Roadha Mihaaru

މޮރާޓާ ގަލަތަސަރާއީ އަށް، ހިމެނޭޒް މިލާނަށް

ނެދަލެންޑްސްގެ ފެޔަނޫޑަށް ކުޅެމުން އައު މެކްސިކޯ ފޯވާޑް ސެންޓިއާގޯ ހިމެނޭޒް 35 މިލިއަން ޔޫރޯގެ އަގަކަށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

މޮރާޓާ ގަލަތަސަރާއީ އަށް، ހިމެނޭޒް މިލާނަށް

ނެދަލެންޑްސްގެ ފެޔަނޫޑަށް ކުޅެމުން އައު މެކްސިކޯ ފޯވާޑް ސެންޓިއާގޯ ހިމެނޭޒް 35 މިލިއަން ޔޫރޯގެ އަގަކަށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

ފެޔަނޫޑަށް 104 މެޗުން 64 ގޯލް ޖަހައިދީފައިވާ ފޯވާޑް މިއަދު މިލާނުގެ މެޑިކަލް ޓެސްޓް ހެދުމަށް ފަހު އެ ކްލަބުގެ ކޮންޓްރެކްޓުގައި ސޮއިކުރާނެ އެވެ.

ހިމެނޭޒް ލިބުމާ އެކު މިލާނުން ވަނީ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ތުރުކީގެ ގަލަތަސަރާއީ އަށް ލޯން އުސޫލުން ދޫކޮށްފަ އެވެ. މިލާނާ މި ސީޒަނުގައި ގުޅުނު މޮރާޓާ އަށް އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ. އަނެއްކޮޅުން މިލާނުގެ ކޯޗު ޕޯޗުގަލްގެ ސާޖިއޯ ކޮންސެސާއޯއާ ވެސް އޭނާއާ ގުޅުން ރަނގަޅެއް ނޫނެވެ.

މޮރާޓާ މިއަދު އިސްތަންބޫލަށް ގޮސް ގަލަތަސަރާއީގެ މެޑިކަލް ފުރިހަމަކުރާނެ އެވެ. ގަލަތަސަރާއީ އިން އޭނާ ގެންދަނީ 18 މަސް ދުވަހުގެ ލޯނެއްގެ ދަށުން އެކަމަކު، މި ސީޒަނަށް ފަހު ކޮންޓްރެކްޓް ދާއިމީކުރެވޭ ގޮތަށެވެ.

ތުރުކީގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ގަލަތަސަރާއީގައި މިހާރު ވެސް މަޝްހޫރު ދެ ފޯވާޑުން އެބަތިއްބެވެ. އެއީ ނައިޖީރިއާގެ ވިކްޓަ އޮސްމިހެން އާއި އާޖެންޓީނާގެ މައުރޯ އިކާޑީ އެވެ.

ސްޕެއިނުން މިދިޔަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު ކެޕްޓަންކަންކުރި މޮރާޓާ ވަނީ މީގެ ކުރިން ރެއާލް މެޑްރިޑް، ޔުވެންޓަސް، ޗެލްސީ އަދި، އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެފަ އެވެ. އެކަމަކު އެއްވެސް ޓީމެއްގައި ދިގު މުއްދަތެއްގައި ހުރެވޭނެ ފުރުސަތެއް ނުލިބެ އެވެ.

އޭނާގެ ބަދަލުގައި މިލާނުން ގެނައި ހިމެނޭޒަކީ އާޖެންޓީނާ އަށް އުފަން ކުޅުންތެރިއެކެވެ. މެކްސިކޯގެ ކްރުޒް އަޒުލް އިން ކެރިއަރު ފެށި ހިމެނޭޒް 2022 ވަނަ އަހަރު ފެޔަނޫޑަށް ބަދަލުވެ ދައްކަން ފެށި ކުޅުމާ އެކު ވަރަށް ގިނަ ޓީމުތަކެއްގެ ލޯ އަމާޒުވި އެވެ. މިލާނުން އޭނާ ގަތީ ގިނަ ދުވަސްތަކެއް ވަންދެން ފެޔަނޫޑާ ކުރި މަޝްވަރާތަކަށް ފަހު އެވެ.

ހިމެނޭޒަކީ ޖެނުއަރީގައި މިލާނަށް ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. އަނެއް ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީގެ އިނގިރޭސި ފުލްބެކް ކައިލް ވޯކާ އެވެ. މިލާނުން ވަނީ ކުރިން އެ މަގާމަށް ކުޅުނު ކެޕްޓަން ޑެވިޑޭ ކަލަބްރިއާ ބޮލޯނިއާ އަށް އިއްޔެ ވިއްކާލައިފަ އެވެ. މިލާނުގެ ޔޫތު އެކަޑަމީން ތަމްރީންވި ކަލަބްރިއާ އަށް ފަހަކަށް އައިސް ފުރަތަމަ އެގާރައިން ޖާގައެއް ނުލިބެ އެވެ.