Roadha Mihaaru

ވިޔަފާރި އާއި ކުންފުނިތައް ނެތި މިހާރު ކްލަބެއް ނުހިންގޭނެ: އަހްމަދު

ވިޔަފާރި އާއި ކުންފުނިތައް ފަހަތުގައި ނެތި މިހާރު ކްލަބެއް ނުހިންގޭނެ ކަމަށް މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު ވިދާޅުވެއްޖެ އެވެ.

ވިޔަފާރި ނެތި މިހާރު ކްލަބެއް ނުހިންގޭނެ: އަހްމަދު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

15 ޖެނުއަރީ 2025

ވިޔަފާރި އާއި ކުންފުނިތައް ފަހަތުގައި ނެތި މިހާރު ކްލަބެއް ނުހިންގޭނެ ކަމަށް މާޒިޔާގެ ޗެއާމަން އަހްމަދު ސާޖިދު ވިދާޅުވެއްޖެ އެވެ.

މާޒިޔާގެ ކުންފުނިތައް ހިމެނޭ ކޮންގްލޯމެރޭޓްގެ މެނޭޖިން ޑައިރެކްޓަރުކަން ވެސް ކުރައްވާ އަހްމަދު ސާޖިދު ވިދާޅުވީ މާޒިޔާގެ ދަށުން ހިންގާ ކުންފުނިތައް ނެތްނަމަ އެ ކްލަބެއް ވެސް ނުހިންގޭނެ ކަމަށެވެ.

"މާޒިޔާއަކީ ހަމައެކަނި ކްލަބެއް ނޫން ދެއްތޯ. މާޒިޔާއިން ވަރަށް ބައިވަރު މަސައްކަތާއި ކަންތައްތައް ކުރާ ކުންފުނިތައް (އެބަހުރި). އެހެންވީމަ މިހުރިހާ ކުންފުނިތަކުން ލިބޭ އާމުދަނީން ބައެއް މީގެ [ކްލަބްގެ] ތެރެއަށް އިންވެސްޓްކޮށްގެން މިހުރިހާ ކަމެއް މި ފުރިހަމަ ވާނީ. ހަމައެކަނި ކްލަބެއްގެ ގޮތުގައި އޮވެގެނެއް ނޫން މިކަން މި ކުރަނީ،" މާޒިޔާގެ އާ ކޯޗު ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް، އެ ޓީމުގެ ކޯޗުގެ ގޮތުގައި ތައާރަފު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަހްމަދު ސާޖިދު ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވީ ގިނަ ކްލަބްތަކުން ވެސް ރަނގަޅު ސިސްޓަމަކަށް ކްލަބްތައް ހިންގާތަން ދެކެން ބޭނުންވާ ކަމަށެވެ. ފުޓްބޯޅައިގެ ހާލަތު، މިވަގަތު އޮތްގޮތުން މާޒިޔާގެ ޒިންމާ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

މާޒިޔާގެ އާ ކޯޗު ލުއިސްމާ، ތައާރަފުކޮށްދިނުމުގެ ގޮތުން އޭނާ އަށް، އަހްމަދު ޖޯޒީ ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާޒިޔާގެ އާ ކޯޗު ލުއިސްމާ، ތައާރަފުކޮށްދިނުމުގެ ގޮތުން އޭނާ އަށް، އަހްމަދު ޖޯޒީ ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ތިއީ ޝައްކެއް ވެސް އޮތް ކަމެއް ނޫންތާ،" ފުޓްބޯޅައިގެ މިހާލަތު އޮތް ގޮތުން މާޒިޔާގެ ޒިންމާ ބޮޑުކަމަށް ގަބޫލުކުރަންތޯ ސުވާލު ކުރުމުން އަހްމަދު ސާޖިދު ވިދާޅުވި އެވެ.

"އެހެން ކްލަބްތައް ވެސް ނުކުމެގެން މި ޒިންމާގެ ބައެއް ނަގައިފިއްޔާ މާޒިޔާ އަށް ވެސް އިތުރު ކަންކަން ކުރަން ފުރުސަތު ލިބޭނެ."

ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ނިސްބަތްވަނީ މާޒިޔާ އަށެވެ. ގަވާއިދުން މުސާރަ ދިނުމާއި އަނިޔާގެ މައްސަލަތައް ކުރިމަތިވުމުން ފަރުވާކޮށްދިނުމުގެ ހަރަދުތައް ވެސް މާޒިޔާއިން ކުޅުންތެރިންނަށް ކޮށްދެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓޮޕް ޑިވިޝަންގައި ފުޓްބޯޅައިގެ އެއްވެސް މުބާރާތެއް ނެތް އިރު ވެސް މާޒިޔާއިން ވަނީ ކުޅުންތެރިންނަށް މުސާރަ ދީފަ އެވެ.

ކުޅުންތެރިންގެ ކަންކަން ބެލެހެއްޓުމަށް މި އިންތިޒާމު ހަމަޖައްސާތީ ގިނަ ކުޅުންތެރިން ވެސް މާޒިޔާގެ ފުރުސަތަކަށް ބަލާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އަހްމަދު ވިދާޅުވީ އެހެން ކްލަބްތަކުން ވެސް ކުޅުންތެރިން ކަންކަން ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ ފުޓްބޯޅަ ހަރުދަނާ ވާނެ ސަބަބެއް ކަމަށެވެ .އޭރުން އެ ކްލްބްތަކަށް ވެސް ކުޅުންތެރިން ދާން ޝައުގުވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޮފެޝަނަލް ސްޓޭންޑަޑެއްގައި ކުޅުންތެރިން ބެލެހެއްޓެންޏާ އެހެން ކްލަބްތަކަށް ވެސް ދާނެ ކުޅުންތެރިން،" އަހްމަދު ސާޖިދު ވިދާޅުވި އެވެ.