ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން މިދިޔަ ޖޫން މަހު ނިޔާވި ކުއްޖާގެ އާއިލާގެ ފަރާތުން ސިޓީޒް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާ މިއަދު ބައްދަލު ކުރައްވައި ކަންބޮޑުވުންތައް ހިއްސާ ކޮށްފި އެވެ.
24 އޯގަސްޓް 2024
ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން މިދިޔަ ޖޫން މަހު ނިޔާވި ކުއްޖާގެ އާއިލާގެ ފަރާތުން ސިޓީޒް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާ މިއަދު ބައްދަލު ކުރައްވައި ކަންބޮޑުވުންތައް ހިއްސާ ކޮށްފި އެވެ.
އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވެ ފަރުވާ ދެނިކޮށް ނިޔާވީ އުމުރުން 18 އަހަރުގެ ހުސައިން އަތީކް ނަމަކަށް ކިޔާ ކުއްޖެކެވެ.
އެ ހާދިސާ ހިނގީ އެ ރަށުގެ މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، ފުރަތަމަ ކަރަންޓުގައި ޖެހުނު އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކުރަން އުޅެނިކޮށެވެ.
މިނިސްޓަރު އާދަމް ޝަރީފް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހާދިސާގައި ނިޔާވި ކުއްޖާގެ ބައްޕަގެ އެދުމަކަށް އޭނާއާ މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. ކުއްޖާ ނިޔާވި މައްސަލާގައި ހިއްސާ ކުރި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އެ މައްސަލަ ބެލުމަށް ފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނި ގޮތުގައި އެކަން ހިނގީ މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސާކިޓް ބްރޭކަރާއި މިނިއޭޗާ ސާކިޓް ބްރޭކަރު ހަރު ނުކޮށް ހުރުމުންނެވެ.
ފެނަކައިން ހިދުމަތް ދެމުން އަންނަ ގިނަ ރަށްތަކުގައި މަގުބައްތިތައް ދިއްލަމުން ދަނީ އާތު ލީކް ސާކިޓް ބްރޭކަރު ހަރުނުކޮށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުމުގެ ސަބަބުން މީހެއްގެ ފުރާނަ ގޮސްފައިވާތީ ޔުޓިލިޓީ އޮތޯރިޓީން ވަނީ އެ ކުންފުނި 50،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި ސަލާމަތީ ބްރޭކަރުތައް 30 ދުވަހުގެ ތެރޭގައި ހަރުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި ފެނަކަ އިން ވެސް ބުނެފައިވާ ގޮތުގައި ގިނަ ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރި ގޮތަކަށް ނޫނެވެ. އެ މައްސަލަ ހައްލު ކުރަން ފެނަކަ އިން ވަނީ ކައުންސިލްތަކަށް މުއްދަތެއް ވެސް ދީފަ އެވެ. އެކަމަކު އެ މުއްދަތު ފަހަނަ އަޅައި ދިޔައިރު ވެސް ގިނަ ރަށްރަށުގައި މައްސަލައެއް ހައްލު ނުވާނެތީ މުއްދަތު ވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހާ ހަމައަށް އިތުރު ކޮށްދީފަ އެވެ.
މި މަހުގެ 15 ގައި ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އިސްލާހު ކުރުމަށް އެ ކުންފުނިން ދީފައިވާ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ ކައުންސިލްތަކަށް މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރުމުން ރައީސް އޮފީހުގެ ލަފާގެ މަތިން ޔޫއާރުއޭ އިން ކުރިން ދީފައިވާ މުއްދަތު އިތުރުކުރުމާ ގުޅިގެން ކަމަށް ވެސް ފެނަކައިން ބުނެފައި ވެ އެވެ.
މަގުބައްތިތައް ރަނގަޅުކުރަން ދިން މުއްދަތު އިތުރުކުރަނީ
ކަރަންޓް ޖެހި، މީހަކު މަރުވުމުން ފެނަކަ ޖޫރިމަނާކޮށްފި
ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
މާލޭގައި 40،000 މަސްދަޅު ކޭސް ބަހައިފި
މަސްދަޅު ބެހުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި
މަސްދަޅު ކޭސް ޓޯކަން މިއަދު 6 ޖަހާއިރު ދޫކުރަނީ
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ