Roadha Mihaaru

މާލެ-ހުޅުމާލޭގެ ފެނުގެ ވިއުގާ ގުޅާލުމުގެ ބޮޑުބައި ނިމިއްޖެ

މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގާ ގުޅައިލުމުގެ މަޝްރޫއުގެ 65 ޕަސެންޓު މިހާރު ނިންމާލާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން އިއްޔެ ބުނެފި އެވެ.

މާލެ-ހުޅުމާލޭ ފެނުގެވިއުގާ ގުޅާލުމުގެ ބޮޑުބައި ނިމިއްޖެ

މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގާ ގުޅައިލުމުގެ މަޝްރޫއުގެ 65 ޕަސެންޓު މިހާރު ނިންމާލާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން އިއްޔެ ބުނެފި އެވެ.

މާލެ ސަރަހައްދުގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިން ބުނީ 2016 ވަނަ އަހަރު ފެށި އެ މަޝްރޫއުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި މަޑުޖެހިފައި އޮތުމަށް ފަހު، މިދިޔަ އަހަރު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން ބުނީ މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ 20 އިންޗި ޑައިމީޓަރު އަދި ފަސް ކިލޯމީޓަރު ދިގު މައި ހޮޅި ސާފުކޮށް، ޑިސްއިންފެކްޓް ކުރުމާއި ޕްރެޝާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ޓްރާންސްފާ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމައި އިމާރާތުގެ އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މާލޭގެ ޕަމްޕް ސްޓޭޝަންގެ މުޅި މަސައްކަތުގެ 25 ޕަސެންޓު މަސައްކަތް ނިންމާފައިވާއިރު، ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ 60 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ޕަމްޕް ސްޓޭޝަންތަކުގެ އިމާރާތްތަކުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައި ވަނީ އަން މާޗު މަހަށެވެ.

އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުން ޕަމްޕްތައް ބަހައްޓައި ނިމުމަށް ފަހު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ނިޒާމުގެ ބޭނުންކުރަން ފަށާނެ އެވެ. ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިއުގާ ގުޅާލުމުގެ މަޝްރޫއު ނިމުމުން، މާލެ އިން ހުޅުމާލެ އަށް ނުވަތަ ހުޅުމާލެ އިން މާލެ އަށް ގަޑިއަކު 800 ޓަނުގެ ފެން ޕަންޕު ކުރުމުގެ ގާބިލްކަން ލިބޭނެ އެވެ.