Roadha Mihaaru

އަތުލައިގަތް ޑްރަގު ބޮޑުން މަސައްކަތެއް ނުކުރޭ، އެކަމަކު އުޅުނީ ވަރަށް މުއްސަނދިކޮށް!

މަސްތުވާތަކެތި ވިއްކައި މަނީ ލޯންޑާކުރާ ބޮޑު ނެޓްވޯކެއް ފުވައްމުލަކުން އަތުލައިގަނެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ އިރު އޭގައި އިސްކޮށް ހިމެނޭ މީހުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރިއަސް އުޅެމުން ދިޔައީ ވަރަށް މުއްސަނދި ދިރިއުޅުމެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.

މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 ޑިސެމްބަރ 2024

މަސްތުވާތަކެތި ވިއްކައި މަނީ ލޯންޑާކުރާ ބޮޑު ނެޓްވޯކެއް ފުވައްމުލަކުން އަތުލައިގަނެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ އިރު އޭގައި އިސްކޮށް ހިމެނޭ މީހުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރިއަސް އުޅެމުން ދިޔައީ ވަރަށް މުއްސަނދި ދިރިއުޅުމެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ފުވައްމުލަކުގައި މިދިޔަ ޖެނުއަރީ 14 ގައި ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގައި 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

އެ އޮޕަރޭޝަންގެ ތެރެއިން ބަޔަކު ހައްޔަރު ކުރަން ފެށުމުން މީގެ ކުރިން ފުލުހުންނާ ދެކޮޅަށް ހަމަނުޖެހުން ވެސް ހިންގި އެވެ.

އެ ނެޓްވޯކްގައި ހިމެނޭ، ޑްރަގް ޓްރެފިކިން އާއި މަނީ ލޯންޑަރިންގެ މައްސަލައިގައި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ؛

- ފުވައްމުލަކު، ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34 އަހަރު

- ފުވައްމުލަކު، ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29 އަހަރު

ނިއުޝާދުގެ ބޭންކު އެކައުންޓުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެ އެވެ. އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށްގެން ދެ އަހަރުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުވައްމުލަކުން "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ، ޑްރަގްގެ މައްސަލާގައި އެންމެ ފަހުން ހައްޔަރުކުރި މީހުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އެކަމަކު، އަގުބޮޑު ކާރު އެއްޗެހި އެ ރަށަށް ގެންގޮސް، މަހެއް ވަންދެން ދުއްވުމަށް ފަހު އެ ތަކެތި ފޮނުވާލައި، އަނެއްކާވެސް އާ އުޅަނދުތަކެއް ގެންދާ ކަމަށް ބުންޏެވެ.

އެ މީހުން ތުހުމަތުކުރާ ގޮތުގައި، ފުވައްމުލަކަށް ކާރު ގެންދަނީ މަސްތުވާތަކެތި ފޮރުވައިގެންނެވެ.

"ކާރު އެއްޗެހި ގެންނަނީ އައްޑޫ ކޮޅުން. ވަރަށް މުއްސަނދިކޮށް އުޅެނީ އެކަމަކު ގެތައް ހުންނަނީ އާދައިގެ ގޮތަކަށް،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ ދެ މީހުންނާ ގާތް ގުޅުން އޮންނަ ގްރޫޕެއްގެ ބަޔަކު މި ފަހުން އެ ރަށުގައި ދެ ކެފޭއެއް ހުޅުވި އެވެ. އެ މީހުން އެއްވެ އުޅެނީ ވެސް އެ ކެފޭ އަށެވެ.

ފުވައްމުލަކުގައި ގްރޫޕުތަކެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި އާޒިމްގެ މައްޗަށް 2016 ގައި ދައުވާ އުފުލި އެވެ. އެކަމަކު، އެ ދައުވާ ސާބިތެއް ނުވެ އެވެ. ނިއުޝާދު ވެސް ވަނީ މީގެ ކުރިން އެކި މައްސަލަތަކުގައި ހައްޔަރުކޮށްފަ އެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހުން ތުހުމަތުކުރި ގޮތުގައި ނިއުޝާދާއި އާޒިމް ޑްރަގްސްގެ ވިޔަފާރީގައި އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. މަސައްކަތެއް ނުކޮށް މުއްސަނދި ދިރިއުޅެއް އުޅޭތީ އަބަދު ވެސް ޑްރަގްގެ ވިޔަފާރިކުރާ ކަމުގެ ޝައްކު ކުރެ އެވެ.

ފުލުހުން މި ނެޓްވޯކް އަތުލައިގަތީ އެ ތުހުމަތުތައް އޮންނަތާ ވެސް އަހަރުތަކެއް ވެފައި ވަނިކޮށެވެ.