އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ވިސްނުމަކީ މީޑިއާތަކުން ބޭނުންވާ ނަމަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި މީޑިއާތައް ރެގިއުލޭޓް ކުރުމުގައި މިހާރު ގެންގުޅޭ މެކޭނިޒަމް އެއްކޮށް އުވާލުން ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
17 ނޮވެމްބަރ 2024
އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ވިސްނުމަކީ މީޑިއާތަކުން ބޭނުންވާ ނަމަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި މީޑިއާތައް ރެގިއުލޭޓް ކުރުމުގައި މިހާރު ގެންގުޅޭ މެކޭނިޒަމް އެއްކޮށް އުވާލުން ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާ އިން އެހެން ބުނީ، މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ މެދު ހުރި ކަންބޮޑުވުންތައް އޭޖީ އުޝާމްއާ ހިއްސާ ކުރަން ބޭއްވި ބައްދަލުވުމަށް ފަހު އެވެ.
އެމްޖޭއޭ އާއި އެމްއެމްސީން ވަނީ އެ ބިލާ ގުޅިގެން "ހަތަރެއްގެ ހައްގުގައި" ނަމުގައި ކެމްޕެއިނެއް ފަށައިފަ އެވެ.
އޭޖީ އުޝާމާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލްއާ ބައްދަލުކުރީ އެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ކޯ-ގުރޫޕްގެ އިސް ނޫސްވެރިންނެވެ.
އެ ބައްދަލުވުމަށް ފަހު އެމްޖޭއޭގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް ވިދާޅުވީ، މީޑިއާތައް ރެގިއުލޭޓު ކުރުމަށް ގާނޫނީ ގޮތުން އުފައްދާފައިވާ އެމްއެމްސީ އާއި ބްރޯޑްކޮމް އުވައިލުމަކީ އޭޖީގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ. އެކަމަކު އެކަން ކުރަން އޭޖީ ބޭނުންވަނީ މީޑިއާތަކުން ބޭނުންވާ ނަމަ އެވެ.
"ހަތަރެއްގެ ހައްގުގައި" ކެމްޕެއިނުގެ ބައިވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ނާއިފް ވިދާޅުވީ، މީޑިއާތައް ހިންގުމަށާއި ނޫސްވެރިކަމަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީން ކަން އޭޖީ އުޝާމް ދެއްވި ކަމަށެވެ. ނަމަވެސް ހަންނާން ހުށަހަޅުއްވާފައިވާ ބިލާ ސަރުކާރު ދެކޮޅަސް މިހާތަނަށް އެއްވެސް ގޮތެއް ނުނިންމާ ކަމަށް އޭޖީއާ ހަވާލާ ދެއްވައި ނާއިފް ވިދާޅުވި އެވެ.
އެމްޖޭ އާއި އެމްއެމްސީން ވަނީ މީޑިއާ ކޮމިޝަންގެ ބިލް އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ، އެ ބިލް މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައިފަ އެވެ.
"ހަތަރެއްގެ ހައްގުގައި" ކެމްޕެއިނުގެ ދަށުން އަންނަނީ އެއީ ނޫސްވެރިން ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލެއްގެ ގޮތުގައި ސިފަކޮށް، ބިލް މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ވެސް ސޮއިކުރަން ފަށައިފަ އެވެ.
މެންބަރު ހަންނާން އަމިއްލަ ގޮތުން ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ނަމުގައި ކޮމިޝަނެއް އުފައްދުމުގެ ބިލްގެ ފުރަތަމަ ކިޔުން ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވައިފަ އެވެ.
ބިލްގައިވާ ގޮތުން، ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ ކޮމިޝަނުގައި ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެކެވެ.
މީޑިއާ ތަމްސީލުކުރާ ތިން މެމްބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.
އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު، ބިލުގައި ދީފައިވަނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށެވެ.
އޭގެ އިތުރުން މީޑިއާތަކުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރު ހާމަކުރެވޭ ގޮތަށް ބިލް ފާސްނުކުރަން އެދިއްޖެ
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
ނޫސްވެރިން ތިބީ ބިރުވެރިކަމެއްގައި، މިނިވަންކަމެއް ނެތް
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
އެއް ތަނަކުން މީޑިއާ ބެލެހެއްޓުމާ ގުޅޭ ބިލެއް ހަދައިފި