Roadha Mihaaru

ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 10،000 އިން 300 އަށް މަދުކުރަނީ

އެމެރިކާ ސަރުކާރުން އެހެން ގައުމުތަކުގައި ހިންގާ އެހީގެ ޕްރޮގްރާމްތައް މެނޭޖުކުރާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ މުވައްޒަފުންގެ އަދަދު 10،000 އިން 300 އަށް މަދުކުރަން ނިންމާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ

އެމެރިކާ ސަރުކާރުން އެހެން ގައުމުތަކުގައި ހިންގާ އެހީގެ ޕްރޮގްރާމްތައް މެނޭޖުކުރާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ މުވައްޒަފުންގެ އަދަދު 10،000 އިން 300 އަށް މަދުކުރަން ނިންމާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެ ވަޑައިގަތުމަށް ފަހު ހަރަދު ކުޑަކުރުމުގެ ނަމުގައި އަޅާ ފިޔަވަޅުތަކުގައި ޔޫއެސްއެއިޑް ބަންދުކުރަން ވެސް ތައްޔާރަށް ވެސް ތިބި ކަމަށް ކުރިން ވަނީ ޓްރަމްޕުގެ އެޑްވައިޒަރު އީލޮން މަސްކް ވިދާޅުވެފަ އެވެ. މިއަދު ޓްރަމްޕް ވަނީ ޔޫއެސްއެއިޑް އޮތީ ކޮރަޕްޝަނުން ފުރިފައި ކަމަށާއި "ހަމަ މިހާރު ބަންދުކުރަންޖެހޭ" ކަމަށް ވިދާޅުވެފަ އެވެ.

ނިއު ޔޯކް ޓައިމްސްއަށް ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުން ވަކިކުރަން ނިންމާފައި ވާއިރު އެ ޖަމިއްޔާގައި ދެމިތިބޭނީ ސިއްހީ އަދި އިންސާނީ އެހީގެ ދާއިރާއިން ހާއްސަވެފައިވާ މުވައްޒަފުން ކަމަށެވެ.

ޓައިމްސް ނޫހުން ބުނީ ޔޫއެސްއެއިޑްގެ މުވައްޒަފުން ތަމްސީލުކުރާ ދެ ޔޫނިއަނަކުން ބުރާސްފަތި ދުވަހު ޓްރަމްޕާއި އޭނާގެ ސަރުކާރާ ދެކޮޅަށް ދައުވާކޮށް، މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި އެ އެޖެންސީ އުވާލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވާ ކަމަށެވެ.

އެ މައްސަލާގައި ބުނެފައި ވަނީ ކޮންގްރެސްގެ ރުހުން ހޯދައިގެން ނޫނީ އެ އެޖެންސީ އުވާނުލެވޭނެ ކަމަށެވެ.

ޔޫއެސްއެއިޑަކީ މޮޔައިންގެ ބަޔަކު ހިންގާ އަދި ބޭކާރު ހަރަދުކުރާ ތަނެއް ކަމަށް ޓްރަމްޕާއި މަސްކް ވިދާޅުވެފައި ވާއިރު އެ އެޖެންސީން މިހާރު ފަށަން ތައްޔާރުވެފައިވާ އެތައް ޕްރޮޖެކްޓެއް ވެސް ހުއްޓާލަން މިހާރު ވަނީ ނިންމައިފަ އެވެ.

ޔޫއެސްއެއިޑްގެ އޮފިޝަލުންނަށް މިހާރު ވަނީ އެ އެޖެންސީ މެދުވެރިވެގެން ކޮށްފައިވާ 800 އެވޯޑާއި ކޮންޓްރެކްޓް ބާތިލް ކުރަމުން އަންނަކަން ވެސް އަންގައިފަ އެވެ.

ކޮންގްރެސް އިން ވަކި ގާނޫނަކުން އުފައްދާފައިވާ މިނިވަން އިދާރާއެއް ކަމަށްވާ ޔޫއެސްއެއިޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ އެހީ އާއި ތަރައްގީއަށް އެހީވުމަށް ކަނޑައަޅާފައިވާ 42.8 ބިލިއަން ޑޮލަރުގެ ބަޖެޓެއް ބަލަހައްޓަ އެވެ.

ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވަނީ އެހީގެ ހުރިހާ ހަރަދެއް ތިން މަސް ދުވަހަށް މަޑުޖައްސާލަަން އަންގަވައިފަ އެވެ. އެކަމަކު ފަހުން ވަނީ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީތައް ކުރިއަށް ގެންދިއުމަށް ލުޔެއް ދެއްވައިފަ އެވެ. ނަމަވެސް އެ ޖަމިއްޔާގެ މުސްތަގުބަލާ މެދު ނުތަނަވަސްކަން އުފެދި އެކި ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޓްރަމްޕް ވަނީ ޔޫއެސްއެއިޑް ހިންގަން ތިބީ "ހަރުކަށި ފިކުރުގެ މޮޔައިންތަކެއް" ކަމަށާއި "އެ މީހުން ބޭރުކޮށްލާނަން" ކަމަށް ވިދާޅުވެފަ އެވެ.