Roadha Mihaaru
16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެ

އެފްޑީސީން ހުޅުމާލޭގައި ހަދާ 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެ

11 ސެޕްޓެމްބަރ 2024

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި ހަދަމުން އަންނަ 32 ޓަވަރުގެ ތެރެއިން 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި ހަދަމުން އަންނަ 32 ޓަވަރުގެ ތެރެއިން 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމިއްޖެ އެވެ.

އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓް ދިނުމަށް އިމާރާތްކުރާ ޓަވަރުތަކެވެ.

އެފްޑީސީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހުޅުމާލޭގައި ކޭޕީއައިއެލް (ކުރީގެ ޖޭއެމްސީ ކުންފުނިން) ހަދަމުން އަންނަ "އަމާން އުދަރެސް" ގެ 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަން އިއުލާންކޮށްފަ އެވެ.

"އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ. އެ ޓަވަރުތަކުގެ ސްޓްރަކްޗާގެ މަސައްކަތް އަދި އެއްކޮށް ނުނިމެ އެވެ.

މި ފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމަން މި އަހަރު ވަނީ އިތުރު ލޭބަރުން ވެސް ގެނެސްފަ އެވެ.

އެ ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގަ އެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. މި މަޝްރޫއު ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ)ގެ ލޯނު އެހީގަ އެވެ.

އެ 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާލެވެނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ މިދިޔަ ޖޫން މަހު ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި، އެ ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ވާނީ އަންނަ އަހަރު ޖުލައި ނުވަތަ އޮގަސްޓް މަހު އެވެ.

ކުރީގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ވަނީ އެ ވެރިކަން ނިމެން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ ފްލެޓް ލިސްޓު އެކުލަވާލުމުގައި ނާއިންސާފުން ކަންކަން ކޮށްފައި ހުރި ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓު ދިނުން ހުއްޓުވައިފަ އެވެ.

އެފްޑީސީން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރެއް: 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެފްޑީސީން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރެއް: 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ ނިމިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭސީސީން ކުރި ތަހުގީގުން އެނގުނު ގޮތުގައި، އެ ލިސްޓުގައި ތިބި 60 ޕަސެންޓް މީހުން އެ ސްކީމަށް ޝަރުތު ހަމަނުވެ އެވެ. ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ އެންމެ 20 ޕަސެންޓް ފޯމުގަ އެވެ. އެހެންވެ، މި ސަރުކާރުން ނިންމާފައި ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފޯމު ހުށަހެޅި އެންމެންގެ ފޯމުތައް އަލުން ރިވިއުކޮށް، އާ ލިސްޓެއް އެކުލަވާލުމަށެވެ. އެއީ 20،000 އަށް ވުރެ ގިނަ ފޯމެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު ރިވިއު ކުރުމަށް ފަހު، ފައިނަލް ލިސްޓު އަންނަ މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ހައިދަރު ވަނީ މިދިޔަ ޖުލައި މަހު ވިދާޅުވެފަ އެވެ.