Roadha Mihaaru

ދެ ކޮޅިގަނޑުގެ ބާރުގަދަވެ ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް

ރާއްޖެ ކައިރީގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

ދެ ކޮޅިގަނޑުގެ ބާރުގަދަވެ މޫސުން ގޯސްވަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

25 ނޮވެމްބަރ 2024

ރާއްޖެ ކައިރީގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވެ، ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ކޮޅިގަނޑު ދަތުރުކުރަމުން ދާނެ ކަމަށް ބެލެވެނީ ހުޅަނގު އުތުރަށް، ސްރީ ލަންކާގެ އައްސޭރިފަށާއި އިންޑިއާގެ ޓެމިލްނާޑުއާ ދިމާލަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ރާއްޖެއާ ދުރުން، ރާއްޖޭގެ އިރުދެކުނުގައި ވެސް ކޮޅިގަނޑެއް ވަނީ އުފެދިފަ އެވެ.

މި ދެކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މިއަދު މެންދުރުފަހު ނަގާފައިވާ މޫސުން ލަފާކުރާ ގޮތް ދައްކައިދޭ ސެޓްލައިޓް ފޮޓޯއެއް.-- ފޮޓޯ: މެޓް އޮފީސް

މިއަދު މެންދުރުފަހު ނަގާފައިވާ މޫސުން ލަފާކުރާ ގޮތް ދައްކައިދޭ ސެޓްލައިޓް ފޮޓޯއެއް.-- ފޮޓޯ: މެޓް އޮފީސް

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، އާންމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އެހެންވެ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކަނޑުދަތުރުކުރުމުގައި މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށާއި ދަތުރު ފެށުމުގެ ކުރިން ރައްކާތެރިކަން ކަށަވަރުކުރަން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއީ، އާންމުކޮށް ރާއްޖެއަށް އިރުވައި މޫސުން ފެށެން، ދެ މޫސުން ބެދޭ ދުވަސްވަރެވެ. އެހެންވެ، މި ދުވަސްވަރު އާންމު ގޮތެއްގައި ކަނޑުތައް ގަދަވެ، ވިއްސާރަކުރެ އެވެ.

ރާއްޖެއަށް އިރުވައި މޫސުން ފެށޭނީ އަންނަ މަހު އެވެ.