Roadha Mihaaru

57 ރަށެއްގައި 12،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ރަށްރަށުގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ރަށްރަށުގައި 12،000 ހައުސިން އަޅާނެ ބަޔަކު ހޯދަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

29 ޖެނުއަރީ 2025

ރަށްރަށުގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އުތުރާއި ދެކުނު އަދި މެދު ރާއްޖޭގެ 57 ރަށެއްގައި ހައުސިން ޔުނިޓު އަޅަން ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލައިފަ އެވެ. ހަތަރު ކެޓަގަރީއެއްގެ ހައުސިން ޔުނިޓްތައް އަޅަން ނިންމާފައިވާ އިރު، ރަށްތައް ވެސް މިނިސްޓްރީން އިއުލާންކޮށްފައިވެ އެވެ.

މަޝްރޫއުގެ ތަފްސީލް

- 18 ރަށެއްގައި 50 ހައުސިން ޔުނިޓަށް ވުރެ މަދުން

- 17 ރަށެއްގައި 51-150 ހައުސިން ޔުނިޓު

- 10 ރަށެއްގައި 200-250 ހައުސިން ޔުނިޓު

- 12 ރަށެއްގައި 300 އަށްވުރެ ގިނަ ހައުސިން ޔުނިޓު

އެ ލިސްޓުގައިވާ ގޮތުން އެންމެ މަދުން ހައުސިން އަޅާ އދ. ދިގުރަށުގައި 30 ޔުނިޓު އަޅަ އެވެ. ހދ. ކުޅުއްފުއްޓަކީ މި ބުރުގައި އެންމެ ގިނައިން ހައުސިން ޔުނިޓު އަޅާ ރަށެވެ. އެއީ 2،000 އެވެ.

މިނިސްޓްރީން ބުނީ ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އަށް ހުޅުވާލާ ކޮންޓްރެކްޓްތަކަށް ހާއްސަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހު އިއުލާންކުރާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ މާލެ ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި މަހު އިއުލާންކުރައްވާނެ ކަމަށެވެ. އެކި ފަރާތްތަކާ ހަވާލުކުރެވޭ ތަރުތީބުން އެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރު ވެގެންދާނީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނެ އަހަރަށެވެ.

މާލޭ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި ރަށްރަށުގައި 12،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 27،000 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ކުރިއަށް ދާނެކަން ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.