Roadha Mihaaru

އިޒްރޭލުން ހުޅަނގު އައްސޭރި ފޭރެން އުޅޭތީ އދ.ގެ ކަންބޮޑުވުން

އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި ވަކިކޮށްލުމުގެ ވާހަކަ ދައްކާތީ އދ.ގެ ވެރިޔާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިޒްރޭލުން ހުޅަނގު އައްސޭރި ފޭރެން އުޅޭތީ ކަންބޮޑުވުން

އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި ވަކިކޮށްލުމުގެ ވާހަކަ ދައްކާތީ އދ.ގެ ވެރިޔާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ ހުޅަނގު އައްސޭރި އެއްކޮށް ނުވަތަ އެތަނުން ބައެއް ވަކިކޮށް ޔަހޫދީން ވަޒަންވެރިކުރުވަން އިޒްރޭލުގެ އޮފިޝަލުން ފާޅުގައި ވާހަކަ ދައްކާއިރު އެފަދަ އަމަލެއް ވާނީ ބައިނަލްއަގުވާމީ ގާނޫނާ "އެންމެ ބޮޑަށް ހިލާފް އަމަލަކަށް" ކަމަށެވެ.

މެދުއިރުމަތީގެ މައްސަލަތަކާ ބެހޭ ގޮތުން ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ގުޓަރޭޒް ވިދާޅުވީ އެ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާއި އިޒްރޭލާއި ހަމާސް އިން ޣައްޒާގައި ހަމަލާތައް ހުއްޓާލުމުން ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ވައިގެ ހަމަލާތަކާއި ގަވައިދާ ހިލާފަށް މީހުން ވަޒަންވެރިކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ފުޅާކުރަމުންދާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ކުރިއަށް އޮތް މަސްތަކުގައި، ހުޅަނގު އައްސޭރީގެ ހުރިހާ ސަރަހައްދެއް ނުވަތަ ބައެއް ރަސްމީކޮށް ވަކިކޮށްލުމުގެ ވާހަކަ އިޒްރޭލުގެ އިސް އޮފިޝަލުން ފާޅުގައި ދަނީ ދައްކަމުން،" ގުޓެރޭޒް ވިދާޅުވި އެވެ.

"މިފަދަ އަމަލެއް ވާނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެންމެ ބޮޑަށް ހިލާފް، ސީރިއަސް ކަމަކަށް."

ގުޓަރޭޒް މި ބައްދަލުވުމުގައި ވިދާޅުވީ ޣައްޒާ އާއި ހުޅަނގު އައްސޭރި ފަދަ ތަންތަނުގެ އިމަށް ބަދަލު ގެނައުމާއި އެ ތަންތަނުގެ ގާނޫނީ ހައިސިއްޔަތަށް ވެދާނެ ގޮތަކާ މެދު ވެސް ކަންބޮޑުވުން އެބަ އޮތް ކަމަށެވެ. އޭނާ އެހެން ވިދާޅުވީ އިޒްރޭލު ސަރުކާރުން އުސޫލުތަކާއި އިދާރީ ކަންކަން ބަދަލުކޮށް ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުން އިތުރުކުރަމުން ދާތީ އެކަމަށް އިޝާރާތްކުރައްވަ އެވެ.

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އެނބުރި ވަޑައިގަތުމާ އެކު، ހުޅަނގު އައްސޭރީގެ ބައެއް އަތުލައިގަތުމުގެ އުއްމީދު އިޒްރޭލު ބައެއް މީހުންނަށް ބޮޑުވެ އެ ވާހަކަ ދަނީ ދައްކަމުންނެވެ.

ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވެފައިވާ އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ދާދި ފަހުން ވަނީ 2025 ވަނަ އަހަރަކީ "ޖޫޑިއާ އާއި ސަމާރިއާ މިނިވަންވާނެ އަހަރު" ކަމަށް ބުނެފަ އެވެ. އޭނާ އެހެން ބުނެފައި އެ ވަނީ ހުޅަނގު އައްސޭރިއަށް ޔަހޫދީން އެ މީހުން ދީނީ ގޮތުން ބޭނުންކުރާ ނަމުން އިޝާރާތްކުރަމުންނެވެ.

ހުޅަނގު އައްސޭރި އަކީ 1948 ވަނަ އަހަރު އިޒްރޭލު އުފެއްދި އިރު އިނގިރޭސިންގެ އިސްތިއުމާރުގައި އޮތް ތަނެކެވެ. އިޒްރޭލު އުފެއްދި އިރު އެއީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި އޮތް އިރު އޭރު ކުރި އަރަބި-އިޒްރޭލު ހަނގުރާމާގައި އުރުދުންގެ ސިފައިންގެ ބާރުގެ ދަށަށް އެ ތަން ގެންދިޔަ އެވެ.

އެކަމަކު 1967 ވަނަ އަަހަރު އަރަބި-އިޒްރޭލު ހަނގުރާމާގައި އިޒްރޭލުން ހުޅަނގު އައްސޭރި ހިފި ގޮތަށް އަދިވެސް އޮތީ އެހެންނެވެ. -- އޭއެފްޕީ