Roadha Mihaaru

ސްޕޯޓްސް ކާރު ދުއްވި އިކްރާމް ދައުވާތަކަށް އިއުތިރާފުވެއްޖެ، އަނެއް ދެ މީހުން އިންކާރު

ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި އިބްރާހިމް އިކްރާމްގެ މައްޗަށް ދައުލަތުން ކުރި ހުރިހާ ދައުވާތަކަށް އިއުތިރާފުވެއްޖެ އެވެ.

ސްޕޯޓްސް ކާރު ދުއްވި އިކްރާމް ދައުވާތަކަށް އިއުތިރާފް
ނާޒިމް ހަސަން
ނާޒިމް ހަސަން

27 ނޮވެމްބަރ 2024

ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި އިބްރާހިމް އިކްރާމްގެ މައްޗަށް ދައުލަތުން ކުރި ހުރިހާ ދައުވާތަކަށް އިއުތިރާފުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފޭސްގައި މިދިޔަ ޖުލައި މަހު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން މ. ލޭންޑް އޮފް ގާޑެން އިބްރާހިމް އިކްރާމާއި ކާރުގައި އެވަގުތު ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލްގެ މައްޗަށެވެ. އެ ކާރަކީ ޖިނާހުގެ ބެލުމުގެ ދަށުގައި އޮތް ކާރެކެވެ.

މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ވަނީ ތިން މީހުންގެ މައްޗަށް ވެސް ދައުވާ އިއްވައިފަ އެވެ.

ދައުވާތަކަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އިބްރާހިމް އިކްރާމްގެ ވަކީލް ވިދާޅުވީ އިކްރާމް ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދަން ބޭނުންވެ އެކަން ހުށަހަޅާފައިވާނެ ކަމަށެވެ.

ދައުލަތުގެ ވަކީލް ވެސް ވިދާޅުވީ އިކްރާމްގެ އެ ހުށަހެޅުން ލިބިފައިވާ ކަމަށާއި އަދި އެއްބަސްވުމެއް ހެދުމާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެ އެއްބަސްވުން ހަދައި ނިމެންދެން ޝަރީއަތުގައި ދައުވާތަކަށް ޖަވާބުދާރީނުވެ މަޑުކުރަން އިކްރާމްގެ ވަކީލް އެދުނު ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެންގެވީ މިއަދުގެ އަޑުއެހުމުގައި ދައުވާތަކަށް ޝަރީއަތުގައި ވެސް ޖަވާބުދާރީވުމަށެވެ. އެ އެންގެވުމާ ގުޅިގެން ވަކީލް ވިދާޅުވީ އިކްރާމްގެ މައްޗަށް ކުރާ ހަ ދައުވާއަށް ވެސް އޭނާ އިއުތިރާފުވާ ކަމަށެވެ.

ދައުވާ ލިބޭ އިކްރާމް އަބްދުއްރަހުމާން: އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ވަނީ ދޫކޮށްލާފައި

ދައުވާ ލިބޭ އިކްރާމް އަބްދުއްރަހުމާން: އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ވަނީ ދޫކޮށްލާފައި

އެކްސިޑެންޓާ ގުޅިގެން ޖިނާހުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ ވަނީ މިއަދުގެ އަޑުއެހުމުގައި އިންކާރުކޮށްފަ އެވެ.

ޖިހާނު ބުނީ އެކްސިޑެންޓުވުމުން އެ ތަނުން އޭނާ ގޮސްފައި ނުވާނެ ކަމަށާއި ފުލުހުންނަށް އެއްބާރުލުން ވެސް ދީފައިވާނެ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާގެ ބޭސްފަރުވާއަށްދާ ހަރަދާއި މުދަލަށް ލިބުނު ގެއްލުމަށް އޭނާ ޒިންމާވާނެ ކަން ވެސް ބަޔާންކޮށްފައިވާނެ ކަމަށް ޖިނާހު ބުންޏެވެ.

ނަމަވެސް، އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި އިން އިކްރާމް އަބްދުއްރަހުމާން ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފަ އެވެ. އޭނާގެ ވަކީލް ވިދާޅުވީ ދައުވާތަކުގައި ބުނާ ކަންކަމަކީ އިކްރާމް ކޮށްފައިވާ ކަންކަމެއް ނޫން ކަމަށެވެ.

ދައުވާތަކަށް އިކްރާމާއި ޖިނާހު އިންކާރު ކުރުމުން ދައުލަތުން ވަނީ އެމީހުންނާ ދެކޮޅަށް ހެކި ހާމަކޮށްފަ އެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާ ފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމަށް ހަރަދުވި 4،000 ރުފިޔާ އާއި ބޭސްފަރުވާއަށް ކުރަން ޖެހިފައިވާ ހަރަދު ތިން މީހުންގެ އަތުން ނަގައިދިނުމަށް ވެސް މި މައްސަލާގެ ތެރެއިން ދައުލަތުން އެދިފައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި އިކްރާމް އަބްދުއްރަހުމާންގެ ބަންދާ މެދު ވެސް ވަނީ ގޮތެއް ނިންމައިފަ އެވެ. އިކްރާމް ވަނީ އޭނާގެ މަންމަ ވަރަށް ބަލިކޮށް ވެސް އުޅޭތީ ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދިފަ އެވެ. ނަމަވެސް، ދައުލަތުން ވަނީ އެކަމާ ދެކޮޅު ހަދައި، އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެ ބަންދު ދަމަހައްޓަން އެދިފަ އެވެ.

ގާޒީ ނިންމެވީ ދައުލަތުން ބަޔާންކުރާ ފަދަ ހާލަތެއް އޮތް ކަމަށް ބެލެވޭ ސަބަބެއް ނެތް ކަމަށާއި އަދި އިކްރާމަކީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ފަދަ މީހެއް ކަމަށް ބަލާނެ ހާލަތެއް ވެސް ނެތް ކަމަށެވެ. އެހެންވެ، އޭނާ ބަންދު ކުރަން ނެރެފައި އޮތް އަމުރު ބާތިލުކޮށް ބަންދުން ދޫކޮށްލަން ގާޒީ ނިންމެވި އެވެ.

މި މައްސަލާގައި ކާރު ދުއްވި އިބްރާހިމް އިކްރާމްގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރެ އެވެ.

އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރި ކަމަކުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާގެ އިތުރުން އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އަދި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.

އިކްރާމުއްރަހްމާންގެ މައްޗަށް ކުރަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެކެވެ.

ޖިނާހުގެ މައްޗަށް ކުރަނީ ހަތަރު ދައުވާއެކެވެ. އެއީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއަކާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާއެކެވެ.

އެ މައްސަލާގައި ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓް ހިނގުމުން އެ ސަރަހައްދު ދޫކޮށް ދިޔަ ފަހުންނެވެ. އޭގެ ތެރެއިން އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުއްޓާ ހައި ކޯޓުން އޭނާ ކުރިން ދޫކޮށްލި އެވެ. ނަމަވެސް ފަހުން އެހެން އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.