Roadha Mihaaru
14 މިލިއަން ރުފިޔާގެ ވާހަކަ ރިޔާޒު ދޮގު ކުރައްވައިފި

ރައީސް މުއިއްޒާ އެކު 14 މިލިއަން ރުފިޔާގެ މުއާމަލާތެއް ނުކުރަން: ރިޔާޒު

27 އޯގަސްޓް 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނަށް ޖާސޫސު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 14 މިލިއަން ރުފިޔާ ދެއްވި ކަމަށް ބުނެ ޕީއެންއެފުގެ ބައެއް އިސްބޭފުޅުން ކުރައްވާ ތުހުމަތުތައް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު ދޮގުކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނަށް ޖާސޫސު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 14 މިލިއަން ރުފިޔާ ދެއްވި ކަމަށް ބުނެ ޕީއެންއެފުގެ ބައެއް އިސްބޭފުޅުން ކުރައްވާ ތުހުމަތުތައް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު ދޮގުކުރައްވައިފި އެވެ.

ޔާމީން އިސްވެ އުފައްދާފައިވާ ޕީއެންއެފުން ކޮންމެ ހަފުތާއަކު ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި، ސިފައިންގޭގެ މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރު އަދި އެސްޕީޖީގެ ވެސް ކޮމާންޑަރަކަށް އެ ދުވަސްވަރު ހުންނެވި އަހުމަދު ފަޔާޒު (ޕާޕާ) ވަނީ ރައީސް މުއިއްޒާއި ރިޔާޒާ ގުޅުވައިގެން ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވާލި މައްސަލާގައި ހެކި ނައްތާލަން އުޅުނުކަން ސާބިތުވެ، ދެ އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކުރި ފަޔާޒު ވަނީ ރިޔާޒުގެ މޮބައިލް ފޯނުން އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ގުޅޭގޮތުން ފެނުނު މައުލޫމާތެއް ކަމަށް ބުނެ، ޕްރެޒެންޓޭޝަނެއް ހުށަަޅައިފަ އެވެ.

ފަޔާޒު ބުނީ، އަދީބު ހައްޔަރު ކުރުމާ ގުޅޭގޮތުން ރައީސް އޮފީހުގައި ދައްކަމުން ދިޔަ ވާހަކަތަކާއި ކެބިނެޓުގެ ވާހަކަތަކާއި އޭރުގެ ޕީޕީއެމްގެ އެތެރޭގައި ދެއްކި ވާހަކަތައް ރައީސް މުއިއްޒު އޭރު ގެންދެވީ އެހެން ފަރާތްތަކަށް ހިއްސާ ކުރައްވަމުން ކަމަށެވެ.

"... މީގެ ތެރޭގައި އަބްދުﷲ ރިޔާޒުގެ ފޯނުން މި ފެންނަނީ މިކަންކަން ކޮށްދިނުމަށްޓަކައި އަހުމަދު އަދީބު އެއްކަލަ 14 މިލިއަން ރުފިޔާ ދިން ވާހަކަ،" ޔާމީން ވެސް ބައިވެރިވެވަޑައިގަތް އެ ޖަލްސާގައި ފަޔާޒު ވިދާޅުވި އެވެ.

ޕްރެޒެންޓޭޝަންގައި ބުނެފައިވާ ގޮތުން ނަމަ ރިޔާޒާއި ރައީސް މުއިއްޒުގެ މެދުގައި ކުރެއްވި ޓެކްސްޓް މެސެޖުތަކުން އެނގެނީ އާންމު މީހަކު މެދުވެރިކޮށް އަދީބު، މުއިއްޒަށް 14 މިލިއަން ރުފިޔާ ދެއްވި ކަމެވެ.

އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރިޔާޒު ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ސިޔާސީ އެއްވެސް ކަމެއްގައި ރައީސް މުއިއްޒާ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި 14 މިލިއަން ރުފިޔާގެ އެއްވެސް މުއާމަލާތެއް ނުކުރައްވާ ކަމަށް ވަރަށް ޔަގީންކަމާ އެކު ވިދާޅުވި އެވެ.

"ކަނޑައެޅިގެން ބޮޑު ދޮގެއް! 2023 ރިޔާސީ އިންތިހާބުގެ 2 ވަނަބުރުގެ ކުރިން ސިޔާސީ އެއްވެސް ކަމެއްގައި ރައީސް ޑރ. މުއިއްޒު އާއި ވާހަކަ ދައްކާ މަޝްވަރާކޮށް ހަދާފައި ނުވާނެ. އަދި 14 މިލިއަން ރުފިޔާއެއްގެ އެއްވެސް މުއާމަލާތެއް ފޯނުން، މެސެޖުން ނުވަތަ އަނގަ ބަހުން ރައީސް ޑރ. މުއިއްޒުއާ ކޮށްފައި ނުވާނެ،" ރިޔާޒު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވެސް ވަނީ އެ މަނިކުފާނު އަދީބު އަތުން 14 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ ޕީއެންއެފުގެ އިސްވެރިން ދައްކަވާ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

އެ ބޭފުޅުން [ޕީއެންއެފްގެ އިސްވެރިން] އެނަލައިޒް ކުރި ރިޕޯޓް ނޫނިއްޔާ އެ ޑޮކިއުމަންޓް. އޭގައި ހުރި ފޭކް ފޯޖުތައް ޕޮލިސް ރިޕޯޓުގައި އެބައޮތް. ޕޮލިހުން އެބައޮތް ބަޔާނެއް ނެރެފައި ހަގީގަތާ ހިލާފު އެއްޗެއް ދައްކައިގެން އަޅުގަނޑު މި އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހުނު ކަމަށް ސާބިތު ކުރަން އުޅުނީ،"--- ރައީސް

ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން ކަމަށް ބުނެ، މިދިޔަ ފަސް އަހަރު ވެރިކަންކުރި އެމްޑީޕީން ނެރުނު ލިސްޓުގައި ވެސް އެ މަނިކުފާނުގެ ނަންފުޅު ނެތް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ބާރު އޮތް ދުވަސްވަރު ނެރުނު ލިސްޓެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެކި ގޮތްގޮތަށް ބަދަލުކުރިޔަސް އަޅުގަނޑުގެ ނަމެއް ނެތެއް ނޫންތޯ އެއަކު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު، ޕީއެންއެފުގެ ބައެއް އިސްވެރިން އާންމުކުރި ލިސްޓެއްގައި އެ މަނިކުފާނުގެ ނަންފުޅު އޮތުމުން ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށާއި ފުލުހުން މެދުވެރިކޮށް އެ މައްސަލަ ބެއްލެވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ބޭފުޅުން [ޕީއެންއެފްގެ އިސްވެރިން] އެނަލައިޒް ކުރި ރިޕޯޓް ނޫނިއްޔާ އެ ޑޮކިއުމަންޓް. އޭގައި ހުރި ފޭކް ފޯޖުތައް ޕޮލިސް ރިޕޯޓުގައި އެބައޮތް. ޕޮލިހުން އެބައޮތް ބަޔާނެއް ނެރެފައި ހަގީގަތާ ހިލާފު އެއްޗެއް ދައްކައިގެން އަޅުގަނޑު މި އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހުނު ކަމަށް ސާބިތު ކުރަން އުޅުނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުރިން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެރިޔާގެ މަގާމުގައި ހުންނެވި ފަޔާޒު ޖަލަށް ލާން ހުކުމް ކުރީ ޖޫން 2016 އިގަ އެވެ. އޭނާއަށް ދައުވާކުރީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާ ހިނގުމުން އެ މައްސަލަ ތަހުގީގު ކުރުމަށް ލޯންޗަށް އަރަން ދިޔަ ފުލުހުންނަށް ފަޔާޒުގެ އަމުރަށް ސިފައިން ހުރަސް އެޅި ކަމަށް ބުނެ އެވެ.