Roadha Mihaaru
އިމްރާން އޮކްސްފަޑްގެ ޗާންސެލަރުކަމަށް ކުރިމަތިލައްވަނީ

ޖަލުގައި ހުރި އިމްރާން އޮކްސްފަޑް ޔުނިވަސިޓީގެ ޗާންސެލަރު ކަމަށް ކުރިމަތިލައްވަނީ

20 އޯގަސްޓް 2024

ސިޔާސީ އެކި ކަންކަމާ ގުޅުވައި އިއްވާފައިވާ ހުކުމްތަކާ އެކު މީގެ އަހަރެއްހާ ދުވަސް ކުރިން ޖަލުގައި ބަންދުކޮށްގެން ގެންގުޅޭ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިނގިރޭސި ވިލާތުގެ އޮކްސްފަޑް ޔުނިވަސީޓީގެ ޗާންސެލަރުކަމުގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ސިޔާސީ އެކި ކަންކަމާ ގުޅުވައި އިއްވާފައިވާ ހުކުމްތަކާ އެކު މީގެ އަހަރެއްހާ ދުވަސް ކުރިން ޖަލުގައި ބަންދުކޮށްގެން ގެންގުޅޭ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިނގިރޭސި ވިލާތުގެ އޮކްސްފަޑް ޔުނިވަސީޓީގެ ޗާންސެލަރުކަމުގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ޕާކިސްތާނުގައި 2018 އިން 2022 އަށް ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ޖަލަށް ލާފައިވަނީ ކޮރަޕްޝަންގެ ކުށްތަކާއި ހަމަނުޖެހުން އުފެއްދުން ފަދަ އެކި ކަންކަމާ ގުޅުވައި އިއްވި ހުކުމްތަކަށެވެ. އެކަމަކު އިމްރާން އަބަދުވެސް ވިދާޅުވަނީ މި ހުރިހާ ކަމެއް ގުޅިފައިވަނީ އޭނާ ވެރިކަމުން ދުރުކުރުމާއި އަލުން އެނބުރި ވެރިކަމަށް އަޔަ ނުދިނުމާ ކަމަށެވެ.

އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ލަންޑަންގެ ތަރުޖަމާނު ސައީދު ޒުލްފިކަރް ބުޚާރީ އޭއެފްޕީއަށް ވިދާޅުވީ އިމްރާން ޚާން ވަނީ އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ކަމަށް އިރުޝާދު ދެއްވާފައި ކަމަށާއި މިހާރު އެކަން ކުރިއަށްދާ ކަމަށެވެ.

"މިއީ ރަމްޒީ މަގާމެއް ނަމަވެސް ވަރަށް ޝަރަފުވެރި އަދި މުހިންމު މަގާމެއް. އިމްރާން ޚާނަކީ އޮކްސްފަޑުން އުފެދުނު ވަރުގަދަ އަދި މަގުބޫލު ޝަހުސިއްޔަތަކަށް އޭނާ ޗާންސެލަރުގެ މަގާމުގައި ހުންނެވުމަކީ ވަރަށް ހާއްސަ ކަމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

އޮކްސްފަޑްގެ ޗާންސެލަރުކަމުގައި މިހާރު ހުންނެވި ކްރިސް ޕެޓެން އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން މިދިޔަ ފެބްރުއަރީ މަހު ވަނީ އިއުލާންކުރައްވައިފަ އެވެ.

އޮކްސްފަޑްގެ ވެބްސައިޓްގައި ބުނެފައިވަނީ 10 އަހަރަށް އިންތިހާބުކުރާ ޗާންސެލަރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ލިސްޓު އޮކްޓޯބަރު މަހުގެ ކުރިން އާންމު ނުކުރާނެ ކަމަށެވެ. އިންތިހާބު ބާއްވާނީ އެ މަހުގެ ފަހުކޮޅު އެވެ.

އިމްރާން އޮކްސްފަޑްގައި ފިލޯސަފީ އާއި ޕޮލިޓިކްސް އަދި އިކޮނޮމިކްސް ކިޔަވައިވިދާޅުވުމަށް ފަހު ގްރެޖުއޭޓުވީ 1975 ވަނަ އަހަރު އެވެ.

ތަރުޖަމާނު ވިދާޅުވީ އިމްރާން އޮކްސްފަޑްގެ ޗާންސެލަރުކަމަށް ވަޑައިގެންފި ނަމަ ވާނީ އޭޝިއާގެ ފުރަތަމަ ޗާންސެލަރަށް ކަމަށެވެ.

"އިމްރާނަކީ ހަމައެކަނި ޕާކިސްތާނަށް ހާއްސަ މީހަކަށްވުމުގެ ބަދަލުގައި މުޅި އޭޝިއާ އަދި ދުނިޔެއަށް ވެސް ހާއްސަވާނެ،" އޭނާ ވިދާޅުވި އެވެ.

އިމްރާނަކީ ޕާކިސްތާނުގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ ކަމަށް ވާއިރު އެ ދުވަސްވަރު ކުޅިވަރާއި މަޖަލުގެ ތެރޭގައި އިމްރާން އުޅުއްވާ ގޮތުގެ ވާހަކަ އިނގިރޭސިވިލާތުގެ ގޮސިޕް މަޖައްލާތަކުން ވަރަށް ގިނައިން ގެނެސްދެ އެވެ.

އިމްރާން މިހާތަނަށް ތިން ކައިވެންޏެއް ކުރައްވާފައި ވާއިރު އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ މަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ ފިލްމު މޭކާ ޖެމީމާ ގޯލްޑްސްމިތު ވެސް ހިމެނެ އެވެ. އިމްރާންގެ ދިރިއުޅުން ފަހުން ބަދަލުވެ ހިލޭ ސާބަހަށް މަސައްކަތްކުރެއްވުމާއި ސިޔާސީ ކަންކަމަށް އިސްކަން ދެއްވި އެވެ.

އިމްރާން 2022 ވަނަ އަހަރު މަގާމުން ދުރުކުރުމުން އަލުން ވެރިކަން ހޯއްދެވުމުގެ މަސައްކަތް ފެއްޓެވީ ކުރިން އޭނާއަށް ތާއީދުކުރެއްވި އަސްކަރީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އިމްރާންގެ މި ކެމްޕެއިނުގައި އެތައް ހާސް ބަޔަކު އޭނާއަށް ތާއީދުކޮށް މަގުތަކަށް އެއްވި އެވެ.

އޮކްސްފަޑްގެ ޗާންސެލަރުކަމަށް ކުރިމަތިލައްވާ އެ ޔުނިވަސިޓީގެ ކުރީގެ ދަރިވަރުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ކުރީގެ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގް އާއި އީޔޫގެ ކުރީގެ ޓްރޭޑް ކޮމިޝަނަރު ޕީޓާ މެންޑެލްސަން ހިމެނޭ ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. -- އޭއެފްޕީ