Roadha Mihaaru
އެވިޑާއި ކްލިކް ކޮލެޖަށް ހަރުކަށި ފިޔަވަޅު އަޅައިފި

އެވިޑާއި ކްލިކް ކޮލެޖުން ގަވާއިދާ ޚިލާފުވުމުން ހަރުކަށި ފިޔަވަޅު އަޅައިފި

28 ޖުލައި 2024

ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފުވުމުން އެވިޑް ކޮލެޖާއި ކްލިކް ކޮލެޖަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހަރުކަށި ފިޔަވަޅު އަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފުވުމުން އެވިޑް ކޮލެޖާއި ކްލިކް ކޮލެޖަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހަރުކަށި ފިޔަވަޅު އަޅައިފި އެވެ.

ކްލިކް ކޮލެޖަށް ފިޔަވަޅު އެޅީ އެމްކިއުއެގެ ހުއްދަ ނުހޯދައި އީ ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން އެ ކޮލެޖުން ޕްރޮގްރާމް ހިންގާފައިވާތީ އެވެ.

އެމްކިއުއޭ އިން މިރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ މަތީ ތައުލީމް ދޭ ހުރިހާ މަރުކަޒުތަކަށް އީ ލާނިން ޑެލިވަރީ މޮޑަލިޓީ ނުވަތަ އޮންލައިންކޮށް، އެ މަރުކަޒުތަކުން އެޕްރޫވް ކޮށްފައިވާ ޕްރޮގްރާމްތައް ހިންގުމުގެ އާއްމު ހުއްދައެއް ދިން ކަމަށެވެ.

ކޮވިޑުން އަރައިގަނެ އާއްމު ހާލަތަކަށް އައުމާ އެކު އެ އިއުލާން އުވާލާފައިވާ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ކްލިކް ކޮލެޖުން ކޮވިޑް-19ގެ ކުރިން އީ ލާނިން ޑެލިވަރީ މޮޑެލިޓީގެ ދަށުން އެއްވެސް ޕްރޮގްރާމަކަށް ހުއްދަ ވެސް ނާގާފައި ނުވާ ކަމަށެވެ.

ކްލިކް ކޮލެޖުން ހިންގަމުން އަންނަ "ބެޗްލާ އޮފް ބިޒްނަސް މެނޭޖްމަންޓް" ޕްރޮގްރާމަކީ އެމްކިއުއޭ އިން 2019 ވަނަ އަހަރު، ފޭސް ޓު ފޭސްކޮށް ހިންގަން ހުއްދަ ދީފައިވާ ޕްރޮގްރާމެކެވެ. ނަމަވެސް މިހާތަނަށް މި ޕްރޮގްރާމް ކްލިކް ކޮލެޖުން އިސްތިހާރުކޮށް ހިންގަނީ އީ ލާނިން ޑެލިވަރީ މޮޑަލިޓީން ކަން އެ އޮތޯރިޓީ އަށް ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތަކުން އެނގޭ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.

ފޭސް ޓު ފޭސްކޮށް ހިންގަން ހުއްދަ ދީފައިވާ އެހެން ކޯސްތަކާއި ޕްރޮގްރާމްތައް އީ ލާނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން ހިންގުމަށް އިސްތިހާރު ކޮށްފައިވާ ކަން ކްލިކް ކޮލެޖްގެ އިންސްޓަގްރާމް ޕޭޖުންނާއި ކްލިކް ކޮލެޖްގެ ވެބްސައިޓުން ފެންނަން ހުރި ކަމަށް ވެސް އެމްކިއުއޭ އިން ބުންޏެވެ.

ކްލިކް ކޮލެޖަށް އަޅާފައިވާ ފިޔަވަޅުތައް:

1. ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ހިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުން.

2. އެކްރެޑިޓްނުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގާތީ 10،000ރ. ޖޫރިމަނާ ކުރުން.

3. އެ ޕްރޮގްރާމްތައް ހުއްޓާލަން އެންގުން

4. ސަނަދު ދިނުމުގެ ހުއްދަ ދޫނުކުރުން

5. އެ ޕްރޮގްރާމެއް ހިންގަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫން ކަމާއި ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ހިލާފަށް ކަން އާންމުކޮށް އިއުލާނުކުރުން

އެވިޑް ކޮލެޖާ މެދު އެމްކިއުއޭ އިން ފިޔަވަޅު އަޅާފައި ވަނީ އެ ކޮލެޖުން ހިންގަމުން އަންނަ ގިނަ ޕްރޮގްރާމްތަކަކާ ބެހޭ ގޮތުން އެ އޮތޯރިޓީ އަށް ގިނަ އަދަދެއްގެ ޝަކުވާ ލިބުމުންނެވެ.

އޭގެ ތެރޭގައި ލެކްޗަރާ އިންނަށް މުސާރަ ނުދިނުމާއި ދަރިވަރުންގެ އިމްތިހާން ކަރުދާސްތައް ބައެއް ލެކްޗަރާއިން މާކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުން އިތުރަށް ފައިސާ ދައްކަން ޖެހިފައިވާ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.

އެވިޑް ކޮލެޖްގެ ހަތް ޕްރޮގްރާމެއްގެ "ރެންޑަމް ބެޗް އޮޑިޓް" ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކްރެޑިޓޭޝަން ގަވާއިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ހިލާފަށް ގިނަ ކަންތައްތަކެއް އެވިޑް ކޮލެޖުން ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.

އެމްކިއުއޭ އިން ފާހަގަ ކޮށްފައިވާ ބައެއް މައްސަލަތައް:

1. ބިފޯ ކޮމެންސިން ފޯމް ފޮނުވަންޖެހޭ މުއްދަތުގެ ތެރޭގައި ފޮނުވަމުން ނުދިއުން.

2. ދަރިވަރުން އެންރޯލްކޮށްފައިވާ ތާރީހާއި އިންޓޭކް ތާރީހާ ދިމާނުވުން.

3. ދަރިވަރުންގެ ހާޒިރީ ބަލަހައްޓާނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތުމާއި ދަރިވަރުންގެ ނަތީޖާ ޝީޓްތައް ބަލަހައްޓާނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތުން.

4. އީ ލާނިން ގައިޑްލައިންގައިވާ ގޮތުގެ މަތިން ލާނިން މެނޭޖްމަންޓް ސިސްޓަމެއް ނެތުން.

5. ޕްރޮގްރާމް އެކްރެޑިޓޭޝަނާ އެއްގޮތަށް ޕްރޮގްރާމްތައް ނުހިންގުން.

އެވިޑް ކޮލެޖަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ހިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުމާއި އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫ ނުކުރަން ވެސް އެމްކިއުއޭ އިން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން އެވިޑް ކޮލެޖުން ޕްރޮގްރާމް ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫން ކަމަށާއި ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ހިލާފަށްކަން އާންމުކޮށް އިއުލާން ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އެވިޑް ކޮލެޖާއި ކްލިކް ކޮލެޖަށް ފިޔަވަޅު އެޅިއިރު، ހުއްދަ ނެތި އޮންލައިން ކޯސް ހިންގާ ތަންތަނަށް ފިޔަވަޅު އަޅާނެ ކަމަށް އެމްކިއުއޭ އިން އޮތީ އިއުލާންކޮށްފަ އެވެ.