Roadha Mihaaru

33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް: ރައީސް

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް: ރައީސް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

08 ފެބުރުއަރީ 2025

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް 33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ބޭއްވި ބައިލެކްޝަނުގައި 12 ގޮނޑީގެ ތެރެއިން 9 ގޮނޑި ލިބުނީ ޕީއެންސީއަށެވެ. އިދިކޮޅު އެމްޑީޕީ އަށް ދެ ގޮނޑި ކާމިޔާބު ކުރެވުނުއިރު އަމިއްލަ ގޮތުން ވާދަކުރި ދެ މީހަކު ވެސް އިންތިހާބު ކާމިޔާބުކުރި އެވެ.

ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ، ބައިއިލެކްޝަނުގައި މިއަދު ބާއްވަން ކަނޑައެޅި 37 ގޮނޑީގެ ތެރެއިން އިންތިހަބަކާ ނުލައި 24 ގޮނޑި އެ ޕާޓީއަށް ލިބުމާއި އިންތިހާބު ބާއްވައިގެން 9 ގޮނޑި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އަތޮޅު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލް މެމްބަރުކަމުގެ 2 ގޮނޑި، އަންހެނުންގެ ތަަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި މިއަދު ޕީއެންސީން ވަނީ ކާމިޔާބުކޮށްފައި،" ރައީސް ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައި ކުރެއްވި އެ ޕޯސްޓުގައި ރައީސް މުއިއްޒު ވަނީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރި ފަރާތްތަކާއި ވޯޓުގައި ބައިވެރިވި މީހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ބައި އިލެކްޝަންގައި އިންތިހާބަކާ ނުލައި 24 ގޮނޑި ޕީއެންސީން ހޯދި އެވެ. އެއީ އެ ދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުންނެވެ.

މިއަދުގެ ބައި އިލެކްޝަންގައި ޕީއެންސީން ކާމިޔާބުކުރީ ނ. ލަންދޫ ކައުންސިލުގެ އަންހެން މެމްބަރުގެ ގޮނޑި އާއި ހދ. ހިރިމަރަދު އާއި ބ. ގޮއިދު އާއި ބ. ފެހެންދުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އެވެ. އަދި ރ. އިންނަމާދުގެ ދެ ގޮނޑި އާއި ލ. ގަމާއި ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއެއް ވެސް އެ ޕާޓީން ކާމިޔާބުކުރި އެވެ. އެމްޑީޕީއަށް ލިބުނީ ނ. މިލަދު އާއި އދ. ހަންޏާމީދޫގެ ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ މެމްބަރުން ހޮވުނީ ހދ. މަކުނުދު އާއި ދ. ހުޅުދެލި އަންހެނުންގެ ކޮމިޓީއަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އިންތިހާބުގައި 6،275 މީހަކު ވޯޓުލި އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 55.41 ޕަސެންޓް މީހުންނެވެ.