Roadha Mihaaru
ކާވާ ކްލަބް މުބާރާތް: ޕޮލިހާއި ވެމްކޯ މޮޅުވެއްޖެ

ކާވާ ކްލަބް މުބާރާތް: ރާއްޖޭގެ ޕޮލިހާއި ވެމްކޯއަށް ފުރަތަމަ މެޗުތަކުން ކާމިޔާބު

16 ސެޕްޓެމްބަރ 2024

ރާއްޖޭގައި އިއްޔެ ފެށި އޭޝިއާގެ ސެންޓްރަލް ޒޯން (ކާވާ) އަންހެން ކްލަބް ޗެމްޕިއަންޝިޕްގައި ޕޮލިސް ކްލަބާއި ވެމްކޯ ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގައި އިއްޔެ ފެށި އޭޝިއާގެ ސެންޓްރަލް ޒޯން (ކާވާ) އަންހެން ކްލަބް ޗެމްޕިއަންޝިޕްގައި ޕޮލިސް ކްލަބާއި ވެމްކޯ ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ނިމުނު ކާވާގެ އަހެންހެން ގައުމީ ޓީމު މުބާރާތަށް ފަހު، އިއްޔެ ފެށި މުބާރާތުގައި ރާއްޖޭން ވާދަކުރަނީ އަންހެން ވޮލީގައި މިހާރު އެންމެ ކާމިޔާބު ދެ ކްލަބް، ވެމްކޯ އާއި ޕޮލިހެވެ.

ކާވާ ގައުމީ ޓީމުގެ މުބާރާތަށް ވާދަކުރަން އައި ތަޖިކިސްތާން ޓީމު ރާއްޖޭގައި މަޑުކޮށް ވީސީ ޑައިމަންޑް ކްލަބްގެ ނަމުގައި މުބާރާތުގައި ވާދަ ކުރެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެގެ މެންދުރު ފަހު ވެމްކޯ ނުކުތީ ލަންކާގެ އެއާފޯސް ކްލަބާ ދެކޮޅަށެވެ.

ވެމްކޯއިން މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.

އެއާ ފޯސް ކްލަބުން ފުރަތަމަ ސެޓް 25-20 ކުރި ހޯދި އެވެ. އެކަމަކު ފަހުން ކުޅުނު ތިން ސެޓް ވެސް ވެމްކޯއިން ގެންދިޔަ އެވެ. އެ ސެޓްތަކުން ކުރި ހޯދީ 25-23، 25-15 އަދި 25-19 އިންނެވެ.

ދެ ވަނަ މެޗުގައި އިއްޔެ ހަވީރު، ނޭޕާލްގެ ޕޮލިސް ކްލަބުން ވަނީ އުޒްބެކިސްތާންގެ ހުމޯގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފަ އެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-19، 27-25 އަދި 25-19 އިންނެވެ.

މުބާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށް ދިޔައީ ރާއްޖޭގެ ޕޮލިހާއި އާއި ތަޖިކިސްތާނުގެ ވީސީ ޑައިމަންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންނެވެ. މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ކުރީގެ ވޮލީ ކުޅުންތެރިޔާ އަދި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އާއިޝަތު ނާޒިމާ އެވެ.

ޕޮލިހުން ވީސީ ޑައިމަންޑްގެ މައްޗަށް ކާމިޔާބު ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗު ގެންދިޔައީ ފަސޭހަ ކަމާ އެކު 25-16، 25-14 އަދި 25-19 އިންނެވެ.

ކޮންމެ ޓީމަކަށް ބިދޭސީ ކުޅުންތެރިއެއް ޖެހުމުގެ ފުރުސަތު މުބާރާތުގެ ގަވާއިދުން ދީފައިވެ އެވެ. ރާއްޖޭގެ ދެ ޓީމު ވެސް ވަނީ ބިދޭސީ ކުޅުންތެރިން ގެނެސްފަ އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ރާއްޖޭގެ ދެ ޓީމެވެ.