Roadha Mihaaru
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި

22 އޯގަސްޓް 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ޖުޑިޝަރީ ކޮމިޓީއަށް ޝަމީމް ވަނީ ހާޒިރުކޮށްފަ އެވެ. ސިއްރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޝަމީމަށް ޖަވާބުދާރީވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

އެ ބައްދަލުވުމަށް ފަހު ޝަމީމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން ނިންމާފައިވާ ކަން އެ ކޮމިޓީގެ މެންބަރަކު ވަނީ "މިހާރު" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ. ނަމަވެސް ޝަމީމް ވަކި ކުރެވޭނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

ޕީޖީއަށް ތުހުމަތު ކޮށްފައިވާ މައްސަލަތައް

- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.

- މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.

- ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.

- ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.

- ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.

- އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.

- ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.

- ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.

ނަމަވެސް ތުހުމަތަކަށް އިންކާރު ކުރައްވާ ކަމަށާއި އެ ހުރިހާ ވާހަކައެއް ނުދައްކާ "ރީތިކޮށް ބުނި ނަމަ" ވެސް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ. އަދި "އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫން" ކަމަށާއި އެއީ މީގެ ކުރިން ޖަވާބުދީފައި ހުރި މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ޕީޖީ އޮފީހުން މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކާއި ލިޔުންތަކާއި މަޒުމޫނުތައް މެންބަރުން ވިދާޅުވެ ދިރާސާކޮށްލި ނަމަ މިފަދަ ތުހުމަތުތައްކޮށް މަޖިލީހުގެ ވަގުތު ނަގާލަން ނުޖެހޭނެ އެވެ.