Roadha Mihaaru
އެއް ބަޔަކު ތިބެތިބެ ކުޅިވަރު އެސޯސިއޭޝަންތައް ގާވަނީ!

އެއް ބަޔަކު ތިބެތިބެ އެސޯސިއޭޝަންތައް ގާވަނީ: ބަދަލެއް ބޭނުންވޭ!

17 އޯގަސްޓް 2024

އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު އެ މަގާމުގައި ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، މަގާމުން އަތް ދޫކޮށްލެއްވި އެވެ. ޝަވީދުގެ އެ ނިންމެވުމުގެ ފަހަތުގައި ކޮންމެ މަގުސަދެއް އޮތަސް އެއީ ރާއްޖޭގެ އެސޯސިއޭޝަންތައް އިންތިހާބު ކުރަން ފެށި ފަހުން ކުޅިވަރުގެ އިސް މަގާމެއް އަދާކުރެއްވި ބޭފުޅަކު ނެންގެވި އެފަދަ ފުރަތަމަ ވަރުގަދަ ނިންމެވުމެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު އެ މަގާމުގައި ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، މަގާމުން އަތް ދޫކޮށްލެއްވި އެވެ. ޝަވީދުގެ އެ ނިންމެވުމުގެ ފަހަތުގައި ކޮންމެ މަގުސަދެއް އޮތަސް އެއީ ރާއްޖޭގެ އެސޯސިއޭޝަންތައް އިންތިހާބު ކުރަން ފެށި ފަހުން ކުޅިވަރުގެ އިސް މަގާމެއް އަދާކުރެއްވި ބޭފުޅަކު ނެންގެވި އެފަދަ ފުރަތަމަ ވަރުގަދަ ނިންމެވުމެވެ.

މެއި 2017 ގައި ދެ ވަނަ ދައުރަކަށް އޮލިމްޕިކް ކޮމިޓީ އިންތިހާބުވުމަށް ފަހު، ޝަވީދު އޭރު ވިދާޅުވީ އެ އިދާރާގެ ރައީސްކަމުގައި ހުންނެވުން އެންމެ ރަނގަޅީ ދެ ދައުރަށް ކަމަށް އޭނާ "ޕާސަނަލީ" ގަބޫލު ކުރައްވާ ކަމަށެވެ. ތިން ވަނަ ދައުރެއްގެ ވާހަކަ ނުދައްކަވައި، އެ ހިސާބުން އޭނާ އެ މަގާމުން ދުރަށް ވަޑައިގަތީ އެވެ.

އެކަމަކު ޝަވީދާ އެކު، އެއް ޓާމެއްގައި އޮލިމްޕިކް ކޮމިޓީގެ އެހެން މަގާމުތައް އަދާކުރެއްވި ބައެއް ބޭފުޅުން އިތުރު އަހަރުތަކަކަށް އެ މަގާމުތަކުގައި އަދިވެސް އެބަތިއްބެވި އެވެ. އެހާ ކުރު މުއްދަތަކުން ނިންމާލައްވަން ބޭނުމެއް ނުވި އެވެ. އެ ބޭފުޅުންނަށް މަގާމުގައި ތިއްބެވުން މާ ބޮޑަށް ވެސް މުހިއްމެވެ.

އޮލިމްޕިކް ކޮމިޓީ އަށް ވުރެ ވެސް ބޮޑަށް މަގާމުގެ "ދަހިވެތިކަން" އޮތީ އެ އިދާރާގެ މެމްބަރު އެސޯސިއޭޝަންތަކުގެ މެދުގަ އެވެ.

ބައެއް އެސޯސިއޭޝަންތަކުގެ ޖެނެރަލް ސެކްރެޓަރީންގެ ގޮތުގައި ވެސް 20 އަހަރު ނުވަތަ 25 އަހަރު ހޭދަ ކުރައްވަމުން ގެންދަވާ ބޭބޭފުޅުން އެބަ ތިއްބެވި އެވެ. ރައީސް ކަމުގެ މަގާމަށް ބަލާއިރު، ފަސް ވަނަ ދައުރު ގުނުއްވާ ބޭފުޅުން ވެސް މަދެއް ނޫނެވެ.

ރާއްޖޭގެ ހުރިހާ އެސޯސިއޭޝަނެއްގައި ވެސް ހިންގުމުގެ މައްސަލަތައް ވަރަށް ގިނަ އެވެ. އެ އެސޯސިއޭޝަންތަކުގެ އިސް މަގާމުތަކުގައި އެއްބޭފުޅުންތަކެއްގެ "މޫލައި" އެހެން މީހުންނަށް ވަނީ ދޮރު އެއްކޮށް "ބަންދުކޮށްފަ" އެވެ.

މި މައްސަލަ ހައްލު ކުރުމަށް އެސޯސިއޭޝަންތަކުގެ މަގާމުތަކަށް ޓާމް ލިމިޓް ކަނޑައެޅުމާ ބެހޭގޮތުން މަޝްވަރާކުރަން ވެސް ކުޅިވަރުގެ ބައެއް މީހުން ބޭނުމެއް ނުވެ އެވެ. އެސޯސިއޭޝަންތަކަށް ޓާމް ލިމިޓް ކަނޑައެޅުމަކީ އިންޓަނޭޝަނަލް އޮލިމްޕިކްސް ކައުންސިލްގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ބުނެ އެ ވާހަކަތައް ހިންދާލަން މަސައްކަތް ކޮށްފައިވެ އެވެ.

ނަމަވެސް މިހާރުގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެ މަގާމަށް ވަޑައިގެން، އެ ވާހަކަތައް އަނެއްކާ ވެސް ތިލަ ކުރައްވައިފި އެވެ. ރާއްޖޭގައި ހިންގާ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް މަގާމުތަކުގައި ވެސް ތިއްބެވޭނެ ވަކި މުއްދަތެއް ކަނޑައެޅުއްވުމުގެ މަޝްވަރާތަކެއް ކުރިއަށް ގެންދެވި އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު: ކުޅިވަރު ހިންގުމުގެ ނިޒާމަށް ޓާމް ލިމިޓްގެ އުސޫލު ތއާރަފު ކުރުމުގެ މަސައްކަތްތަކެއް އޭނާ ވަނީ ފައްޓަވާފަ  -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްޕޯޓްސް މިނިސްޓަރު ރާފިއު: ކުޅިވަރު ހިންގުމުގެ ނިޒާމަށް ޓާމް ލިމިޓްގެ އުސޫލު ތއާރަފު ކުރުމުގެ މަސައްކަތްތަކެއް އޭނާ ވަނީ ފައްޓަވާފަ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޅިވަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް އެމެރިކާގެ އޮލިމްޕިކް ޓީމުގެ ކުރީގެ ޑައިރެކްޓަރަކު ރާއްޖެ އަށް ގެނެސް، ކުޅިވަރުގެ ހިއްސާދާރުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި އެ ވާހަކަ އޮތީ ދެކެވިފަ އެވެ.

"ވާހަކަ ދެއްކެވުނީ ޓާމް ލިމިޓް ދެ ދައުރަށް ކަނޑައެޅުމާ ބެހޭގޮތުން،" އެ ބައްދަލުވުންތަކުގައި ބައިވެރިވި ކުޅިވަރުގެ ތަޖުރިބާކާރަކު ބުންޏެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ މެމްބަރުކަން އެކަކަށް ކުރެވޭނެ އެންމެ ދިގު މުއްދަތަކީ ހަތަރު އަހަރުގެ ދެ ދައުރަށް ކަމަށް ކުޅިވަރު ގާނޫނަށް ސްޕޯޓްސް މިނިސްޓްރީން އިސްލާހު ހުށަހަޅަން މި ފަހަރު އެކުލަވައިލި ޑްރާފްޓުގައި ވަނީ ލިޔެފަ އެވެ. އެ ޑްރާފްޓު މިހާރު އޮތީ ބަންޑާރަ ނައިބުގެ އޮފީހުގަ އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައި އޮތީ ކުޅިވަރުގެ ގައުމީ މަޖިލީހުގެ ދައުރަކީ ހަތަރު އަހަރު ކަމަށެވެ. އެކަކަށް އަދާކުރެވޭނީ ކިތައް ދައުރު ކަމެއް ކަނޑައަޅާފައެއް ނެތެވެ.

"ކުޅިވަރާ ބެހޭ މަޖިލިސް ކަމަށް ވިޔަސް ޓާމް ލިމިޓް ކަނޑައެޅުމުގެ އިސްލާހު ހުށަހެޅުމަކީ ރަނގަޅު ފިޔަވަޅެއް. އެއާ އެކު، އެސޯސިއޭޝަންތައް ވެސް އެ ގޮތަށް ބަދަލު ވެގެންދާނެ ކަމަށް އުއްމީދު ކުރަން،" ކުޅިވަރު ގާނޫނުގެ 18 ވަނަ މާއްދާއާ ހަވާލާދީ، ކުޅިވަރުގެ އިސް މަގާމެއް ކުރިން އަދާކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަށް، ޓާމް ލިމިޓް ކަނޑައެޅުމަކީ ރާއްޖެ އަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެ އެވެ.

ސްޕޯޓްސް މެނޭޖްމެންޓްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ހުސައިން މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ މަގާމުތަކަށް ޓާމް ލިމިޓް ކަނޑައެޅުން މުހިންމު ކަމަށެވެ.

"އެކަކު އެއް ތަނެއްގައި ގިނަ ދުވަހު ހުރީމާ މައްސަލަތަކެއް ނުކުންނަކަން ތަޖުރިބާ ކޮށްފިން. ދިވެހި ކުޅިވަރުގައި ނޫޅޭ މީހާ ވެސް ގަބޫލުކުރާނެ ހަގީގަތެއް ކަންނޭނގެ މިއީ. އަނެއްކާ އަޅުގަނޑުމެންގެ މޮނިޓަރިން ސިސްޓަމެއް ނެތް ދެއްތޯ އެހާ ރަނގަޅަށް ތަރުތީބު ވެފައެއް. މޮނިޓާއެއް ނުކުރެވޭ. އެ ހުންނަ މީހާ ބޭނުން އެއްޗެއް ހަދަނީ. އެހެންވީމަ އެ ސަބަބުތައް ހުރީމަ ޕާސަނަލީ އަޅުގަނޑު ގަބޫލުކުރަނީ ލިމިޓް ކަނޑައަޅަން ޖެހޭ ކަމަށް،" އިންޓަނޭޝަނަލް ބީޗް ވޮލީ ރެފްރީކަން ވެސް ކުރައްވާ ހުސައިން ވިދާޅުވި އެވެ.

ވީއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމު ވެސް ކުރިން އަދާކުރެއްވި ހުސައިން ވިދާޅުވީ ކުޅިވަރު ގާނޫނަށް އަމަލުކުރާތާ އަށް އަހަރުވެގެން ދާއިރު ވެސް އެސޯސިއޭޝަންތައް މޮނިޓާ ކުރެވިފައި ނެތް ކަމަށެވެ.

ކުޅިވަރުގެ އިސްވެރިން އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމެއްގައި --- ފައިލް ފޮޓޯ: އެމްއޯސީ

ކުޅިވަރުގެ އިސްވެރިން އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމެއްގައި --- ފައިލް ފޮޓޯ: އެމްއޯސީ

ކުޅިވަރު އިދާރީ ހިންގުމުގެ ތަޖުރިބާކާރު އެހެން ބޭފުޅަކު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ކުޅިވަރު އެސޯސިއޭޝަންތަކަށް ޓާމް ލިމިޓް ކަނޑައަޅާފައި އޮތުމުން އޭގެ ފައިދާ އެ ގައުމުތަކުގެ ކުޅިވަރު ހިންގުމުގެ ދާއިރާއިން ފެނިގެންދާ ކަމަށެވެ.

"އަބަދުވެސް އާ ހިޔާލު އާ ވިސްނުންތައް އިމްޕޯޓް ވެގެން ދިޔައީމަ ރިފޯމަށް މަގު ފަހިވޭ. އެކެއްގެ މައްޗަށް ދިގު މުއްދަތަކަށް ހިންގުން ބަރާސާވުމުން ޕަވަ މެނިޕިއުލޭޓް ކުރޭ. ރާއްޖޭން ވެސް ރާއްޖޭން ބޭރުން ވެސް އެކަން ފެނޭ. އެހެންވެ ދައުރު ލިމިޓް ކަނޑައެޅުން މުހިންމު ވަނީ،" އޭނާ ވިދާޅުވި އެވެ.

"ޑިމޮކްރެޓިކް އުސޫލަކީ ވެސް އެއީ. ކިތަންމެ ކޮލިފައިޑް، އެޑިއުކޭޓެޑް މީހަކަސް ކިތަންމެ ތަޖުރިބާއެއް ހުއްޓަސް ދެ ދައުރު ނިމުނީމަ ދެން ޖެހޭނީ އެހެން ބަޔަކަށް ހޭންޑް އޯވާ ކުރަން. އެ ސިސްޓަމް ރާއްޖެ އަށް ވެސް ބޭނުން ވޭ."

ބައެއް އެސޯސިއޭޝަންތަކުގައި މިވަގުތު ހިންގަވަން ތިއްބެވި ބޭފުޅުން އެ ބާރު ދޫކޮށްލަން އެހާ ބޭނުން ވާދޭނެ ހެން ހީނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސޯސިއޭޝަނެއްގެ މަގާމުގަ ހުރީމަ މާ ބޮޑު މުސާރައެއް ނުލިބޭނެ. އެކަމަކު އަހަރަކު ތިން ހަތަރު ނޫނީ ފަސް ހަ ދަތުރު ލިބެންޏާ އެ މަގާމު ދޫކޮށްލާކަށް ބޭނުމެއް ނުވޭ. ދަތުރުތަކުން ޕޮކެޓް މަނީގެ ގޮތުގައި ރަނގަޅު އަދަދެއް ލިބޭތީ ކަންނޭނގެ އެ ތިބެނީ. އެހެންވެގެން ކަންނޭނގެ އެ ދޫކޮށްލަން ބޭނުން ނުވަނީ،" ނަން ޖަހަން ބޭނުން ނުވެ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

އެސޯސިއޭޝަނެއްގެ މަގާމުގައި ހުންނަ މީހާގެ އަތުގައި ވޯޓް ލެވޭ ދެތިން ހަތަރު ކްލަބް ބާއްވައިގެން، އެސޯސިއޭޝަނުގެ މަގާމު ދިފާއު ކުރެވޭތޯ ބައެއް އެސޯސިއޭޝަންތަކުގައި ތިބި މީހުން މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ދައުރު ލިމިޓް ހަތަރު އަހަރުގެ ދެ ދައުރަށް ކަނޑައަޅަން އެސޯސިއޭޝަންތަކުގައި މިހާރު ތިބި ބައެއް މީހުން ބޭނުމެއް ނުވެ އެވެ.

ކުޅިވަރުގެ އިވެންޓެއްގެ ތެރެއިން: ފޮޓޯ: އެމްއޯސީ

ކުޅިވަރުގެ އިވެންޓެއްގެ ތެރެއިން: ފޮޓޯ: އެމްއޯސީ

މައުލޫމާތު އެނގޭ އޮފިޝަލަކު "މިހާރު" އަށް ބުނީ ހަތަރު އަހަރުގެ ދެ ދައުރު ކުރުކަމަށް ބުނެ އެސޯސިއޭޝަންތަކުގެ ބައެއް މީހުން ޝަކުވާ ކުރި ކަމަށެވެ.

"އެ މީހުން ބުނެފަ އޮތީ (ރަނގަޅީ) ހަތަރު އަހަރުގެ ތިން ދައުރު ކަމަށް،" އޭނާ ބުންޏެވެ.

އެހާ ހިސާބުން ވެސް އަތް ދޫކޮށްލާކަށް ވެސް އެމީހުން ބޭނުމެއް ނޫނެވެ. މި ބަދަލަށް އަމަލުކުރަން ފަށާ ހިސާބުން ދައުރު ގުނަން ފަށާ ގޮތަށް ބައެއް އެސޯސިއޭޝަންތަކުގެ ތިބި މީހުން ހިޔާލު ހުށަހަޅާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު 15 އަހަރު މަގާމުގައި ތިބި މީހުން ވެސް މި ބަދަލުގެ ތެރެއަށް ނުފެތޭނެ. އެ މީހުން ބޭނުން ވަނީ މިއަށް އަމަލުކުރާ ހިސާބުން ދައުރު ގުނަން ފަށަން،" އޮފިޝަލް ބުންޏެވެ.

"އެގޮތަށް މި މީހުން ހުށަހެޅީމަ އަޅުގަނޑު ބުނިން މިހާރު ވެސް ދެ ދައުރު ނޫނީ ތިން ދައުރު އަދާކުރި މީހުންނަށް މީތި އެޕްލައި ނުވަންޏާ މީގެ ފައިދާއެއް ނުލިބޭނެޔޭ. އަނެއްކާ އަނެއް 12 އަހަރު ބޭކާރުވެގެން ދާނީ. ކިތަންމެ ވަރެއް ކުރިއަސް ނެތް އެއްޗަކުން ދިޔައެއް ނުފިލޭނެ."

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގައި އެންމެ ކުރިން ތިއްބެވީ ސަރުކާރުން އައްޔަންކޮށްފައި ތިބި މީހުންނެވެ. އެ މީހުންނާ އޭރު ކުޅެވޭނެ ގޮތެއް ނޯވެ އެވެ. އެކަންކަން ބަދަލުކުރުމަށްޓަކައި އެސޯސިއޭޝަންތަކުގެ ވެރިންނަކީ އިންތިހާބީ ބަޔަކަށް ހެދި އެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރަކީ ކްލަބްތައް ކޮންޓްރޯލްކޮށްގެން ނުވަތަ އިންތިހާބަށްޓަކައި ކްލަބްތަކެއް ހަދައިގެން މަގާމުގައި އަބަދަށް ތިބެން މަސައްކަތްކުރާ މަންޒަރެވެ. ހަގީގަތަކީ ރާއްޖޭގެ ކުޅިވަރު ހިންގުމުގެ ނިޒާމަށް އާ ވިސްނުންތަކާއި އާ ބަދަލުތަކެއް ބޭނުންވާ ކަމެވެ. އެތުލީޓުންނާއި ކުޅުންތެރިން ކުރިއަރާނީ ވެސް އޭރުންނެވެ. އެ ބަދަލު ގެނައުމަށްޓަކައި އެސޯސިއޭޝަންތައް މިހާރަށް ވުރެ ޑިމޮކްރަޓައިޒްކުރަން ޖެހެ އެވެ.