Roadha Mihaaru
ނޫސްވެރިއަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ

ޓިކްޓޮކް ލައިވެއްގައި ނޫސްވެރިއަކަށް ޒިނޭގެ ތުހުމަތުކޮށް، ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

27 އޯގަސްޓް 2024

ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް ޓިކްޓޮކް ލައިވެއްގައި ޒިނޭގެ ތުހުމަތުކޮށް، ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް ޓިކްޓޮކް ލައިވެއްގައި ޒިނޭގެ ތުހުމަތުކޮށް، ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީ އަށް ނިސްބަތްކޮށް ޓިކްޓޮކް ލައިވެއްގައި ބޭއަދަބީ ބަސްތައް ބޭނުންކޮށް، ފުރައްސާރަކުރީ އެ ނޫސްވެރިޔާ ލިޔުނު ޚަބަރަކާ ގުޅިގެންނެވެ. އޭނާ ރާއްޖެ ޓީވީގެ ވެބްސައިޓުގައި ލިޔުނީ އަންހެނަކަށް ހެދިގެން އެ ލައިވްގައި ވާހަކަ ދައްކަމުންދާ މައްސަލައިގަ އެވެ.

އެ ފިރިހެންމީހާ ޓިކްޓޮކް ލައިވްތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އަމަލުކުރަމުންދާތީ އެކަމާ ގުޅިގެން ލައިޝާ ލިޔުނު ޚަބަރަކާ ގުޅިގެން، ބަޔަކު އޭނާ އަށް ދިމާކޮށްލިއިރު އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

"ހުށަހެޅި ފަރާތުގެ ބަޔާން ނެގި، ލިބިފައިވާ މައުލޫމާތާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" މީޑިއާތަކަށް ހާއްސަކޮށް ފުލުހުން ހިންގާ ވަޓްސްއެޕް ގުރޫޕަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ފޮނުއްވި މެސެޖެއްގައި ވެ އެވެ.

ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ލައިޝާ ބުނީ އޭނާ އާއި އޭނާގެ އާއިލާ އަށް ނިސްބަތްކޮށް ޓިކްޓޮކް ލައިވްގައި ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ.

އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ދައްކަމުން، މި ލައިވުގައި އެގޮތަށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާއިރު ލިޔުނު ޚަބަރު ނެގުމަށް ވެސް ދިޔައީ ގޮވަމުންނެވެ.

ޓިކްޓޮކްގައި އެކަކު އަނެކަކަށް އަވަގުރާނަ ގޮވުމާއި ދެބަސްވުންތައް ދޭތެރެއަކުން އޮވެ އެވެ. މިފަހުން ވަނީ ޓިކްޓޮކް ލައިވެއްގައި ހިނގި ދެބަސްވުމަކާ ގުޅިގެން، ގެއަކަށް ވަދެ ހަމަނުޖެހުން ވެސް ހިންގައިފަ އެވެ.