Roadha Mihaaru
ޒަކިއްޔާގެ ހަށިގަނޑު ރަށަށް ގެންގޮސްފި

ތަހުލީލުތައް ނިންމައި ޒަކިއްޔާގެ ހަށިގަނޑު ރަށަށް ގެންގޮސްފި

12 ސެޕްޓެމްބަރ 2024

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު، މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ ތަހުލީލުތަކަށް ފަހު، މިއަދު އަނބުރާ ރަަށަށް ފޮނުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު، މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ ތަހުލީލުތަކަށް ފަހު، މިއަދު އަނބުރާ ރަަށަށް ފޮނުވާލައިފި އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުރި ގުދަނެއްގެ ކައިރިން މިދިޔަ އަންގާރަ ދުވަހުގެ ހެނދުނެވެ.

ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް ވެސް މާލެއިން އެ ދުވަހު ހަވީރު އެ ރަށަށް ދިޔަ އެވެ. ތަހުގީގަށް ބޭނުންވާ ބައެއް ސާމްޕަލްތައް ހޮޅުދޫގައި ނެގުމަށް ފަހު، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައީ ހޯމަ ދުވަހުގެ ރޭ ދަންވަރު އެވެ.

ފުލުހުން ބުނިގޮތުގައި ތަހުލީލުތައް ނިންމުމަށް ފަހު، އޭނާގެ ހަށިގަނޑު މިއަދު ހެނދުނު ވަނީ ހޮޅުދު އަށް ފޮނުވާލައިފަ އެވެ. އެކަމަކު އެ މަރާ ގުޅިގެން މާ ގިނަ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ހޮޅުދޫން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ގޭގެ ކުނި ނަގަން ގޭތެރެ އަށް ވަން ބިދޭސީންތަކަކަށެވެ. އޭނާ މަރުވެފައި އޮތްއިރު ކަރުގައި ވަޅި އަޅާފައިވާ ކަމަށާއި ކައިރީގައި ވެސް ވަޅިއެއް އޮތްއިރު އެ ވަޅީގައި ވެސް ކޮންމެވެސް ވަރަކަށް ލޭ ހުރި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިން ވެސް ތިބެ އެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނުއިރު ގޭގައި އުޅެނީ ފިރިމީހާ އާއި ފިރިހެން ދަރިފުޅާއި އޭނާގެ އަނބިމީހާ އަދި މާމަ ދަރިފުޅެވެ. ޒަކިއްޔާގެ އަނެއް ދަރިފުޅު ދިރިއުޅެނީ މާލޭގަ އެވެ.

ޒަކިއްޔާއަކީ ނަފުސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ރަށުތެރޭގައި ވާހަކަ ދެއްކެވުނަސް އެކަމަށް އެއްވެސް ފަރުވާއެއް ހޯދަމުން އައި ކަމެއް ސާފެއް ނޫނެވެ.

މިދިޔަ އަހަރު އުމްރާގެ އަޅުކަން ވެސް ފުރިހަމަކޮށްފައިވާ ޒަކިއްޔާގެ އާއިލާ އަކީ ރަށުގައި ފުދިގެން އުޅޭ ތަނަވަސް އާއިލާއެކެވެ.