Roadha Mihaaru
ވަށަފަރު ސިޓީ ހޮޓަލުގެ މައްސަލަ އަނެއްކާވެސް ހޫނުވެއްޖެ

ވަށަފަރު ސިޓީ ހޮޓަލުގެ މައްސަލަ އަނެއްކާވެސް ހޫނުވެއްޖެ

20 ސެޕްޓެމްބަރ 2024

ހއ. ވަށަފަރުގައި މީގެ ދިހަ ވަރަކަށް އަހަރު ކުރިން ހަދަން ފެށި ސިޓީ ހޮޓަލުގެ މަސައްކަތް ނުނިމި ޝަކުވާ ބޮޑުވެފައި އޮންނަތާ އެތައް އަހަރެއް ފަހުން އަނެއްކާވެސް މައްސަލަ ހޫނުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހއ. ވަށަފަރުގައި މީގެ ދިހަ ވަރަކަށް އަހަރު ކުރިން ހަދަން ފެށި ސިޓީ ހޮޓަލުގެ މަސައްކަތް ނުނިމި ޝަކުވާ ބޮޑުވެފައި އޮންނަތާ އެތައް އަހަރެއް ފަހުން އަނެއްކާވެސް މައްސަލަ ހޫނުވެއްޖެ އެވެ.

ރީތި ގޮނޑުދޮށެއް އޮންނަ ވަށަވަރުގެ ބޮޑު ތުނޑި ހިމެނޭ ސަރަހައްދުގައި ހޮޓަލެއް ފަސް އަހަރު ތެރޭ އަޅަން އެއްބަސްވުން ހަދާފައިވަނީ ހއ. ހޯރަފުށީ މީހެއް ކަމަށްވާ ތޮލްހަތު ރަޝީދާ އެކުގަ އެވެ. އެކަމަކު ތަނުގެ މަސައްކަތް ނުނިމި އެތައް އަހަރެއް ވެގެން ދިއުމުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކައުންސިލުން ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އަދި އޭގެ ފަހުން ތޮލްހަތުގެ ފަރާތުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.

ވަށަފަރުގެ އެންމެ ރީތި އެއް ސަރަހައްދު ބޭނުމެއް ނުހިފި އޮންނަ މައްސަލައިގައި އެ ރަށުގައި އިއްޔެ މުޒާހަރާ ވެސް ކޮށްފައި ވާއިރު ކައުންސިލުން ވަނީ ސިޓީ ހޮޓަލުގެ މައްސަލައިގައި ކަން ހިނގާ ގޮތާ މެދު ޓޫރިޒަމް މިނިސްޓްރީއަށް ފާޑު ކިޔައި ބަޔާނެއް ވެސް ނެރެ އެވެ.

ކައުންސިލްގެ ހަތަރު މެމްބަރުންގެ ސޮޔާ އެކު އިއްޔެ ނެރުނު ނޫސްބަޔާނުގައިވާ ގޮތުން، ވަށަފަރުގެ ހުޅަނގުކޮޅުން ޓޫރިޒަމް މަސައްކަތް ކުރުމަށް 2014 ވަނަ އަހަރު ދޫކޮށްފައިވާ 300،000 އަކަފޫޓުގެ ބިމުގައި އަދިވެސް މަސައްކަތް ނުނިމޭއިރު ސީއެސްއާރްގެ ދަށުން ކޮށްދޭންޖެހޭ ކަންކަން ވެސް ފުރިހަމަ ނުވެ އެވެ. ސިޓީ ހޮޓަލުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގުދަންކުރަން، އެ ބިމާ އިންވެގެން ދީފައިވާ 35،000 އަކަފޫޓުގެ ބިމުން އަކަފޫޓަކަށް ދެ ރުފިޔާގެ ރޭޓުން ކުލި ނެގުމަށް ކައުންސިލުން ނިންމައި އެކަން އެންގުމުން އެއީ ކައުންސިލްގެ ބިމެއް ނޫން ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ ބިމެއް ކަމަށް، ހޮޓާ ހަދާ ފަރާތުން ބުނެ ފައިސާ ނުދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަށަފަރު ސިޓީ ހޮޓަލުގެ މަސައްކަތް ބައްލަވާލައްވަނީ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަށަފަރު ސިޓީ ހޮޓަލުގެ މަސައްކަތް ބައްލަވާލައްވަނީ.

ސީއެސްއާރުގެ ދަށުން ކޭބަލް ޓީވީ އާއި އިންޓަނެޓްގެ ހިދުމަތް ދިނުމާއި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތެއް ހެދުމާއި ލެބޯޓަރީ އިކުއިޕްމަންޓް ހޯދައިދިނުމާއި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ކޮށްދޭންޖެހޭ ކަމަށް ކައުންސިލުން ބުންޏެވެ. އެކަމަކު މި ކަންކަން ވެސް ކޮށްފައި ނުވާއިރު ރަށުގެ ނަރުދަމާގެ މަސައްކަތް ސަރުކާރުން ފަށައި މިހާރު އޮތީ 80 ޕަސެންޓަށް ވުރެ ބޮޑު ބައި ނިންމާފައި ކަމަށް ކައުންސިލުން ބުންޏެވެ. އެހެންވެ ކައުންސިލުން އެދިފައިވަނީ ސީއެސްއާރްގެ ދަށުން އެހެން ބަޔަކު ކޮށްދޭންޖެހޭ ކަމެއް ސަރުކާރުން ކުރުމުން ރަށަށް އޭގެ ބަދަލެއް ލިބެންޖެހޭނެ ކަމަށެވެ. އެހެންވެ މިކަން ހަމަޖައްސާނެ ގޮތަކާ މެދު ޓޫރިޒަމް މިނިސްޓްރީއާ ވާހަކަ ދެއްކުމުން އެއީ ކައުންސިލަށް ދޭންޖެހޭ ފައިސާއެއް ނޫން ކަމަށް ދޭހަވާ ގޮތަށް މިނިސްޓްރީން ޖަވާބު ދީފައިވާތީ އެކަމުގެ ނުރުހުން ކައުންސިލުން ފާޅުކޮށްފައިވެ އެވެ.

"ނަމަވެސް ސީއެސްއާރުގެ ގޮތުގައި އެ ފަރާތުން ކުރުމަށް އެއްބަސްވެފައިވާ ފެނާއި ނަރުދަމާއަށްވާ ފައިސާއަކީ ކައުންސިލަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަން ދޭހަވާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ދަންނަވާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،"

ކައުންސިލުން ބުނި ގޮތުގައި އެ މަސައްކަތްދާ ގޮތް ސާފުކުރުމަށް ކައުންސިލުން މަސައްކަތް ކުރުމުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިހާތަނަށް އެއްބާރުލުމެއް ނުލިބެ އެވެ. އަދި އެކަމާ ގުޅިގެން ރަށު ކައުންސިލުން އިންތިޒާމުށްގެން މިމަހުގެ 16 ގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މައުލޫމާތުދޭން މިނިސްޓްރިއަށް ދައުވަތުދީ ސިޓީ ފޮނުވުމުން އެ ސިޓީއަށް ޖަވާބެއް ވެސް ނުލިބޭ ކަމަށް ބުންޏެވެ.

ކައުންސިލުން ބުނި ގޮތުގައި އެ މައުލޫމާތު ހޯދަން މަސައްކަތް ކުރަމުންދަނިކޮށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެ ކައުންސިލާ އެކު ހަދާފައިވާ އެމްއޯޔޫ އިސްލާހުކުރުމަށް ނިންމައިފަ އެވެ. މިއީ ކައުންސިލާއި ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމަށް ސިފަކޮށް އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.

ކައުންސިލްގެ މި ވާހަކަތަކާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާ ސުވާލުކުރުމުން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

ވަށަފަރު ސިޓީ ހޮޓަލުގެ މައްސަލަ ބޮޑުވެ މިދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރަށަށް ވަޑައިގަތުމުން ވެސް އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ރަށުން ހުށަހެޅީ އެކަމުގައި ހައްލެއް ހޯދުމަށެވެ. ރިޔާސީ ވައުދެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް އޭރު ވަނީ ހޮޓަލުގެ މައްސަލައިގައި ކޯޓުން ގޮތްތަކެއް ކަނޑައަޅާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެކަން ހައްލުކޮށްދެވެން އޮތް ގޮތަކަށް ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އޭރު ކެމްޕެއިންގައި ރަށަށް ވަޑައިގެން ރިޔާސީ ވައުދެއްގެ ގޮތުގައި ވަނީ ހަ މަސް ތެރޭ ހޮޓާ ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.