Roadha Mihaaru

އުކުޅަހު މުރިނގުގޭ ބަދިގެއިން ދިވެހިން ވެސް ދަހިކޮށްފި

އެހެން ގައުމުތަކުގެ މީހުން ރާއްޖެއަށް އައިސް ދިވެހި ކެއުންތަކުގެ އަޖުމަ ބަލައި އޭގެ ވާހަކަ ދެއްކުމަކީ އާންމު ކަމެކެވެ. އެކަމަކު، ޓިކްޓޮކްގައި މަގްބޫލު އިންފުލެއެންސަރެއް ކަމަށްވާ "ޝުއެއިބް ފްރޮމް ޗައިނާ" އޭނާގެ އާއިލާއާ އެކީ ރާއްޖެއަށް ކުރި ދަތުރުގައި އއ. އުކުޅަހުން ދިން ކެއުމުގެ ވާހަކަ ދެއްކިޔަސް އަހަރެމެން ދިވެހިން ވެސް ދަހިވާނެ އެވެ.

އުކުޅަހު މުރިނގުގޭ ބަދިގެއިން ދިވެހިން ވެސް ދަހިކޮށްފި
އައިޝަތު މިހްނާ ނާސިހް
އައިޝަތު މިހްނާ ނާސިހް

03 ފެބުރުއަރީ 2025

އެހެން ގައުމުތަކުގެ މީހުން ރާއްޖެއަށް އައިސް ދިވެހި ކެއުންތަކުގެ އަޖުމަ ބަލައި އޭގެ ވާހަކަ ދެއްކުމަކީ އާންމު ކަމެކެވެ. އެކަމަކު، ޓިކްޓޮކްގައި މަގްބޫލު އިންފުލެއެންސަރެއް ކަމަށްވާ "ޝުއެއިބް ފްރޮމް ޗައިނާ" އޭނާގެ އާއިލާއާ އެކީ ރާއްޖެއަށް ކުރި ދަތުރުގައި އއ. އުކުޅަހުން ދިން ކެއުމުގެ ވާހަކަ ދެއްކިޔަސް އަހަރެމެން ދިވެހިން ވެސް ދަހިވާނެ އެވެ.

ޝުއައިބް ރާއްޖޭގައި ހޭދަކުރި ހަފްތާއެއްހާ ދުވަހުގެ ދަތުރުގައި ޓިކްޓޮކަށް އާންމުކުރި ރާއްޖޭގެ އެކި މަންޒަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނަކަށްވުރެ ގިނަ ފަހަރު ބަލާފައި ވާއިރު އުކުޅަހު މުރިނގުގޭގައި އޭނާ އިންސާފުކުރި ރޭގަނޑު ކެއުމުން ދިވެހިންގެ މުއްސަނދި ސަގާފަތާއި އެކި ރަހަތަކުން ޝުއައިބުގެ އާއިލާ ކޮސް ކޮށްލި އިރު މި ކެއުންތަކުގެ ފަހަތުގައި އޮތީ ކެއްކުމަށް ކުޅަދާނަ މުރިނގުގޭ އާއިލާ އެވެ.

@eatai786 Beyond the luxury resorts, discover the real Maldives ??. From their unique currency and Dhivehi script to authentic Maldivian meals and prayers at the stunning King Salman Mosque. Here’s a glimpse of life in Malé on a Friday! ?? #Maldives #LocalLife #HalalTravel #MaldivianCulture#chinesemuslim #pasareatai ♬ 原声 - EatAi亦太(Shoaib from China)

ޝުއެއިބް މާލޭގައި ހޭދަކުރި ދުވަހުގެ ޓިކްޓޮކް.

ރާއްޖޭގެ ޓްރެވަލް އޭޖެންސީއެއް މެދުވެރިކޮށް ޝުއައިބު ކުރި މި ދަތުރުގައި އޭނާ އުކުޅަހަށް ދިޔައީ މާލޭގައި ހުރުމަށްފަހު އެވެ. އެ ރަށުން ޝުއައިބްގެ އާއިލާއަށް ކެއުމުގެ އިންތިޒާމުތައް ހަމަޖެއްސީ މުރިނގުގޭ އަދުހަމް މުހައްމަދު (އުކުޅަހު އެޑަމް) އެވެ. ކެއުމާއި ކެއްކުމަށް ލޯބިކުރާ ގިނަ ބަޔަކު ދިރިއުޅޭ މިގެއިން ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ފުރާލީ އާންމު ދިވެހި ކެއުންތަކުންނެވެ.

ޝުއައިބުގެ އަށް މެންބަރުންގެ އާއިލާއާ އެކު އެއްފުރާޅެއްގެ ދަށުގައި ހަމަ އެ އާއިލާގެ 35 މީހުން ދިރިއުޅޭ މުރިނގުގެއިން ތައްޔާރު ކުރި ބާވަތްތަކުގެ ތެރޭގައި ގަރުދިޔަ އާއި ބަތް، ފިހުނު މަސް، ތެއްލި މަސް، ފިހުނު ކުކުޅު، ދިވެހި ހަވާދުގައި ކުކުޅު، މަސް ބަތް، ރިހާކުރު، ވަޅޯމަސް ނޫޑުލްސް، ތެޔޮ މިރުސް ބަތް، ކިރުގަރުދިޔަ، ހުނި ރޮށި އަދި ކަރާފަނީގެ އިތުރުން މަސްކުރޮޅި ވެސް ހުއްޓެވެ.

މި ވީޑިއޯތައް ގިނަބަޔަކަށް ކަމުދިޔަ އެއް ސަބަބަކީ އެޑަމްގެ އޯގާތެރި މިޒާޖާއި އިނގިރޭސި ބަހުން މި ހުރިހާ ބާވަތްތަކެއްގެ ތަފްސީލް ޝުއެއިބަށް ކިޔައިދެމުންދިޔަ ފަރިތަކަމެވެ. ކޮންމެ ބާވަތެއްވެސް ކާންވީ ގޮތާއި، މޮޑެންވީ ގޮތް ކިޔައިދީ ފުރިހަމަ ދިވެހި ތަޖުރިބާއެއް މި އާއިލާއަށް ދިނުމަށްޓަކައި އެޑަމް ވީ ތައްޔާރީ އެވެ.

"ޝުއެެއިބް އައުމުގެ ކުރިން އޭނާގެ ވީޑިއޯތައް ވެސް ފެނި ވަރަށް ބޮޑަށް އެނގުނު ލޯކަލް ކެއުންތައް އޭނާ ވަރަށް ރަހަބަލާ ހިތްވާކަން. އެހެންވެ ހިތަށްއެރީ އަމިއްލައަށް ގޭގައޭ ތައްޔާރުކުރާނީ އެރޭގެ ކެއުން. ކޮއްކޮ ވެސް ވަރަށް މޮޅަަށް ކައްކާނެ. އަމިއްލަ ޕޭޖު ވެސް ގެންގުޅޭ. ހުރިހާ ރެސިޕީއެއް ވެސް އެޕްރޫވްކުރާނީ މަންމަ،" އަމިއްލަ ރެސްޓޯރެންޓެއް ވެސް އުކުޅަހުގައި ހިންގަމުން އަންނަ އެޑަމް ބުންޏެވެ.

އެޑަމްގެ ކޮއްކޮ، މަޒީނާ މުހައްމަދު ވެސް އަންނަނީ 17 ހާސް ފޮލޯވަރުންނާ އެކު އިންސްޓަގްރާމުގައި ރަށު ބަދިގެ ނަމަކަށް ކިޔާ ފުޑް ބްލޮގެއް ވެސް ހިންގަމުންނެވެ. ޓިކްޓޮކްގައި ވެސް އޭނާގެ ރެސިޕީތައް މަގުބޫލެވެ.

ޝުއެއިބް ހިއްސާކުރި ރާއްޖޭގެ ކެއުންތަކުގެ ވީޑިއޯ އެތައް ބަޔަކަށް ހާއްސަވިކަން އެނގޭ އެއް ކަމަކީ މި ވީޑިއޯތަކަށް ފަހު، އޭނާގެ އެކައުންޓް ބަލާ މީހުންގެ އަދަދު ލައްކައިން އިތުރުވެފައި ވުމެވެ.

އެޑަމްގެ އާއިލާއިން ބުނި ގޮތުގައި އާންމުކޮށް ވެސް މީހުންނަށް މިގޮތަށް ކައްކާތީ މިހާރު މިއީ ވަރަށް ފަރިތަކަމެކެވެ. ކެއްކުުމަށް ބޭނުންކުރާ އެކި ބާވަތުގެ ކެއުންތަކުގެ ލިސްޓުތައް ލިޔެ ހުންނަނީ ތައްޔާރުކޮށްފަ އެވެ. ޝުއެއިބްގެ މި ކެއުމަކީ ވެސް އާއިލާގެ ގްރޫޕަށް ހިއްސާކޮށް އެންމެންގެ ބައިވެރިވުމާ އެކު ފައިނަލްކުރި ލިސްޓެކެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރު ތެރޭ މި ހުރިހާ ބާވަތްތަކެއް ތައްޔާރުކޮށް ނިންމާލި އެވެ. އެކި މީހުންނަށް އޮތީ އެކި ޓާސްކުތަކެވެ. މަސް ކަނޑާ މީހުން މަސްކަނޑާނީ އެވެ. އެއްޗެހި ކޮށައިދޭ ގްރޫޕުން އެކަން ކުރާއިރު، އަނެއް ބަޔަކީ ސާފުކޮށް، މޭޒުމައްޗަށް ތަށިތައް އަރުވާ ރީތިކުރާ މީހުންނެވެ.

"އެންމެ ކުޑައިރު ވެސް މި ގެ އަކީ ކާން ހަދައިގެން ކާ ބައެއް ނޫން. ތެލީގަ ހުންނާނީ. ކައްކަން ފަށާނީ ނޫޑުލީހުން. ޓޮމާޓޯ ދަޅެއް ލިބުނަސް ދާނީ ޕިކްނިކް ހަދައިގެން ކައްކަން. އެއަށްފަހު ބޮޑަށް މިިހެން ކައްކަން ފެށުނީ 2015 ގެ ފަހުކޮޅު އަމިއްލަ ގެސްޓް ހައުސް ހުޅުވައިގެން. އޭރު ނޭނގޭ ފްރައިޑް ރައިސްއެއް ހަދާކަށް ވެސް. އެކަމަކު މިހާރު އެއީ 2-3 މިނިޓުގެ ކަމެއް. މިހާރު ލައްޓިއެއް ފެނުނަސް ބޮލަށް އަންނާނީ އޭތިން ގަރުދިޔަ އާއި ފިހުނު އެކި ގޮތްތަކަށް ތައްޔާރުކުރެވޭނެ އެއްޗެހި،" ކެއްކުމުގެ ތެރެއަށް ވަދެވުނު ގޮތް އެޑަމް ކިޔައިދިނެވެ.

ރަސްމީ ގަޑީގައި އެޑަމް އަކީ ރަށު ސްކޫލު ސްޕޯޓްސް ސުޕަވައިޒަރެވެ. އޭގެ ފަހުން އޭނާ ފެންނާނީ ރަށުގެ ރެސްޓޯރެންޓެއްގެ ބަދިގެތެރެއިން ޝެފެއްގެ ގޮތުގަ އެވެ.

ޝުއައިބު އާންމުކުރި ވީޑިއޯގައި މުރިނގުގޭ ސުފުރާގެ އިތުރުން ވެސް ވަރަށް ހާއްސާ އެހެން ކަމެއް ފެނުނެވެ. އެއީ އެ ގޭގައި މިހާރު ވެސް ރިހާކުރު ކައްކަން ބޭނުންކުރާ އިހުގެ ދަރު އުނދުނާއި ދުމަށި ހުރި ބަދިގެ އެވެ. މިއީ ވެސް ޗައިނާގެ މި ފަތުރުވެރިޔާ ހައިރާންކުރުވި ކަމެކެވެ. މި ބަދިގޭގައި ރިހާކުރު ކައްކަނީ އެޑަމްގެ 65 އަަހަރުގެ މަންމަ އެވެ. މިއީ ގިނަބައެއް އިތުބާރު އޮންނަ ރަހަ މީރު އަދި ބައެއްފަހަރު ރިސޯޓުތަކަށް އަދި އާންމުނަށް ވެސް ވިއްކާ ރިހާކުރެކެވެ.

ޝުއެއިބް ޕޯސްޓު ކުރި އެހެން ޓިކްޓޮކެއްގައި އޭނާ ވަނީ އުކުޅަހުގައި އޭނާ އެއް ދުވަސް ހޭދަކުރާ ގޮތް ވެސް ދައްކައިފަ އެވެ. އަދި އާއިލާއާ އެކު މަހަށް ގޮސް، ދިވެހި ސީފުޑްގެ އެކި ބާވަތްތައް ހިމެނޭ ރޭގަނޑުގެ ކެއުމެއް ވެސް މި އާއިލާއިން ވަނީ ޝުއައިބަށް ތަޖުރިބާކޮށްދީފަ އެވެ.

"ޝުއެއިބުގެ އާއިލާގެ އެކި މީހުންނަށް ކަމުދިޔައީ އެކި ބާވަތްތައް. އަންހެނުންނަށް ފޮނި އެއްޗެހި ވަރަށް މީރު. ބޮޑަށް އެންމެނަށް ވެސް ކަމުދިޔައީ އަހަރެމެންގެ އަމިއްލަ ރެސިޕީތައް. ސްވީޓް ކަޓްލް ފިޝް، ތެޔޮ މިރުސް ބަތް، ވަރަށް ކަމުދިޔަ" އެޑަމް ބުންޏެވެ.

@eatai786 Muslim Village in Maldives ??✨ What does a typical day look like here? Join me on an 8-minute journey through the beautiful island of Ukulhas—exploring local life from dawn to dusk. ?? ➡️ Waking up to the soothing Fajr Adhan ➡️ Enjoying a traditional Maldivian breakfast ?️ ➡️ Heading out for a fishing trip with locals ? ➡️ Diving into the crystal-clear waters ?? ➡️ Watching a lively local football match ⚽ ➡️ Ending the day with a seafood feast on the beach ?️? This island has it all—faith, culture, and the ocean’s blessings. Would you experience life in a Muslim village like this?@Bearded Chef @Rashu Badhige #Maldives #MuslimVillage #HalalTravel #Ukulhas #IslandLife #FoodieTravel #FishingLife #TravelWithEatai#chinesemuslim #pasareatai ♬ 原声 - EatAi亦太(Shoaib from China)

އުކުޅަހުގައި ޝުއެއިބްގެ އެއް ދުވަސް

ރާއްޖެއަށް މީގެ ކުރިން އައިސްފައިވާ ބޭރު މީހުން ވެސް މި ވީޑިއޯތައް ފެނި ކޮމެންޓުކޮށްފައި ހުއްޓެވެ. ގިނަ ދިވެހިން ވެސް ވަނީ އެޑަމްގެ އާއިލާއިން އަސްލު ދިވެހި ރަހަތައް ޝުއެެއިބްގެ އާއިލާއަށް ތަޖުރިބާ ކުރުމަށް ދިނީތީ ޝުކުރުއަދާކޮށްފަ އެވެ.

ޓިކްޓޮކްގައި ޝުއެއިބް އޭނާގެ ޓްރެވަލް ވްލޮގްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހަލާލު ކާނާތައް ޕޯސްޓްކުރަން ފެށީ 2023 ވަަނަ އަހަރު އެވެ. މިހާތަނަށް 30 ގައުމަށް ދެވުނުއިރު، އޭނާ ފާހަގަކުރާގޮތުން ދިވެހި ކެއުމަކީ މިހާތަނަށް ކެވުނު އެންމެ "ޔުނީކް" ބާވަތެވެ.