Roadha Mihaaru

ޔާމީންގެ ޝަރީއަތަށް އާ ހެކިތައް ބަލައިގަތުމާ ގުޅޭ މައްސަލަ އަޑުއެހުމެއް ހޯމަ ދުވަހު

އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައެޅި ނިންމުން ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން ތައްޔާރުވެއްޖެ އެވެ.

ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ނާޒިމް ހަސަން
ނާޒިމް ހަސަން

14 ޖެނުއަރީ 2025

އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައެޅި ނިންމުން ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން ތައްޔާރުވެއްޖެ އެވެ.

ދައުލަތުން ސުޕްރީމް ކޯޓަށް މީގެ ފަސް މަސް ކުރިން ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން ފަށަން ތާވަލުކޮށްފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހަށެވެ. މައްސަލައިގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން ފެށީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޑިސެމްބަރު 2022 ގައި ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރީ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމުމަށް ފަހު އެވެ.

އެ ހެކިތައް އެއް ފަރާތް ކުރުމަށް ފަހު، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ދަށު ކޯޓަށް އަމުރުކުރި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ފުށުއަރާ ނިންމުންތަކެއް ކަމަށެވެ. އެ މައްސަލާގައި އެދިފައިވާނީ އެ ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އެގޮތަށް އެދުނު ނަމަވެސް އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ އެވެ.

މި މައްސަލާގައި ހައި ކޯޓުގެ އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން މައްސަލައިގެ ޝަރީއަތް އަލުން ފެށި އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި އޮތް މައްސަލާގައި ގޮތެއް ކަނޑައަޅަންދެން ޝަރީއަތް މަޑުޖައްސާލުމަށް ޔާމީންގެ ފަރާތުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުންތައް ކުރިއަށް ނުގެންގޮސް މަޑުޖައްްސާލައިފަ އެވެ.

ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގައި ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ވެސް ހައި ކޯޓުން ބާތިލްކޮށް، އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ.