Roadha Mihaaru
ފާރު ތަޅާލި މައްސަލާގައި ކައުންސިލާ ދެކޮޅަށް އަމުރެއް

ގެއެއްގެ ފާރު ތަޅާލި މައްސަލާގައި ސިޓީ ކައުންސިލާ ދެކޮޅަށް ވަގުތީ އަމުރެއް!

18 އޯގަސްޓް 2024

މާލޭގެ ގެއެއްގައި މީހުން ވަދެ ނުކުމެ ނޫޅެވޭ ގޮތަށް ފާރެއް ރޭނި މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ޖެހިގެން ހުރި ގެއެއްގެ ފާރު ތަޅާލާފައި ވަނިކޮށް، އެ ފާރު އަލުން ރޭނުމަށް އަންގައި، އެ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ގެއެއްގައި މީހުން ވަދެ ނުކުމެ ނޫޅެވޭ ގޮތަށް ފާރެއް ރޭނި މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ޖެހިގެން ހުރި ގެއެއްގެ ފާރު ތަޅާލާފައި ވަނިކޮށް، އެ ފާރު އަލުން ރޭނުމަށް އަންގައި، އެ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ހ. ހުދުފިނިފެންމާގޭގެ ފާރެއް މިދިޔަ މަހު ސިޓީ ކައުންސިލުން ތަޅާލީ އެ ގެއާ އިންވެގެން ހުރި ގޭގެ މީހުންނަށް ވަދެ ނުކުމެ ނޫޅެވޭ ގޮތަށް ސިޓީ ކައުންސިލްގެ ހުއްދައާ އެކު، އެ ތަނުގައި ހުރި އެހެން ގެއެއްގެ ބަޔަކު ފާރެއް ރޭނުމުންނެވެ. ކައުންސިލްގެ ހުއްދައާ އެކު، ފާރު ރާނާފައިވަނީ އެ ތަނުގައި އޮންނަ ގޯޅިއެއްގަ އެވެ. ނަމަވެސް އެ ފާރު ރޭނުމާއެކު، ހުދުފިނިފެންމާގޭއާ އިންވެގެން ތިބި ގޭގެ މީހުން ގޭގެ ތެރޭގައި ތާށިވެފައިވާތީ ކައުންސިލުން ނިންމީ ހުދުފިނިފެންމާގޭގެ ފާރު ތަޅާލުމަށެވެ.

އެ މައްސަލާގައި ހުދުފިނިފެންމާގޭގެ ވެރިޔާ ހަސަން ޝާކިރު ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކުރީ ހުދުފިނިފެންމާގެއާ އިންވެގެން ހުރި ގޭގައި ތިބި މީހުން ވަދެ ނުކުމެވޭނެ ގޮތެއް ނޯންނާނެކަން އެނގި ތިބެ ހުދުފިނިފެންމާގެއާގޭގެ މީހުންނަށް ގޯޅީގައި ފާރެއް ރޭނުމުގެ ހުއްދަ ދިނުމަށް ފަހު، ހުދުފިނިފެންމާގޭގެ ފާރެއް ތަޅާލަން ކައުންސިލުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މައްސަލަ ނިމެންދެން، ކުރިން އޮތްގޮތަށް އެތަން ބޭއްވުމުގެ އަމުރަކަށް ވެސް ޝާކިރުގެ ފަރާތުން އެދުނެވެ.

އެހެންވެ، ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނިމެންދެން، ފާރު ރޭނުމުގެ ކުރިން ހާލަތު އޮތްގޮތް ދެމެހެއްޓުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން ހުދުފިނިފެންމާގެއާ އިންވެގެން ހުރި ގޭގެ މީހުން ކުރިން ވަދެ ނުކުމެ ހަދަމުންދިޔަ ގޮތަށް ގޯޅި ތެރެއިން އެކަން ކުރެވޭނެ އިންތިޒާމެއް 48 ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށާއި ހުދުފިނިފެންމާގޭ ފާރު ތަޅާލުމުގެ ކުރިން އެތަން އޮތް ހާލަތުގައި ބޭއްވުމަށް ފަހު، އެ ތަނުން ކައުންސިލްގެ މުވައްޒަފުން ނުކުތުމަށް އެ އަމުރުގައި އަންގާފައިވެ އެވެ.

އެ މައްސަލަ ނިމެންދެން އެ އިމާރާތާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅަން ވެސް އެ އަމުރުގައި ކޯޓުން އެންގި އެވެ.