Roadha Mihaaru

ފްލެޓް ލިސްޓުގެ މައްސަލަ ދިގުލައިގެން ދިއުމުން މިނިސްޓަރު މާފަށް އެދިވަޑައިގެންފި

ކުރީގެ ސަރުކާރުން އިއުލާންކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޭން ނިންމި 4،000 ފްލެޓުގެ ލިސްޓުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާތީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު މާފަށް އެދިވަޑައިގެންފި އެވެ.

ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

14 ޖެނުއަރީ 2025

ކުރީގެ ސަރުކާރުން އިއުލާންކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޭން ނިންމި 4،000 ފްލެޓުގެ ލިސްޓުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާތީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު މާފަށް އެދިވަޑައިގެންފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ޒިންމާތައް މުއްތަލިބްއާ ހަވާލު ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް އޭނާ މިއަދު ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. މިދިޔަ މަހު ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައްވައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އުފައްދަވައިފަ އެވެ. އަދި މިނިސްޓަރަކަށް އައްޔަން ކުރެއްވީ ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވި މުއްތަލިބެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި މުއްތަލިބް ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ޒިންމާތަކާ އޭނާ ހަވާލުވެވަޑައިގެންނެވިއިރު، އެ އިދާރާގެ ކަންކަން ހުރި ގޮތާއި އެންމެ ފަހުގެ އަޕްޑޭޓްތައް ނޫސްވެރިންނަށް ދެއްވައިފަ އެވެ. އަދި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓުގެ މައްސަލަ ހައްލު ނުވެ، ވަރަށް ގިނަ ދުވަސްވެފައި ވާތީ އޭނާ މާފަށް އެދިވަޑައިގަތެވެ.

"މި ލިސްޓަކީ ނޮވެމްބަރު 15، 2023 ގައި އިއުލާންކުރެވުނު ލިސްޓަކަށް ވެފައި، ލިސްޓުގައި ހުރި ކަމަށް އެކި އިދާރާތަކުން ފާހަގަކޮށްފައި މައްސަލަތައް ހައްލުކޮށް، ވެރިފައި ކޮށްފައި ލިސްޓް 14 މަސްދުވަހުގެ ތެރޭގައި ނެރެވިފައި ނުވާތީ، މި ސްކީމަށް ފޯމު ހުށަހެޅި ހުރިހާ އެންމެންގެ ކިބައިން އަޅުގަނޑު މާފަށް އެދެން،" ޕްރެސް ކޮންފަރެންސް ފަށްޓަވަމުން މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބް މިއަދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމް އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓް ލިބޭ 4،000 މީހުންގެ ފްލެޓް ލިސްޓް ވެރިފައި ކުރުމަށް ފަހު، ފައިނަލް ލިސްޓެއް ނެރުމަށެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް މުއްތަލިބް ވެސް ވަނީ ވެރިފިކޭޝަން ނިންމުމަށްފަހު ފައިނަލް ލިސްޓެއް އަންނަ ރޯދަ މަހުގެ ކުރިން ނެރޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ވެރިފައިކުރާ ލިސްޓް އާންމު ކުރުމަށްފަހު ޝަކުވާ ހުށަހަޅަން ފުރުސަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.