Roadha Mihaaru
ކެބިނެޓް ސެކްރެޓަރީ އަހުމަދު ބީއެމްއެލްގެ ބޯޑަށް

ކެބިނެޓް ސެކްރެޓަރީ އަހުމަދު ބީއެމްއެލްގެ ބޯޑަށް

17 ސެޕްޓެމްބަރ 2024

ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު، ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރުމަށްޓަކައި ސަރުކާރުން އޭނާގެ ނަން ފޮނުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު، ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރުމަށްޓަކައި ސަރުކާރުން އޭނާގެ ނަން ފޮނުވައިފި އެވެ.

ބީއެމްއެލް އިން ބުނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކުރާނެ ކަމަށެވެ. އަހުމަދުގެ އިތުރުން މުހައްމަދު ޝާހިދާއި އަލީ އިރުފާންގެ ނަން ވެސް ވަނީ ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަނު ކުރަން ފޮނުވައިފަ އެވެ.

ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރަން ސަރުކާރުގެ ފަރާތުން އެންމެ ފަހުން ނިންމި އަހުމަދަކީ ޗާޓަޑް އެކައުންޓެންޓެއް ވެސް މެ އެވެ. ބ. އޭދަފުއްޓަށް އުފަން އަހުމަދު ވަނީ 2019 އިން 2021 އަށް އެޗްޑީސީގެ ބޯޑުގެ މެންބަރުކަން ކުރައްވައިފަ އެވެ. އަދި 2006 އިން 2023 ވަނަ އަހަރާ ހަމައަށް އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ބީއެމްއެލްގެ މި ފަހަރުގެ އީޖީއެމްގައި ބައިވެރިވެވޭނީ މި މަހުގެ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށެވެ.

މިއީ މި އަހަރު ބީއެމްއެލް އިން ބާއްވާ ތިން ވަނަ އީޖީއެމް އެވެ. އޭގެ ކުރިން ބޭއްވި ދެ އީޖީއެމް ވެސް ބޭއްވީ، ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކުރުމަށެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މި މަހުގެ 8 ވަނަ ދުވަހު އިސްތިއުފާ ހުށަހަޅުއްވައިފަ އެވެ. އެކަމަކު، އޭނާ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައި ވަނީ ވެސް އީޖީއެމް ބާއްވާ ތާރީހުގަ އެވެ. މަގާމުން ވަކިވެވަޑައިގަންނަވާނީ އޭގެ ފަހުންނެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވަ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެކަމަކު މިވަގުތު ބޯޑުގައި ތިއްބެވީ 8 ބޭފުޅުންނެވެ. އޭގެ ތެރެއިން ސަރުކާރުން އައްޔަން ކޮށްފައި ތިއްބެވީ ހަތަރު ބޭފުޅުންނެވެ. ބޯޑުގައި އިންނަވާތާ އެތައް އަހަރެއް ފަހުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން މިދިޔަ މަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.