Roadha Mihaaru
ވަޒީފާއިން ވަކިވާން މަޖުބޫރުކުރި ކަމުގެ ތުހުމަތު!

ވަޒީފާއިން ވަކިވާން މަޖުބޫރުކުރި ކަމަށް ވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް!

04 އޮކްޓޯބަރ 2024

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގައި 17 އަހަރު މަސައްކަތް ކުރެއްވި އިސް މުވައްޒަފަކާ މެދު އެ މިނިސްޓްރީގެ ވެރިން ތަފާތުކުރުން ގެންގުޅެ، ވަޒީފާ އިން ވަކިވާން މަޖުބޫރުކުރި ވިދާޅުވެ، އޭނާގެ އުދާސްތައް ބޭރުކޮށްލައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގައި 17 އަހަރު މަސައްކަތް ކުރެއްވި އިސް މުވައްޒަފަކާ މެދު އެ މިނިސްޓްރީގެ ވެރިން ތަފާތުކުރުން ގެންގުޅެ، ވަޒީފާ އިން ވަކިވާން މަޖުބޫރުކުރި ވިދާޅުވެ، އޭނާގެ އުދާސްތައް ބޭރުކޮށްލައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި ފެންނަނީ ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސް މުވައްޒަފުންނާ އެކު، ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒު ވެސް ބަލަހައްޓާ އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އާއިޝަތު ޝޫޒާ ވާހަކަ ދައްކަވާ މަންޒަރެވެ.

އެނގިފައިވާ ގޮތުގައި، އެއީ ޖެންޑާ މިނިސްޓްރީގެ "އެލްޑާލީ ޑިޕާޓްމަންޓު" ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމުމުމުން ބޭއްވި ބައްދަލުވުމެކެވެ.

ކުރީގެ ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ކައުންސެލަރެއްގެ ވަޒީފާ އަށް 2007 ގައި ޓްރެއިނީއެއްގެ ގޮތުގައި ވަދެ، ފަހުން އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމާ ހަމައަށް ދަތުރުކުރެއްވި ޝޫޒާ އެ ވީޑިއޯގައި ވިދާޅުވީ، މިނިސްޓްރީން އެއްވެސް ސަބަބެއް ނެތި އޭނާ ކުރަމުން އައި މަސައްކަތަށް ހުރަސް އެޅީ ކަމަށެވެ.

"ޑިސެމްބަރު 2023 އާ ހަމައަށް އެއްވެސް މަގުބޫލު އުޒުރެއް ނެތި، އަޅުގަނޑު ކުރަމުން އައި ހުރިހާ މަސައްކަތެއް އަޅުގަނޑު އަތުން އަތުލައި، މި މިނިސްޓްރީގައި އަޅުގަނޑު މަސައްކަތް ކުރަމުން އައި ކޮމިޓީތަކުން ބޭރުކޮށް، އެ ހިސާބުން ވެސް ނުވެގެން އެޗްއޯޑީ ކަމުން ވަކިކޮށް މިނިސްޓްރީގެ އިސް ވެރިންގެ މީޓިން ތަކަށް ވަނުން މަނާކޮށް، މަގާމުގެ ހުރިހާ މަސައްކަތުން އަޅުގަނޑު ވަނީ އާދައިގެ ކޭސް ވޯކަރަކަށް ބަދަލުކޮށްފައި،" ޝޫޒާ ވިދާޅުވި އެވެ.

"އެއްވެސް އުޒުރެއް ނެތި، އެއްވެސް ސަބަބެއް ނުދައްކައި، ވީ ގޮތެއް ނޭނގިގެން މި ކަންތައް ސާފުކުރަން އަޅުގަނޑު އެޕޮއިންޓްމަންޓަކަށް ރިކުއެސްޓު ކުރިން، އެޕޮއިންޓްމަންޓެއް ވެސް ނުދިން."

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ބައްދަލުވުމެއްގައި.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ބައްދަލުވުމެއްގައި.

އަންހެނުންނާއި ކުޑަކުދިންނާއި ނިކަމެތިންގެ ހައްގުތައް ހޯދައިދޭން އައި މިނިސްޓްރީއަކުން އޭނާގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި ނަފުސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެ ވީޑިއޯގައި ޝޫޒާ ވިދާޅުވި އެވެ.

އެއީ ހަމަ އެކަނި އޭނާ ތަހައްމަލުކުރަމުންދާ ކަމެއް ނޫން ކަމަށާއި މިނިސްޓްރީގެ އިތުރު މުވައްޒަފުން ވެސް އެކަން ތަހައްމަލު ކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

މި ނިންމުމާއެކު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެއް ނުވޭ. އަދި އެފަދަ މަޖުބޫރުކަމެއް ވެސް އެއްވެސް ސްޓާފަކާ ދޭތެރޭ ގެންގުޅެފައެއް ނުވޭ،"--- ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން

އޭނާ ވިދާޅުވާ ގޮތުން ނަމަ ޑިވެލޮޕްމަންޓް މިނިސްޓްރީން "ގަދަކަމުން" ބޭރުކޮށްލީ އެވެ.

އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން އެ މިނިސްޓްރީން ބުނީ "އެލްޑާލީ ޑިޕާޓްމަންޓު" ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ އެކު، މުވައްޒަފުން ވެސް ހެލްތުގެ ދަށަށް ބަދަލުކުރީ ކަމަށެވެ.

"އެ މުވައްޒަފުންނަކީ ގުރައިދޫގައި ގާއިމް ކުރެވިފައިވާ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ހިދުމަތް ފޯރުކޮށްދިނުމާއި ކޭސް މެނޭޖް ކުރުމުގެ މަސައްކަތް ވަރަށް ގާތުން ކުރައްވަމުން ގެންދަވާ މުވައްޒަފުން. އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ އެ ޑިޕާޓުމެންޓުގެ މުވައްޒަފުން ކަމަށް ވުމުން، ބަދަލުވިއިރު މުވައްޒަފުން އެ މަސައްކަތުގައި ދެމި ތިބޭނެ ގޮތަށް މިނިސްޓްރީ ބަދަލުވެގެން ދިއުމަކީ މަރުކަޒުން ދެމުން އައި ހިދުމަތްތައް ހަމަ އެގޮތުގައި ކުރިއަށް ގެންދެވޭނެކަން ކަށަވަރު ވެގެންދާނެ ކަމެއް،" މިނިސްޓްރީން ބުންޏެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ވަޒީފާ އާއި މަސްއޫލިއްޔަތުތަކުން ޝޫޒާ އެކަހެރި ކުރި ކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަތަކަށް ވެސް އެ މިނިސްޓްރީން ރައްދު ދިނެވެ.

"... މި ނިންމުމާއެކު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެއް ނުވޭ. އަދި އެފަދަ މަޖުބޫރުކަމެއް ވެސް އެއްވެސް ސްޓާފަކާ ދޭތެރޭ ގެންގުޅެފައެއް ނުވޭ،" ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުންޏެވެ.

އެލްޑާލީ ޑިޕާޓްމަންޓު އެއްކޮށް ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން، މުވައްޒަފުންގެ އެދުމުގެ މަތިން ހުޅުމާލޭގައި މަސައްކަތް ކުރެވޭނެ ގޮތަށް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ހެލްތު މިނިސްޓްރީގެ އިސްވެރިންނާ ވާހަކަ ދައްކަވައިގެން ހަމަޖައްސަވައި ދެއްވާފައިވާ ކަމަށް ވެސް ބުންޏެވެ.

މިއީ އެލްޑާލީ ޑިޕާޓްމެންޓް ހެލްތު މިނިސްޓްރީގެ ދަށަށް އަދި ކުރީގެ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރި ފުރަތަމަ ފަހަރު ނޫން ކަމަށް ވެސް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުންޏެވެ.