Roadha Mihaaru
ގައުމަށް ހޯދައިދޭ ރީތި ނަމުގެ ބަދަލަކީ "ނާށިގަނޑު"؟

ގައުމަށް ހޯދައިދޭ ޝަރަފާއި ރީތި ނަމުގެ ބަދަލަކީ "ނާށިގަނޑު" ހިފައިގެން ނުކުތުންތަ؟

21 ސެޕްޓެމްބަރ 2024

ގައުމީ ބޮޑީ ބިލްޑިން ޗެމްޕިއަން މުހައްމަދު ޔާމީން (ޔާމްބޭ) ގެ ދެ ކިޑްނީ ފެއިލްވި ވާހަކަ މީޑިއާ އަށް ތިލަވުމުން އޭނާގެ އަތުގައި ހިފީ ދިވެހި ސޯޝަލް މީޑިއާ ކޮމިއުނިޓީ އެވެ. އާސަންދަ އާއި އެންސްޕާގެ އެހީ ލިބުނަސް ދެން ކުރަންޖެހޭ އެހެން ހަރަދުތައް އޭނާ އަށް ހަމަޖެހޭނެ ގޮތެއް ނެތުމުން ޔާމްބެ އަށް ޖެހުނީ "ނާށިގަނޑު" ހިފައިގެން ނުކުންނާށެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ބޮޑީ ބިލްޑިން ޗެމްޕިއަން މުހައްމަދު ޔާމީން (ޔާމްބޭ) ގެ ދެ ކިޑްނީ ފެއިލްވި ވާހަކަ މީޑިއާ އަށް ތިލަވުމުން އޭނާގެ އަތުގައި ހިފީ ދިވެހި ސޯޝަލް މީޑިއާ ކޮމިއުނިޓީ އެވެ. އާސަންދަ އާއި އެންސްޕާގެ އެހީ ލިބުނަސް ދެން ކުރަންޖެހޭ އެހެން ހަރަދުތައް އޭނާ އަށް ހަމަޖެހޭނެ ގޮތެއް ނެތުމުން ޔާމްބެ އަށް ޖެހުނީ "ނާށިގަނޑު" ހިފައިގެން ނުކުންނާށެވެ.

ބޮޑީ ބިލްޑިންގެ ސުޕަ ކެޓަގަރީ 90 ކިލޯއިން ވޯލްޑް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދަން އެތައް އަހަރެއް ވަންދެން ޔާމްބެ ވި ގުރުބާނީގެ އަގަކީ އެއީ ހެއްޔެވެ؟ ގައުމު ފަހުރުވެރިވާ އެ އެތުލީޓަށް އޮތީ ސަލާން ޖެހުން ހެއްޔެވެ؟ މި ފަހުން އަހަރެމެންނަށް ދައްކަން ޖެހުނީ ޔާމްބެގެ ވާހަކަ ކަމަށް ވިޔަސް މީގެ ކުރިން މި ހާލަތު ކުރިމަތިވި އެތުލީޓުން އެބަތިއްބެވެ. ގައުމީ ހިދުމަތުގައި ވޭތުކުރި އެތައް ޝަހުސިއްޔަތަކަށް މި ހާލަތު ކުރިމަތިވި އެވެ.

ރާއްޖޭގެ އެތުލެޓިކްސްގެ ގައުމީ ޗެމްޕިއަންކަން 10 ފަހަރު ހޯދި ނަސީރު އިސްމާއީލް 2019 ގައި ހިތުގެ ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހުމުން ވެސް އޭނާ އަށް ޖެހުނީ "ނާށިގަނޑު" ހިފައިގެން ނުކުމެއް އެކި މީސްމީހުން ކައިރީގައި އާދޭސް ކުރާށެވެ. ސަލާން ޖަހާށެވެ.

އިންޑިއާގެ ހޮސްޕިޓަލުން އާސަންދަ ހަމަޖެހުނަސް އެހެން ހަރަދުތައް ނުކުރެވިގެން، އޭރުގެ ސަރުކާރުގެ އިސްވެރިއެއްގެ އަރިހުގައި އެ ވާހަކަ ދެންނެވި ކަމަށް ނަސީރު ބުންޏެވެ.

"އަޅުގަނޑު ގާތު [އެ ބޭފުޅާ] ބުނީ އާސަންދަ އާއި އެންސްޕާ ހަމަޖެހިފައި ނޫންހޭ ހުރީ، އެހެންވީމާ ދެން އިތުރު ކަމެއް ކޮށްދެވޭކަށް ނޯންނާނެއޭ،" ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ގައުމީ އިނާމު ވެސް ހާސިލް ކޮށްފައިވާ ނަސީރު ބުންޏެވެ.

ނަސީރު އިސްމާއީލް ކޯޗުކޮށް ދެނީ:  2019 ގައި އޭނާގެ ހިތުގެ ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހުނު

ނަސީރު އިސްމާއީލް ކޯޗުކޮށް ދެނީ: 2019 ގައި އޭނާގެ ހިތުގެ ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހުނު

އޭނާ ބުނީ އެ އޮޕަރޭޝަން ކުރުމުގެ ކުރިން، ބައެއް އެހެން ފަރުވާތައް ކުރުމަށްޓަކައި 40 ދުވަހު ކޮޗިންގައި މަޑުކުރަން ޖެހުނު ކަމަށެވެ.

ހުރުމާއި ކެއުމުގެ ހަރަދުތައް ހަމަޖައްސަން، ނަސީރު އެކި މީހުން ކައިރީ "އާދޭސްކޮށް" އެހީ އަށް އެދުނެވެ. އޭނާގެ އަތުގައި ހިފީ ހަމައެކަނި ގާތް މީހުންނެވެ. ދައުލަތެއް ނެތެވެ.

"ކުޅިވަރު ދާއިރާ އިން އެންމެ ބޭފުޅަކު އެހީތެރިކަމެއް ފޯރުކޮށް ދިނީ ވެސް،" ނަސީރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ކުޅިވަރު ދާއިރާ ނޫނަސް ގައުމަށް ހިދުމަތް ކޮށްފައި ތިބޭ މީހުންނަށް އަގުވަޒަން ކުރުމުގެ ނިޒާމެއް ރާއްޖޭގައި އޮންނަން ޖެހެ އެވެ.

"ކޮންމެ ދާއިރާއެއް ވިޔަސް ގައުމީ އިނާމު ލިބިފައި ތިބޭ މީހުންނަނަށް ހާއްސަ ކަންތައްތަކެއް ދުނިޔޭގެ އެހެން ގައުމުތަކުގައި އޮވޭ،" އޮލިމްޕިކްސް ގޭމްސްގައި ދެ ބުރެއްގައި ރާއްޖެ ތަމްސީލު ކުރި ނަސީރު ބުންޏެވެ.

"އޭރު އަޅުގަނޑަށް އެހެން ދިމާވީމަ ސިއްހީ ދާއިރާގެ ވަރަށް އިސް ބޭފުޅެއްގެ ގާތު މި ވާހަކަ ދެއްކީމަ ބުނީ 'ކަލޭމެންނަށް ވީތީ ވަކި ދޭކަށް ނުޖެހޭނެޔޭ'. މީއީ އާންމު މީހަކު ބުނި ވާހަކައެއް ނޫން. ސިއްހި ދާއިރާގެ މަތީ މަގާމެއްގައި ހުރި މީހަކު ބުނި ވާހަކަ މި ބުނީ،" ނަސީރު އިސްމާއީލް

ރާއްޖޭގެ 800 މީޓަރުގެ ދުވުމުގެ ރެކޯޑް އަދި ވެސް ދަމަހައްޓަމުން އަންނަ ނަސީރު ބުނީ، ބޭރުގެ މުބާރާތްތަކުގައި އޭނާއާ އެކު ދުވަން އުޅުނު އެހެން ގައުމުތަކުގެ އެތުލީޓުންނަށް އެ ހާއްސަ ފުރުސަތުތައް އެ ގައުމުތަކުގައި ފަހި ވެފައި އޮންނަ ކަމަށެވެ.

"ގޭމްސްތަކުގައި އަޅުގަނޑުމެންނާ އެކު ދުވަން އުޅުނު އިންޑިއާގެ އެތުލީޓުންނަށް މިހާރު ވެސް އެއާ އިންޑިއާ [އެއާލައިން] އިން ޓިކެޓް ގަންނަ އިރު 50 ޕަސެންޓް ޑިސްކައުންޓު ލިބޭ،" ނަސީރު ބުންޏެވެ.

އެކަމަކު ރާއްޖޭގައި، ގައުމީ ހިދުމަތްތެރިންނަށް އެފަދަ ފުރުސަތުތަކެއް ފަހިކޮށް ދޭން ވާހަކަ ދެއްކިޔަސް، އެކަމާ ދެކޮޅަށް ތެދުވާ މީހުން ގިނަ ކަމަށް އޭނާ ބުންޏެވެ. ނަސީރު ބުނީ އެކަމާ ދެކުޅު ހަދަނީ ވެސް އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ކަމަށެވެ.

އެކަމަކު، އެ އިސްވެރިން ތިއްބަވަނީ އެ މަގާމުގެ ހައިސިއްޔަތުން ނަސީރު އެ ވިދާޅުވާ ހުރިހާ އިނާޔަތެއް ނަންގަވައިގެންނެވެ. ގިނައީ ގައުމަށް ހިދުމަތް ކުރުމުގެ ޝަރަފާއި ރީތި ނަމެއް ވެސް ނެތް ބޭފުޅުންނެވެ. ގައުމަށް ހޯދައިދިން ރީތި ނަމެއް ނޯވެ އެވެ.

"އޭރު އަޅުގަނޑަށް އެހެން ދިމާވީމާ ސިއްހީ ދާއިރާގެ ވަރަށް އިސް ބޭފުޅެއްގެ ގާތު މި ވާހަކަ ދެއްކީމާ ބުނީ 'ކަލޭމެންނަށް ވީތީ ވަކި ދޭކަށް ނުޖެހޭނެޔޭ'. މީއީ އާންމު މީހަކު ބުނި ވާހަކައެއް ނޫން. ސިއްހި ދާއިރާގެ މަތީ މަގާމެއްގައި ހުރި މީހަކު ބުނި ވާހަކަ،" ނަސީރު ބުންޏެވެ.

ކުޅިވަރުގެ ބައެއް ހިދުމަތްތެރިން ކުޅިވަރަކަށްޓަކައި ގުރުބާން ވީ، ބޮޑެތި ފުރުސަތުތައް ދޫކޮށްލައިފަ އެވެ. ރާއްޖޭގެ ޓީޓީގެ ތާރީހުގައި އުފެއްދި އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިޔާ، ލެޖެންޑް އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ އެންމެ ޒުވާން ދުވަސްވަރު ބޭރަށް ކިޔަވަން ދާން ފުރުސަތުތައް ލިބުނެވެ. އެކަމަކު އެ ފުރުސަތު ދޫކޮށްލީ ޓީޓީގެ ކެރިއާ ދޫކޮށްލަން ބޭނުން ނުވުމުންނެވެ.

ތާޅާފިލި އަލިބެ (ކ): އޭނާ ބުނީ ކުޅިވަރުގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ނިސާމެއް އޮންނަން ޖެހޭ ކަމަށް

ތާޅާފިލި އަލިބެ (ކ): އޭނާ ބުނީ ކުޅިވަރުގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ނިސާމެއް އޮންނަން ޖެހޭ ކަމަށް

"ސައުދީ އަށް ކިޔަވަންދާން އުމުރުން 17 އަހަރުގައި އަޅުގަނޑަށް ފުރުސަތު ލިބުނު. ސައުދީ، މިސްރު ތަންތަނުން ކިޔަވައިގެން އަންނަ މީހުންނަށް ސަރުކާރުގެ އިސް މަގާމުތަކުން އޭރު ލިބެމުން ދިޔަ ފުރުސަތުތައް ވެސް ފެނުނު،" އަލިބެ ބުންޏެވެ.

"އެކަމަކު ޓީޓީ ދޫކޮށްލާފައި ދާހިތް ނުވީ. އެއީ އޭރު ކިޔަވަން ގޮސްފިއްޔާ ކުޅިވަރުގެ ކެރިއާ އެއްކޮށް ގެއްލުނީ. މިހާރު އޮންނަ ގޮތަކަށް ކުޅިވަރު ތެރޭގައި އުޅެމުން، ކިޔަވަމުން އެ ފުރުސަތެއް ނޯވޭ."

އަލިބެ ބުނީ ރަސްމީކޮށް ކުޅުން ހުއްޓާލި ފަހުން ވެސް އޭނާ އަށް ކުރިއަށް ދެވުނީ އެއާޕޯޓްގައި އޭރު އަދާކުރުމުން ދިޔަ ވަޒީފާ އާއި އެހެން މަސައްކަތެއް ކުރަން ވެސް ދަސްވެފައި ހުރުމުންނެވެ.

"އެކަމަކު ހުރިހާ އެންމެންނެއް ނުވާނެ ދެއްތޯ އެހެންނެއް. އެހެންވީމާ ތި ފާހަގަ ކުރި ސިސްޓަމެއް ކުޅިވަރުގައި ހޭދަކުރި މީހުންނަށް މުހިންމު ވަނީ،" އަލިބެ ބުންޏެވެ.

ގައުމަށް ރީތި ނަމާއި ޝަރަފު ހޯދައިދޭ މީހުންނަށް ދައުލަތުން ހާއްސަ އެހީތެރިކަމެއް ދިނުމުގެ ވާހަކަ ދެއްކުމަކީ އަލިބެ ބުނާ ގޮތުން ނަމަ "މިލިއަން މިލިއަން ޑޮލަރުގެ" ކަމެކެވެ.

"ދުނިޔޭގެ އެހެން ތަންތާގައި ވެސް ތިކަންތައް ތިގޮތަށް އޮންނަނީ. ތިއީ ރާއްޖެ އަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ތިއީ،" އަލިބެ ބުންޏެވެ.

ގައުމީ ބޮޑީބިލްޑިން ޗެމްޕިއަން ޔާންބެ އަށް ސިއްހީ ގޮތުން ދިމާވި މައްސަލަތަކާ އެކު، "ނާށިގަނޑު ހިފައިގެން ސަލާން ޖަހަން" ނުކުތް ހިސާބުން މުޅި ގައުމުގެ ސަމާލުކަމަށް އެކަން ވަނީ އައިސްފަ އެވެ. ގައުމަށް ރީތި ނަން ހޯދައިދޭ މީހުންނަށް ދައުލަތުން ހާއްސަ ގޮތްތަކެއް ބަހައްޓަން ޖެހޭނެ ކަމަށް އިއްތިފާގުވާ މީހުން ވަރަށް ގިނަ އެވެ. ކޮންމެވެސް އުސޫލެއް ނިޒާމުތަކުގެ ތެރޭގައި ރޭވިފައި އޮންނަން ޖެހެ އެވެ. ގައުމުގައި ތިބީ ހަމައެކަނި ސިޔާސީ މީހުންނެއް ނޫނެވެ. ސިޔާސީ ދާއިރާގެ ބައެއް މަގާމުތައް ވަކި މުއްދަތަކަށް އަދާކުރުމުން މުޅި އުމުރަށް ބޮޑެތި އިނާޔަތް ދޭއިރު، އަހަރެމެން އެންމެން އެ ބަޔަަކަށްޓަކައި ފަހުރުވެރިވާ މީހުންގެ އަގު ވަޒަންކޮށް އެހީތެރިކަން ދިނުން މާ އައުލާކަން ބޮޑެވެ.

އެކަމަކު، އެއީ ވަކި ވަރަކަށް ދައްކާފައި ހުއްޓޭ ވާހަކައެކެވެ. ޔާމްބެ މަތިން މީހުން ހަނދާން ނެތުމުން އެ ވާހަކަ އޮޔާދާނެ އެވެ.

ގައުމީ ކުޅިވަރުތަކުގެ ވެޓަރަންސް އެމްބެސެޑަރުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މި އަހަރު ފެބްރުއަރީ މަހު ސަރުކާރުން ފެށި އެވެ. އެ ދަފްތަރުގައި ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ކުޅިވަރުގެ ހިދުމަތްތެރި ފަރާތްތަކަށް ސްޕޯޓްސް މިނިސްޓްރީގެ "މީސް ޕޯޓަލް" މެދުވެރިކޮށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ވެސް ހުޅުވާލި އެވެ.

ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، ކުޅިވަރުގެ ލެޖެންޑަރީ ބޭފުޅުން އިސްވެ އަމިއްލަ އަށް އެކަން ކުރަން ބޭނުން ނުވެދާނެތީ އެސޯސިއޭޝަންތަކުން، އެ ފަރާތްތައް ދެނެގަނެ ރަޖިސްޓަރީ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފައި ވާނެ ކަމަށެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު (ވ) އާއި ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ސްޕޯޓްސް މިނިސްޓަރު ރާފިއު (ވ) އާއި ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

"ކުޅިވަރުގެ ލެޖެންޑަރީ ބޭފުޅުން އެބޭފުޅުން ހޯދި ކާމިޔާބުގެ ވާހަކަ އަމިއްލަ އަށް އެގޮތަށް ދައްކަން ބޭނުން ނުވެދާނެ. އެހެންވެ އެސޯސިއޭޝަންތަކަށް އިރުޝާދު ދީފައި ވާނީ އެ ކުޅިވަރެއް ނިސްބަތްވާ އެތުލީޓުން ދެނެގަނެ ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށް. ބައެއް އެސޯސިއޭޝަންތަކުން އެބަ ހުރި ބައެއް ނަންތައް ވެސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައި،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅިވަރުގެ އެކި ހަފުލާތަކުގެ ޝަރުފުވެރި މެހެމާނުންގެ ގޮތުގައި އެ ހިދުމަތްތެރިންނަށް ފުރުސަތު ދިނުމަށް ވެސް އެސޯސިއޭޝަންތަކަށް އިރުޝާދު ދީފައި ވާނެ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު މިނިސްޓްރީ އެ ދަފުތަރަށް ހުޅުވައިލީ، ސިއްހީ އިންޝުއަރެންސް ވެސް ކުޅިވަރުގެ ހިދުމަތްތެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަން އިއުލާން ކުރުމަށް ފަހު އެވެ.

އެކަމަކު ކުޅިވަރުގެ ފުރަތަމަ އިންޝުއަރެންސް ޕްރޮގްރާމް އަންނަ އަހަރު ފަށަން މި މަހު އިއުލާން ކުރި އެވެ. އިންޝުއަރެންސްގެ އެ ސްކީމްގެ ތެރެއަށް ވައްދާނެ ކަމަށް މިހާތަނަށް އިއުލާން ކުރީ މިހާރުގެ ކުޅުންތެރިން އެކަންޏެވެ. އަމްޕެޔަރުންނާއި ރެފްރީން އަދި އެހެން އޮފިޝަލުން އަދި އެ ޕްރޮގްރާމްގައި ނުހިމެނެ އެވެ.

ކުރީގެ ކުޅިވަރުގެ ހިދުމަތްތެރިންނަށް އޮތް އިންޝުއަރެންސް ސްކީމް، ސްޕޯޓްސް މިނިސްޓްރީން އަދި މިހާތަނަށް އިއުލާނެއް ނުކުރެ އެވެ. އޮފިޝަލް ވިދާޅުވީ ވެޓަރަންސް ދަފުތަރުގައި ރަޖިސްޓަރީ ވާ ހިދުމަތްތެރިންނަށް އިންޝުއަރެންސް ދޭނީ ވަކި ސްކީމެއްގެ ތެރެއިން ކަމަށެވެ.

ޔާމްބެ އަށް ހެޔޮއެދިގެން މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ބަޔަކު ބޭއްވި ގަޑިއެއްހާއިރުގެ ޓިކްޓޮކްލައިވްގައި 210،000ރ. އާއި 1،300 ޑޮލަރު ވަނީ ހޯދައިފަ އެވެ. މިއީ ޓިކްޓޮކްގައި މިގޮތަށް ކުރިއަށް ގެންދިޔަ އެންމެ ކާމިޔާބު އެއް ފަންޑުރެއިޒިން އިވެންޓު ވެސް މެ އެވެ. އެކަމަކު، މިއީ ޔާމްބެ ފަދަ ގައުމު ފަހުރުވެރިވާ ޝަހުސިއްޔަތުންނާ މެދު ވެގެން ވާނެ ގޮތެއް ނޫނެވެ. މިފަދަ މީހުންނަށް ކުރިމަތިވާ ކުއްލި ސިއްހީ ބޮޑެތި ކަންތައްތަކުގައި ދައުލަތުން އިސްނަގަން ޖެހެ އެވެ. އެ މީހުން "ނާށިގަނޑު" ހިފައިގެން އާންމުންގެ ތެރެއަށް ނުކުންނަން ޖެހުން ރީއްޗެއް ނޫނެވެ.