Roadha Mihaaru

އެސެންސިއޯ އާއި ރަޝްފޯޑް ލޯނު އެއްބަސްވުމެއްގައި ވިލާ އަށް

ޕީއެސްޖީގެ މާކޯ އެސެންސިއޯ އާއި މެންޗެސްޓާ ޔުނައިޓެޑްގެ މާކޯސް ރަޝްފޯޑް ލޯނު ޓްރާންސްފާގައި އެސްޓަން ވިލާ އަށް ބަދަލުވެއްޖެ އެވެ.

އެސެންސިއޯ އާއި ރަޝްފޯޑް ލޯނު ޓްރާންސްފާގައި ވިލާއަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

02 ފެބުރުއަރީ 2025

ޕީއެސްޖީގެ މާކޯ އެސެންސިއޯ އާއި މެންޗެސްޓާ ޔުނައިޓެޑްގެ މާކޯސް ރަޝްފޯޑް ލޯނު ޓްރާންސްފާގައި އެސްޓަން ވިލާ އަށް ބަދަލުވެއްޖެ އެވެ.

އެ ދެ ކުޅުންތެރިންނާ އެކު ވެސް އުނައި އެމެރީގެ ޓީމުން އެއްބަސްވުން ހެދީ މި ސީޒަންގެ ނިޔަލަށެވެ.

އުމުރުން 29 އަހަރުގެ މިޑްފީލްޑަރު އެސެންސިއޯ އަކީ އެމެރީ މީގެ ކުރިން ވެސް ޝައުގުވެރިވު ކުޅުންތެރިޔެކެވެ. އޭނާ މުސާރައިގެ ހުރިހާ ހަރަދަކަށް ވިލާ އިން ޖާމިނުވާނެ އެވެ. ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް 2023 ގައި ހަމަވުމުން ހިލޭ ޓްރާންސްފާގައި އޭނާ ޕީއެސްޖީ އަށް ބަދަލުވި އެވެ. ފްރާންސްގެ ޗެމްޕިއަން ޓީމާ އެކު މި ސީޒަނުގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ.

ޔުނައިޓެޑްގެ ކޯޗު ކަމާ ނޮވެމްބަރު މަހު ރުބެން އަމޯރިމް ހަވާލުވެ ފުރަތަމަ ކޮޅު ރަޝްފޯޑް އެކަހެރި ކުރި ގޮތަށް އޭނާ އަށް ދެން އިތުރު ފުރުސަތެއް ނުދޭން އަމޯރިމް ނިންމި އެވެ.

މިހާރު ނިމުމަކާ ގާތުގައިވާ މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި އޭސީ މިލާނުން ވެސް ރަޝްފޯޑް ގެންދަން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ މުސާރަ އަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުން މިލާނުން އެ ވިސްނުން ދޫކޮށްލީ އެވެ.

ރަޝްފޯޑް ދޫކޮށްލަން ޔުނައިޓެޑުން އެއްބަސްވީ އޭނާގެ މުސާރައިގެ 70 ޕަސަންޓް ދޭން ވިލާއިން އެއްބަސްވުމުންނެވެ. އަނެއް 20 ޕަސަންޓް ދޭނީ ޔުނައިޓެޑުންނެވެ.

މިދިޔަ ސީޒަނުގައި ގަދަ ހަތަރެއްގައި އޮވެގެން ލީގު ނިންމާލި ވިލާ މި ވަގުތު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ. އެ ކްލަބް ވަރުގަދަ ކުރަނީ ޔޫރަޕްގެ މުބާރާތުން ޖާގައެއް ހޯދުމުގެ އުއްމީދުގަ އެވެ.