ހައްޔަރުކުރި ދެ މީހުން ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ އެ ހާދިސާ ހިނގި މއ. މަސްފަންގެ އަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން ވެއްދުމަށް ފަހު ބިރުދައްކައި، ރެކޯޑް އޮތް ތަނެއް ކަމަށެވެ.

ބުދަ ދުވަހު ފޭރުނު ހާދިސާގައި ކަން ހިންގާފައިވާ ގޮތުން ފުލުހުން ކޯޓުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާ މަސްފަންގެ އަށް ވެއްދި ކަމަށް ބެލެވެނީ އަންހެނެއް ކަމަށެވެ. އޭނާ އެގެ އަށް ވަނުމުން ދެ ފިރިހެނުން އޭނާ ހިފަހައްޓައި، ވަޅިއަކުން ބިރުދައްކައި ބަރަހަނާކޮށް، އޭނާގެ ފޯނު އަތުލި ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

އަދި އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000ރ. ފޮނުވާފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000ރ. ނަގާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ވެ އެވެ.

މި ފަހުން މީހުން ތަންތަނަށް ވައްދައިގެން ފޭރުމާއި ބިރުދެއްކުމުގެ ކުށްތައް މާލެ ސަރަހައްދުގައި ވަނީ ގިނަވެފަ އެވެ. އެ އަމަލްތައް ހިންގަނީ ގްރޫޕް ހަދައިގެން ކަން ވެސް ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކުން އެނގެ އެވެ.