Roadha Mihaaru

އުލިގަމުގައި ކަދުރު ގެންދާނެ ބަޔަކު ނުވެގެން ދެވަނަ ފަހަރަށް އިއުލާންކޮށްފި

ހއ. އުލިގަމަށް ބަހަން ސަރުކާރުން ފޮނުވި، ސައުދި އަރަބިއްޔާ އިން ހަދިޔާކުރި ކަދުރު ގެންދާނެ ބަޔަކު ނުވެގެން ދެވަނަ ފަހަރަށް މިއަދު އިއުލާންކޮށްފި އެވެ.

އުލިގަމުގައި ކަދުރު ގެންދާނެ ބަޔަކު ނުވި
އިފްރާޒް އަލީ
އިފްރާޒް އަލީ

09 ފެބުރުއަރީ 2025

ހއ. އުލިގަމަށް ބަހަން ސަރުކާރުން ފޮނުވި، ސައުދި އަރަބިއްޔާ އިން ހަދިޔާކުރި ކަދުރު ގެންދާނެ ބަޔަކު ނުވެގެން ދެވަނަ ފަހަރަށް މިއަދު އިއުލާންކޮށްފި އެވެ.

އަބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ކަދުރު ބެހުމަށް ކުރިން ކުރި އިއުލާނާ ގުޅިގެން ގިނަ ގެތަކުން ކަދުރު ގެންގޮސްފައި ނުވާތީ، ބާކީ ހުރި 13 ޕެކެޓް ކަދުރު ބެހުމަށް ދެވަނަ ފަހަރަށް އިއުލާންކުރާ ކަމަށެވެ.

ބާކީ ހުރި ކަދުރު ބޭނުންވާ ކޮންމެ ގެއަކުން އެކަކު، މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އާ ދެމެދުގައި، އައިޑީކާޑާއި ކަރަންޓު މީޓަރުގެ ނަންބަރު ކަށަވަރުކުރެވޭނެ ލިޔުމެއް ހިފައިގެން ކައުންސިލް އިދާރާއަށް ދިއުމަށް އެ އިއުލާނުގައި ބުންޏެވެ.

އުލިގަމު ކައުންސިލުން ބުނީ ކަދުރު ދޫކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، މީހުން ދިރިއުޅޭ ގޭގޭގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއްގެ މަގުން، 13 ޕެކެޓް ކަދުރު ހުސްވަންދެން ކަމަށެވެ.

ސަރުކާރުން ވަނީ އެ ރަށަށް ބެހުމަށް ޖުމްލަ 18 ޕެކެޓު ކަދުރު ފޮނުވައިފަ އެވެ.

ސައުދީން ވަނީ މި އަހަރު ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މާލެ ސަރަހައްދުގެ 46،251 ގެއަކަށް 11،375 ޕެކެޓުގެ ކަދުރު ވަނީ ދޫކޮށްފަ އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކަށް ވަނީ 56،461 ގޭބިސީއަށް ވާ 10،788 ޕެކެޓު ބަހަން ދޫކޮށްފަ އެވެ.

ރާއްޖެއަށް މި ފަހަރު ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.