Roadha Mihaaru
އޭޝިއަންގޭމްސްގެ ސާފިންއިން އަންހެން ޖާގައެއް ރާއްޖެއަށް

ދިވެހި ސާފިންއަށް ތާރީހީ ކާމިޔާބެއް: އޭޝިއަން ގޭމްސްގެ ސާފިންއިން އަންހެން ޖާގައެއް ރާއްޖެއަށް

21 އޯގަސްޓް 2024

ޖަޕާނުގައި 2026 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ސާފިން އަންހެން އޯޕަން ބައިން ރާއްޖެއަށް ޖާގައެއް ކަށަވަރު ވެއްޖެ އެވެ.

ޖަޕާނުގައި 2026 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ސާފިން އަންހެން އޯޕަން ބައިން ރާއްޖެއަށް ޖާގައެއް ކަށަވަރު ވެއްޖެ އެވެ.

އެ ފުރުސަތު ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގެ ފިރިހެން އޯޕަން އާއި އަންހެން އޯޕަން ބައިން ވެސް 12 ސާފަރުން އޭޝިއަން ގޭމްސް އަށް ކޮލިފައި ވާނެ އެވެ.

އޭޝިއާ ބަހާލެވިފައިވާ ފަސް ސަރަހައްދުން ވެސް އެއް ވަނަ ގައުމުގެ ދަރަޖަ ހޯދައިގެން ޖާގައެއް ޔަގީން ކުރެވޭނެ އެވެ. މި ފަސް ޖާގައިގެ އިތުރުން ރޭންކިންގެ އެންމެ ރަނގަޅު ހަތް ގައުމަށް ވެސް އޭޝިއަން ގޭމްސް އިން ފުރުސަތު ލިބޭނެ އެވެ. މުބާރާތުގެ ރޭންކިން އިން އެންމެ ރަނގަޅު ހަތް ގައުމު ހޮވާއިރު، ފަސް ސަރަހައްދުން އެއް ވަނަ ހޯދި ގައުމުތައް ނުހިމަނާނެ އެވެ.

ރާއްޖެ ހިމެނެނީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އާއެކު ދެކުނު އޭޝިއާގެ ޒޯނުގަ އެވެ.

އެގޮތުން ރާއްޖޭން މިވަނީ މިއަހަރުގެ މުބާރާތުގެ އަންހެން އޯޕަން ބައިން، ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ކުރި ހޯދި ގައުމުގެ ގޮތުގައި އޭޝިއަން ގޭމްސްގެ އަންހެން ޖާގައެއް ކަށަވަރުކޮށްފަ އެވެ.

އަންހެން އޯޕަންގައި ރާއްޖޭގެ ދެ އެތުލީޓުން މިއަހަރު ވާދަ ކޮށްފައިވެ އެވެ. އެއީ މަރިޔަމް ރާހިލް (އާޔާ) ނަސީމާއި ޝާޒިޔާ ސައީދު (ޝާޒު) އެވެ. ޝާޒިޔާ މުބާރާތުގެ ދެވަނަ ބުރުގައި ވާދަ ކޮށްފައިވެ އެވެ. އަދި އާޔާ ވަނީ ފުރަތަމަ ބުރުގެ ހީޓުގެ ދެވަނަ ހޯދައިގެން، ސީދާ ތިންވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

ތިންވަނަ ބުރުގެ ހީޓުގައި ހޯދި 4.20 ޕޮއިންޓާ އެކު އާޔާ އަށް ލިބުނީ ހީޓުން ތިންވަނަ އެވެ.

އާޔާ އާއެކު ދެކުނު އޭޝިއާގެ ތިން އަންހެން ސާފަރުން ތިންވަނަ ބުރުގައި ރާޅާ އަޅާފައިވެ އެވެ. އެގޮތުން އާޔާއާ އެއް ހީޓެއްގައި ރާޅާއެޅި ސްރީ ލަންކާގެ އުސްވައްތަގެ ސެނޫރީ މަދުޝާނީ އަށް އެއްކުރެވުނީ 0.50 ޕޮއިންޓެވެ. އަދި ހަވަނަ ހީޓުގައި ކަމަލީ ޕްރަކާޝް އަށް އެއްކުރެވުނީ 3.87 ޕޮއިންޓެވެ. ދެ ސާފަރުންނަށް ވެސް ލިބުނީ ހީޓުން ހަތަރުވަނަ އެވެ.

އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގައި ސާފިން ހިމަނަން ނިންމާފައިވުމުން، އެ ކުޅިވަރުން އޭޝިއަން ގޭމްސް އަށް ކޮލިފައިވާނެ އުސޫލުތަކެއް އޮލިމްޕިކް ކައުސިލް އޮފް އޭޝިއާ އާއި އޭޝިއަން ސާފިން ފެޑެރޭޝަން ގުޅިގެން ވަނީ ނިންމައިފަ އެވެ.

އޭޝިއާގެ އޮލިމްޕިކްސްގެ މައި އިދާރާ އާއި ބައްރުގެ ސާފިން މައި ޖަމިއްޔާ އިން ނިންމީ މިހާރު ކުރިއަށްދާ އޭޝިއާން ޗެމްޕިއަންޝިޕާއި އަންނަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން އަންނަ އޭޝިއަން ގޭމްސް އަށް އެތުލީޓުން ހޮވަން ނިންމައިފަ އެވެ.

މިއަހަރުގެ މުބާރާތުން (އަންހެން އަދި ފިރިހެން ވެސް، ކޮންމެ ޑިވިޝަނަކުން) 12 ގައުމަކާއި އަންނަ އަހަރުގެ މުބާރާތުން ވެސް 12 ގައުމު ހިމެނޭ ގޮތަށް (އަންހެން އަދި ފިރިހެން ވެސް، ކޮންމެ ޑިވިޝަނަކުން ) 24 ގައުމު، ނަގޯޔާ އާއި އައިޗީ ސިޓީގައި ބާއްވާ ގޭމްސްއިން ޖާގަ ލިބޭނެ އެވެ.