Roadha Mihaaru

އެމްޓީސީސީ ޕްރޮޖެކްޓުތަކުގެ ރިއަލް-ޓައިމް އަޕްޑޭޓް ދޭން ފަށައިފި: 61 މަޝްރޫއު ކުރިއަށް

އެމްޓީސީސީން ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ރިއަލް-ޓައިމްގައި ބެލެނޭ ގޮތް ހަމަޖައްސައިފި އެވެ.

އެމްޓީސީސީ ޕްރޮޖެކްޓުތަކުގެ ރިއަލް-ޓައިމް އަޕްޑޭޓް ދެނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

08 ޖެނުއަރީ 2025

އެމްޓީސީސީން ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ރިއަލް-ޓައިމްގައި ބެލެނޭ ގޮތް ހަމަޖައްސައިފި އެވެ.

އެމްޓީސީސީން އެކަމަށް ހާއްސަ ވެބް ޕޭޖެއް ހަދާފައި ވާއިރު، އެ ކުންފުނިން މިހާރު ހިންގަމުން އަންނަ ޕްރޮޖެކްޓްތަކާއި ހުއްޓިފައި އަދި ހަވާލުކޮށްފައިވާ އަދި މަސައްކަތް ނުފަށާ ހުރި ޕްރޮޖެކްޓްތަކުގެ ތަފްސީލު ވެސް ފެނެ އެވެ.

އެމްޓީސީސީން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުން މި ވަގުތު އެ ކުންފުނިން، 61 ޕްރޮޖެކްޓެއް 17 އަތޮޅެއްގައި އަންނަނީ ހިންގަމުންނެވެ. އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން މަސައްކަތް ނުފަށާ، 43 ޕްރޮޖެކްޓެއް އެބަ އޮތެވެ. އަދި މަސައްކަތް މިވަގުތު ހުއްޓިފައި އޮތް 48 ޕްރޮޖެކްޓެއް ވެސް އެބައޮތެވެ.

އެމްޓީސީސީން ބުނީ، ރިއަލް ޓައިމްގައި ފެންނަ އަޕްޑޭޓުތަކަށް ގޮސް، ވަކިވަކި ރަށްތަކުގެ މައުލޫމާތުތައް ވެސް ބަލައިލެވޭނެ ކަމަށެވެ. އަދި އެޕްރޮޖެކްޓްތައް ނިންމަން ކަނޑައަޅަފައިވާ ތާރީހު ވެސް އެނގޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެފަދަ ގޮތަކަށް ޕްރޮޖެކްޓްތަކުގެ ތަފްސީލުތައް ހާމަކުރުމުގެ ބޭނުމަކީ، ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް އެ ކުންފުނީގެ ޕްރޮޖެކްޓްތަކުގެ މައުލޫމާތުތައް އާންމުންނަށް ކިޔައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.