Roadha Mihaaru
މޫސާ ލަތީފަށް، ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު

މޫސާ ލަތީފަށް، ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު

04 ސެޕްޓެމްބަރ 2024

ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު "ހަވީރު" އާއި "މިހާރު" ގެ ކުރީގެ އެޑިޓަރު އަދި ދައުރު އޮންލައިން އެޑިޓަރު މޫސާ ލަތީފަށް ސަރުކާރުން މިއަދު ދީފި އެވެ.

ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު "ހަވީރު" އާއި "މިހާރު" ގެ ކުރީގެ އެޑިޓަރު އަދި ދައުރު އޮންލައިން އެޑިޓަރު މޫސާ ލަތީފަށް ސަރުކާރުން މިއަދު ދީފި އެވެ.

މީގެ 35 އަހަރު ކުރިން ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުންނެވި މޫސަ އަށް ޝަރަފުވެރިކަމުގެ އިނާމު ދެއްވީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ނޫސް "ހަވީރު" ނެރުން މާޗް 31، 2016 ގައި ހުއްޓާލުމާ އެކު، ހަމަ އެ މެނޭޖުމަންޓުން އުފެއްދި "މިހާރު" ގެ އެންމެ ފުރަތަމަ އެޑިޓަރު މޫސަ އަށް ވަނީ މައުލޫމާތު ފެތުރުމުގެ ދާއިރާ އިން 2001 ގައި ހިތްވަރު ދިނުމުގެ އިނާމު ދީފަ އެވެ. އަދި ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން، "ނޫސްވެރިކަން ދެމެހެއްޓުމުގެ ހިދުމަތުގެ ރިހި ގަލަން" ވެސް ސަރުކާރުން އޭނާ އަށް ވަނީ ދީފަ އެވެ.

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2001 ގައި އޭރުގެ ރައީސް މައުމޫން، މޫސަ އަށް ދެއްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2001 ގައި އޭރުގެ ރައީސް މައުމޫން، މޫސަ އަށް ދެއްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ ދާއިރާގައި މިހާރު ވެސް ބިނާކުރަނިވި ގިނަ ލިޔުންތަކެއް ލިޔުއްވާ މޫސަގެ ހަޔާތުގެ ބޮޑު ބައި ހޭދަކުރެއްވީ "ހަވީރު" ގަ އެވެ. އެ ނޫހުގެ އެންމެ ފަހުގެ އެޑިޓަރަކީ ވެސް މޫސަ އެވެ. އޭނާ ވަނީ "ހަވީރު" ގެ އެޑިޓަރުކަން އޭޕްރީލް 1، 2016 އާ ހަމައަށް ކުރައްވައިފަ އެވެ.

މޫސަގެ ވަރަށް ޅަ އުމުރުގައި "ހަވީރު" އާ ގުޅިވަޑައިގަތީ ޕާޓްޓައިމް ލިޔުންތެރިއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ގިނަ ބައެއްގެ މަގުބޫލުކަން އޭނާ ހޯދީ މޮޅު ކުޅިވަރު ލިޔުންތެރިއެއްގެ ގޮތުގަ އެވެ. "ހަވީރު" ގެ ކުޅިވަރު ސަފުހާ އަށް މުޅި ރާއްޖޭގެ މަގުބޫލުކަން ހޯދައި ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ނޫސްވެރިއަކީ މޫސަ އެވެ. އަދި "ހަވީރު ސްޕޯޓްސް އެވޯޑްސް" ގެ އެންމެ އިސް އެއް މޭސްތިރިއަކީ ވެސް އޭނާ އެވެ. އޭގެ ފަހުން "މިހާރު ސްޕޯޓް އެވޯޑްސް" ގައި ވެސް އެ ނޫހުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވީ މޫސަ އެވެ.

މިހާރު ސްޕޯޓްސް އެވޯޑްސްގެ ބައްދަލުވުމެއްގައި މޫސަ ބައިވެރިވެވަޑައިގަންނަވަނީ.

މިހާރު ސްޕޯޓްސް އެވޯޑްސްގެ ބައްދަލުވުމެއްގައި މޫސަ ބައިވެރިވެވަޑައިގަންނަވަނީ.

ރާއްޖޭގެ އެންމެ ސީނިއާ އެއް ނޫސްވެރިޔާ މޫސަގެ ގަލަން އަދިވެސް ނުހުއްޓެ އެވެ. ސިޔާސީ ކަންކަމާއި އިޖުތިމާއީ މައްސަލަތަކަށް މިހާރު ވެސް ގެންދަވަނީ ލިޔުއްވަމުންނެވެ.