Roadha Mihaaru
ވިޔަފާރި އާއި ޓޫރިޒަމް ޕްރޮމޯޝަނަށް ރައީސް މުމްބާއީއަށް

ވިޔަފާރި އާއި ޓޫރިޒަމް ޕްރޮމޯޝަނަށް ރައީސް މުމްބާއީއަށް

08 އޮކްޓޯބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ވިޔަފާރި އާއި ޓޫރިޒަމް ފްރޮމޯޓް ކުރައްވަން އެމަނިކުފާނު ދެންމެ މުމްބާއީއަށް ވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ވިޔަފާރި އާއި ޓޫރިޒަމް ފްރޮމޯޓް ކުރައްވަން އެމަނިކުފާނު ދެންމެ މުމްބާއީއަށް ވަޑައިގެންފި އެވެ.

މިއީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެމަނިކުފާނަށް އިންޑިއާ ސަރުކާރުގެ ހޫނު މަރުހަބާއަކާ އެކު ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް އިއްޔެ ވަނީ ބާއްވަވައިފަ އެވެ.

ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ އިންޑިއާގެ ސަރުކާރުން ވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި، މިއަދު ހެނދުނު އެމަނިކުފާނު މުމްބާއީއަށް ވަޑައިގަތީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިތުރު ފުރުސަތުތައް ފަހިކުރުމުގެ ބައްދަލުވުންތަކަށެވެ. ވިޔަފާރި އާއި ޓޫރިޒަމް ފުޅާކުރުމަށް ހިންގާ ހާއްސަ ޕްރޮމޯޝަން އިވެންޓުތައް އޮންނާނީ މިއަދު ހަވީރެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ބާއްވާ ހަރަކާތުގައި އިންޑިއާގެ ސެލެބްރިޓީން ވެސް ބައިވެރިވާނެ އެވެ.

އިންޑިއާ ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ރައީސް މުއިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ފޮޓޯއަކަށް ހުއްޓިވަޑައިގެން .-- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ރައީސް މުއިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ފޮޓޯއަކަށް ހުއްޓިވަޑައިގެން .-- ފޮޓޯ: ރައީސް އޮފީސް

ދެ ގައުމުގެ ރަސްމީ ވާހަކަތަކަށް ފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި ވެސް ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެއް ކަމަށާއި އެ ގައުމުން އިތުރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތްކުރުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ދިއްލީގައި ޢިއްޔެ ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާ ތަރައްގީކުރުމުގެ އިތުރުން އިގްތިސާދަށް އާމްދަނީ ވަންނާނެ އެހެން ކަންކަން ތައާރަފުކުރަން ބޭނުންފުޅުވާ ކަމަށެވެ. ފައިނޭންޝަލް ސާވިސް އާއި މެރިޓައިމް އަދި ޑިޖިޓަލް އިކޮނޮމީ ފަދަ ކަންކަން ފާހަގަކުރެއްވިއިރު ރައީސް ވަނީ އެ މަސައްކަތްތަކަށް އިންޑިއާގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ދިއްލީގައި އިއްޔެ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.

އިންޑިއާގެ ވިޔަފާރިވެރިންނާ ރައީސް މުއިއްޒު ދިއްލީގައި އިއްޔެ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.

އިންޑިއާގެ ގިނަ ވިޔަފާރިވެރިން ބައިވެރިވި އެ ފޯރަމްގައި ރައީސް އެގޮތަށް އެދިވަޑައިގަތީ އިންޑިއާއަކީ ޑިޖިޓަލް އިކޮނޮމީގައި އެންމެ ކުރީގައި އުޅޭ ގައުމު ކަމަށް ވުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅުގައި ހަމަޖެހުނު ބައެއް ކަންކަން

- އިންޑިއާ އިން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއްގައި ސޮއިކުރުން.

- އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ބޭނުންކުރާ ރޫޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުން.

- ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިފްތިތާހުކުރުން.

- އިންޑިއާ އިން ހުޅުމާލޭ ފޭސް ދޭއްގައި ހަދާފައިވާ 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ހަވާލުކުރުން.

ރައީސާ އެކު އިންޑިއާގައި ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވި ގޮތުގައި އިންޑިއާ އިން ދިން އެހީތަކަކީ ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ. ކަރަންސީ ސްވޮޕްގެ އެއްބަސްވުމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެކަމުގެ ސަބަބުން، ޑޮލަރަށް ބަރޯސާވުން ނުވަތަ ދަތިކަމަށް ކަމަށް ހައްލެއް އަންނާނެ ކަމަށެވެ.

ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީން ކުރު މުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވެ، ރިޒާވް އިތުރު ކުރެވޭނެ އެވެ.

ރާއްޖެ އާއި އިންޑިއާ އާ ދެމެދު މަތީ ފެންވަރުގައި ގިނަ މަޝްވަރާތަކެއް މި ދަތުރުގައި ކޮށްފައިވާއިރު އޭގެ ތެރޭގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާއި ރާއްޖޭގެ ކޮންސިއުލޭޓެއް ބެންގަލޫރުގައި ގާއިމުކުރުމަށް ރައީސް އާއި ބޮޑުވަޒީރު މޯދީ މަޝްވަރާ ކުރެއްވި އެވެ.

ރައީސް ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނާތީ ދިވެހި ރައްޔިތުންގެ ނަމުގައި އެ ގައުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.