Roadha Mihaaru

ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތް ދިފާއުކޮށްފި

ފައިނަލް މެޗުގައި ފަހަތުން އަރައި 3-1 ސެޓުން ކްލަބް އެޗްޑީސީ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ގައުމީ ވޮލީބޯޅަ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސިފައިންގެ ކްލަބުން ގައުމީ ވޮލީ މުބާރާތް ދިފާއުކޮށްފި

ފައިނަލް މެޗުގައި ފަހަތުން އަރައި 3-1 ސެޓުން ކްލަބް އެޗްޑީސީ ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ގައުމީ ވޮލީބޯޅަ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ރޭ އެޗްޑީސީ ވަނީ 25-17 އިން ފުރަތަމަ ސެޓް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ސިފައިން ވަނީ ޖެހިގެން ކުޅުނު ތިން ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ. ސިފައިން ސެޓްތައް ގެންދިޔައީ 25-21، 25-16 އަދި 25-23 އިންނެވެ.

ގައުމީ ވޮލީބޯޅަ ލީގު 2023 އަދި އެ އަހަރުގެ ގައުމީ މުބާރާތް ވެސް ކާމިޔާބު ކުރީ ސިފައިންނެވެ. ނަމަވެސް 2024 ގެ ލީގުގެ ފަހު މެޗުގައި ހަމަ ރޭގެ ނަތީޖާއިން ސިފައިން ބަލިކޮށް ޗެމްޕިއަންކަން ހޯދީ އެޗްޑީސީ އެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރީ ގައުމީ ވޮލީބޯޅަ ލީގު 2024 ގެ ގަދަ ހަތަރު ޓީމެވެ. އެއީ ސިފައިންގެ ކުލަބާއި އެޗްޑީސީގެ އިތުރުން، ސްޕޯޓްސް ކުލަބު ސިޓީ އަދި ބްލޫސް ފޯ ވޮލީބޯލް އެވެ.

ސިފައިންގެ ކުލަބުން ފައިނަލުގެ ފަހު ޖާގަ ހޯދީ ސެމީ ފައިނަލް މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ސްޕޯޓްސް ކުލަބު ސިޓީ ބަލިކުރުމަށްފަހު އެވެ. އެޗްޑީސީ ފައިނަލަށް ދިޔައީ މުބާރާތުގެ ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

ގައުމީ ވޮލީ މުބާރާތް 2024 ގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ސިފައިންގެ ކުލަބުގެ ހުސައިން ރަޒާން އާއި ސެޓަރު ހުސައިން ޝާހިދުގެ އިތުރުން އެޗްޑީސީގެ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އަދި 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބްލޫސް ފޯ ވޮލީބޯލްގެ އަހުމަދު އިލްހާމް އަލީ އެވެ. ގައުމީ މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ސިފައިންގެ ކުލަބުގެ މުހައްމަދު ހަމަދު ހޯދިއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ މުމްތާޒް އަލީ އެވެ.