Roadha Mihaaru
ކީރިތިކުރެއްވީ ބުރިޖު ހުޅުވުން ކެންސަލްކުރަން އެންގުމުން

ރައީސަށް ކީރިތިކުރެއްވުނީ ބުރިޖު ހުޅުވުމުން ކެންސަލުކުރަން ޔާމީން އެންގެވުމުން!

30 އޯގަސްޓް 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، އެ މަނިކުފާނު ކީރިތި ކުރައްވަންދެން ޔާމީން "ބަވާލި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކަފުޅާ ގުޅިގެން ރައީސް މުއިއްޒު އެކަން ހިނގައިދިޔަ ގޮތް މިރޭ ތަފުސީލުކޮށް ކިޔައި ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، އެ މަނިކުފާނު ކީރިތި ކުރައްވަންދެން ޔާމީން "ބަވާލި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކަފުޅާ ގުޅިގެން ރައީސް މުއިއްޒު އެކަން ހިނގައިދިޔަ ގޮތް މިރޭ ތަފުސީލުކޮށް ކިޔައި ދެއްވައިފި އެވެ.

އަބްދުއްރަހީމް މިދިޔަ ހަފުތާގައި ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ސިނަމާލެ ބްރިޖު ހުޅުވަން ވަރަށް ކައިރިވެފައި ވަނިކޮށް، ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެ ބްރިޖުގައި ލޭނެއް މަދު ކަމަށް ވިދާޅުވެ، ޔާމީން ކޯފާ އިސްކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި، އޭރު ސިނަމާލެ ބްރިޖު ޕްރޮޖެކްޓްގެ ކަންކަމުގައި އިސްވެ ހުންނެވި ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން ޔާމީން "ބަވާލި" ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަންގު ޓީވީން މިރޭ ގެނެސްދިން ރައީސް މުއިއްޒުގެ ހާއްސަ އިންޓަވިއުގައި އެ މަނިކުފާނު ވަނީ އެކަން ހިނގި ގޮތް ސާފުކޮށް ދެއްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސިނަމާލެ ބްރިޖު ޕްރޮޖެކްޓުގެ ކަންކަން އޭރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރީ އޮކްޓޫބަރު/ނޮވެންބަރު 2014 އިގަ އެވެ. އޭގެ ކުރިން އެ ޕްރޮޖެކްޓުގެ އެއްވެސް ކަމެއްގައި އެ މަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖު ޕްރޮޖެކްޓުގެ ޕްރީ ފީސިބިލިޓީ ސްޓޭޖާއި ފީސިބިލިޓީ ސްޓޭޖާއި ކޮންސެޕްޓް ޑިޒައިނިން އާއި ޑީޓެއިލް ޑިޒައިންގެ ހުރިހާ މަރުހަލާއެއް ދިޔައީ އެ މަނިކުފާނު ބެއްލެވުމުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެ ޕްރޮޖެކްޓުގެ ކަންކަން ހިންގަން ފެށި ފަހުން ބްރިޖުގެ ލޭނުގެ އަދަދު މަދުވެފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ހަމައެކަނި އައި ބަދަލަކީ ބްރިޖުގެ ފުޅާމިން 20 މީޓަރުން 21 މީޓަރަށް ބޮޑުކުރުމެވެ.

އޮގަސްޓް 30، 2018: މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމުގެ ތާރީޚީ ހަވާއެރުވުމުގެ ތެރެއިން.-- ފޮޓޯ: މިހާރު

އޮގަސްޓް 30، 2018: މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމުގެ ތާރީޚީ ހަވާއެރުވުމުގެ ތެރެއިން.-- ފޮޓޯ: މިހާރު

ރާއްޖޭގެ ތާރީހު ބަދަލުކޮށްލި އެ ބިޔަ ޕްރޮޖެކްޓުގެ މަސައްކަތް ވަރަށް ފުރިހަމަ ކަމާ އެކު ނިމި، ހުޅުވަން މަހަކާ ކައިރިވެފައި ވަނިކޮށް، ސައިކަލްތަކަށް ހާއްސަ ލޭނެއް އޮންނަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށާއި އެކަން ކުރެވެން ނެތް ނަމަ ބައިސިކަލް ދުއްވަން ހާއްސަކުރި ލޭނު [މިހާރު ހިނގަން ހާއްސަ ކޮށްފައިވާ ލޭނު] ސައިކަލަށް ހާއްސަ ކުރަން ޔާމީން އެދިވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޔާމީންގެ އެދިވަޑައިގަތުމަށް އެކަން ކުރެވޭނެ ގޮތެއް ފަހިވޭތޯ ޗައިނާގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް، އޭރު ބްރިޖު ހުޅުވަން އެހާ ވަގުތު ކުޑަތަންވެފައި އޮތުމާއި ބްރިޖު މަސައްކަތުގެ ބޮޑު ބައެއް ނިމިފައި އޮތުމުން އެއީ ކުރެވޭނެ ކަމެއް ނޫންކަން ޔަގީންވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އޭރު އޮތީ ބްރިޖު ހުޅުވާ ތާރީހު ކަނޑައަޅައި، އެ ރަސްމިއްޔާތަށް ޗައިނާ އިން ވަޑައިގަންނަވާނެ އިސް ބޭފުޅުންގެ މައުލޫމާތު ވެސް ފައިނަލް ވެފަ އެވެ. އޭގެ ފަހުން ސަރުކާރާއި ޕާޓީގެ އިސްބޭފުޅުންނާ އެކު، ޔާމީން ޕީޕީއެމް އޮފީހުގައި ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ސާޅީހަކަށް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ޔާމީން ވަނީ ސައިކަލަަށް ވަކި ލޭނެއް ނެތުމުން ބްރިޖު ހުޅުވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ޔާމީން އެކަމާ ދެކޮޅު ހެއްދެވީ ސައިކަލަށް ވަކި ލޭނެއް ނެތް ނަމަ އެކްސިޑެންޓުތައް ގިނަވެދާނެ ކަމަށް ވިދާޅުވެ އެވެ. ޔާމީން ކޯފާވެ، ސައިކަލަށް ވަކި ލޭނެއް ނެތް ނަމަ ބްރިޖު ހުޅުވުން ކެންސަލް ކުރަން ވެސް ޕީޕީއެމްގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އެންގެވި އެވެ.

"[ޔާމީން] ވިދާޅުވި ބްރިޖެއް ނުހުޅުވާނަމޭ، ނިމުނީއޭ. އެހެން ވިދާޅުވެފައި އެ މީޓިން ނިންމަވާލެއްވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލެ: 30 އޯގަސްޓް 2018: ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ: 30 އޯގަސްޓް 2018: ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ވިދާޅުވީ، ޔާމީން އެގޮތަށް ވިދާޅުވުމުން، އަދި އެއީ އެ މަނިކުފާނު ރެއާއި ދުވާލު އެތައް މަސައްކަތެއް ކުރައްވައިގެން ނިންމި ބިޔަ ޕްރޮޖެކްޓަކަށް ވާތީ، އެ ވަގުތު ކީރިތި ކުރެއްވުނު ކަމަށެވެ. ނަމަވެސް، ޔާމީން ގެއަށް ވަޑައިގަތުމުން ފޯނުން ގުޅުއްވައި، އެއީ ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ވެސް ބުރޫއަރާނެ ނިންމުމަކަށް ވާނެތީ އާއި ބްރިޖުގެ މަސައްކަތް ވެސް ވަރަށް ފުރިހަމައަށް ނިމިފައި ވާތީ، އެ ނިންމުން ބަދަލުކުރެއްވުން އެދިވަޑައިނެންނެވި އެވެ.

ޔާމީންގެ އެ ނިންމެވުން ބަދަލުކުރައްވައި ކުރިން ވެސް އޮތް ގޮތަށް ބްރިޖު ހުޅުވުމުގެ ކަންކަން ކުރިއަށް ގެންދަވަން އެންގެވީ އެ ފޯނު ކޯލުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖުން އެއްލޭނު މަދު ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅުވައިގެން ރައީސް މުއިއްޒު މި ރައްދު ދެއްވީ އެ ބްރިޖު ހުޅުވިތާ ހަ އަހަރު ފުރުނު ދުވަހާ ވެސް ދިމާކޮށެވެ.