Roadha Mihaaru

ރަޝްފޯޑްގެ ބަދަލުގައި 63 އަހަރުގެ ކޯޗަށް ފުރުސަތު ދޭން ވެސް އަމޯރިމް ތައްޔާރު

ލަންޑަން (ޖެނުއަރީ 27) – މާކޯސް ރަޝްފޯޑްގެ ބަދަލުގައި 63 އަހަރުގެ ގޯލްކީޕިން ކޯޗަށް ވެސް ބަދަލުކުޅުންތެރިންގެ ލިސްޓުން ފުރުސަތު ދޭން ތައްޔާރުކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

27 ޖެނުއަރީ 2025

ލަންޑަން (ޖެނުއަރީ 27) – މާކޯސް ރަޝްފޯޑްގެ ބަދަލުގައި 63 އަހަރުގެ ގޯލްކީޕިން ކޯޗަށް ވެސް ބަދަލުކުޅުންތެރިންގެ ލިސްޓުން ފުރުސަތު ދޭން ތައްޔާރުކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

ފުލަމްއާ ދެކޮޅަށް ރޭ ކުޅުނު މެޗަށް ނެގި ސްކޮޑުން ވެސް ރަޝްފޯޑަށް ފުރުސަތެއް ނުދެ އެވެ. އޭނާ އަށް ޓީމުން ޖާގަ ނުދީ ޔުނައިޓެޑުން ވަނީ ވިދވިދިގެން 11 މެޗު ކުޅެފަ އެވެ.

އަމޯރިމް ބުނީ ޕްރެކްޓިހުގައި އެންމެ މަތީ ފެންވަރު ނުދައްކާ ކުޅުންތެރިޔަކަށް ބެންޗުން ވެސް ފުރުސަތު ދިނުމުގެ ބަދަލުގައި އޭނާގެ 63 އަހަރުގެ ގޯލްކީޕިން ކޯޗު ޖޯޖް ވައިޓަލް އަށް ވެސް ބަދަލު ކުޅުންތެރިންގެ ލިސްޓުން ފުރުސަތު ދެވިދާނެ ކަމަށެވެ.

"ހަމަ އޮތީ އެއް ސަބަބެއް،" ރަޝްފޯޑަށް ފުރުސަތު ނުދީ ކުރިއަށްދަނީ ކީއްވެތޯ ސުވާލު ކުރުމުން އަމޯރިމް ބުންޏެވެ.

"ސަބަބަކީ ހަމަ ތަމްރީނު. ފުޓްބޯޅަ ކުޅުންތެރިން ތަމްރީނު ހަދާގޮތަށް ކޮންމެ ދުވަހަކު ވެސް މުޅި އުމުރުގައި ވެސް ތަމްރީނު ހެދުން. އެހާ ތަފްސީލުކޮށް."

ޕޯޗުގަލްގެ ކޯޗު ބުނީ އެކަންކަން ބަދަލުނުވާހާ ހިނދެއްގައި ކޮންމެ ކުޅުންތެރިޔަކާ މެދު ވެސް އަމަލުކުރާނީ އެގޮތަށް ކަމަށެވެ.

"މަސައްކަތް ނުކުރާ ކުޅުންތެރިޔަކަށް ފުރުސަތު ދިނުމަށް ވުރެ އަހަރެން އިސްކަންދީފާނަން ވައިޓަލް އަށް ފުރުސަތު ދޭން ވެސް،" އަމޯރިމް ބުންޏެވެ.

މިއަދު މީ އަމޯރިމްގެ އުފަން ދުވަހެވެ. އޭނާ އަށް މި ފުރުނީ 40 އަހަރެވެ. އެކަމަކު ޔުނައިޓެޑްގައި ހޭދަ ކުރި ދެ މަހުގެ މުއްދަތުގައި އޭނާ އަށް މިހާރު 50 އަހަރު ފުރިއްޖެކަމުގެ އިހްސާސް ކުރެވޭ ކަމަށް އޭނާ ބުންޏެވެ.