Roadha Mihaaru

މޯދީ އާއި ޓްރަމްޕު އަންނަ ހަފުތާގައި ބައްދަލުކުރައްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ މަހު ބައްދަލުކުރައްވާނެކަން އިންޑިއާއިން މިއަދު އިއުލާނުކޮށްފި އެވެ.

މޯދީ އާއި ޓްރަމްޕު އަންނަ ހަފުތާގައި ބައްދަލުކުރައްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ މަހު ބައްދަލުކުރައްވާނެކަން އިންޑިއާއިން މިއަދު އިއުލާނުކޮށްފި އެވެ.

މި މަހުގެ 12 އިން 13 އަށް ވޮޝިންޓަނަށް ވަޑައިގަންނަވާ މޯދީ ހިމެނެނީ ޓްރަމްޕް ދެ ވަނަ ފަހަރަށް ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން ޓްރަމްޕާ ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ މަދު ލީޑަރުންގެ ތެރޭގަ އެވެ.

އިންޑިއާގެ އިސް ޑިޕްލޮމެޓް ވިކްރަމް މިސްރީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއީ ވަރަށް ގާތް ގުުޅުމެއް އޮންނަ ދެ ލީޑަރުން ކަމަށާއި އެކަމަކު ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތަކުގައި އަދި މިހާތަނަށް އެންމެ އެކަށީގެންވާ ކުރިއެރުމެއް ހޯދިފައި ނެތް ކަމަށެވެ.

"މިއީ ދެގައުމުގެ މަސްލަހަތު ހިމެނޭ ހުރިހާ ދާއިރާއެއްގައި އާ ސަރުކާރު ބައިވެރިކުރުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތަކަށް ވެގެންދާނެ" ކަމަށާއި މޯދީ ޓްރަމްޕާ އެކު ބައިލެޓަރަލް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ފާއިތުވި އަހަރުތަކުގައި ބައިނަލްއަގްވާމީ ގޮތުން އަޅުގަނޑުމެންގެ އެންމެ ވަރުގަދަ އެއް ޕާޓްނާޝިޕް. ބޮޑުވަޒީރުގެ މި ދަތުރު ވާނީ އާ ސަރުކާރާ އެކު މި ގުޅުން އެގޮތުގައި ދެމެހެއްޓުމަށް ކުރައްވާ ދަތުރަކަށް،" މިސްރީ ވިދާޅުވި އެވެ.

މިދިޔަ މަހު ޓްރަމްޕް މަގާމުގެ ހުވާ ކުރެއްވުމާ އެކު އެންމެ ފުރަތަމަ މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި މޯދީ ހިމެނިވަޑައިގަންނަވަ އެވެ. އަދި އިންޑިއާ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އާއި އެމެރިކާގެ ލީޑަރުންނަކީ ވެސް 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ޓްރަމްޕް ވެރިކަމުގައި ހުންނެވި އިރު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ދެ ބޭފުޅުންނެވެ. އަދި މި ދެ ލީޑަރުންނަށް ވެސް، އެ ބޭފުޅުންގެ ހަރުކަށި ސިޔާސަތުތަކާ ހެދި ފާޑުކިޔުން އަމާޒުވެ އެވެ.

މޯދީ ވަނީ މީގެ ކުރިން 2017 އަދި 2019 ގައި ވެސް ޓްރަމްޕާ ބައްދަލުކުރައްވަން އެމެރިކާއަށް ވަޑައިގެންފަ އެވެ. އަދި މޯދީ ނިސްބަތްވާ ގުޖަރާތުގައި ޓްރަމްޕާ އެކު ބޮޑު އެއްވުމެއް ބާއްވައި މަރުހަބާ ދަންނަވާފައި ވާއިރު ޓްރަމްޕް ވަނީ އެމެރިކާގެ ހިއުސްޓަންގައި މޯދީއަށް މިފަދަ މަރުހަބާއެއް ދަންނަވައިފަ އެވެ.